01 Jan 2023, 14:31
މުދަލާއި ޚިދުމަތުގެ އަގުން ނެގޭ ޓެކްސް (ޖީއެސްޓީ) ބޮޑު ކުރުމާއެކު އޭގެ އެންމެ ބޮޑު އަސަރެއް ކުރާނެ ބަޔަކީ ޢާންމު ރައްޔިތުންނެވެ. ނިކަމެތިންނެވެ. ޖީއެސްޓީގެ ސަބަބުން ބޮޑުވާ ކޮންމެ ރުފިޔާއަކީ ވެސް ރައްޔިތު މީހާގެ ދިރިއުޅުމަށް އެކަމުން ލޮޅުން އަރާނެ ކަމެކެވެ. ޖީބަށް އިހުސާސްވާނެ ބުރައެކެވެ.
މިއަދުން ފެށިގެން ޖީއެސްޓީ ބޮޑުވިއިރު، އެކަމާ މެދު ޢާންމުންގެ ކަންބޮޑުވުންތައް އިންތިހާއެވެ.
"ޖީއެސްޓީ އަކީ ރައްޔިތުން ފެލާލުން"
ގިނަ ރައްޔިތުން ދެކޭގޮތުގައި ޖީއެސްޓީ އަކީ "ފެލާލުމެވެ". އެއީ ދެވޭ އަނިޔާއެއްގެ ގޮތުގައި ގިނަ މީހުން ސިފަކުރެއެވެ.
"ސަން" އާ ވާހަކަ ދެއްކި ޢާންމު ރައްޔިތަކު ބުނި ގޮތުގައި ޖީއެސްޓީއަކީ ސަރުކާރުން ރައްޔިތުން "ފެލާލުމަށް"ޓަކައި ކުރާ ކަމެކެވެ. އޭނާ ދެކޭ ގޮތުގައި ޖީއެސްޓީ ނެގުމަކީ ވަގުތުން ވަގުތަށް ހުއްޓައިލަން ޖެހޭ ކަމެކެވެ.

އަމީނީމަގު ލޯކަލް މާރުކޭޓް -- ސަން ފޮޓޯ/ ފަޔާޒު މޫސާ
އިތުރު މީހަކު ބުނީ ޖީއެސްޓީއަށް ދެ އިންސައްތައިގެ އިތުރުވުމެއް ގެނައުމަކީ ސަރުކާރުން ހެދި ގޯހެއް ކަމަށާއި ޓެކްސް ބޮޑު ނުކޮށް، އާމްދަނީ އިތުރު ކުރެވޭނެ ގޮތްތައް އެބަހުރި ކަމަށެވެ.
އަގު ބޮޑު ތަކެތި ހައްތަހާ އަގު ބޮޑު
ޖީއެސްޓީ ބޮޑު ކުރުމާއެކު އޭގެ އެންމެ ބޮޑު ތަފާތެއް އައީ ކުރިން ވެސް ބޮޑު އަގުގައި ވިއްކާ ތަކެއްޗަށެވެ. އޭގެ ތެރޭގައި ގޭތެރެއަށް ބޭނުންވާ ތަކެއްޗާއި، ހާޑް ވެއާ ތަކެއްޗާއި އަދި ކޮންސްޓްރަކްޝަން ތަކެތި ހިމެނެއެވެ.
މިއަދު ވާހަކަދެއްކި އާންމުން ގަބޫލުކުރާ ގޮތުގައި ކުރިން 15،000 ރުފިޔާއަށް ލިބޭ އައިސް އަލަމާރިއެއް މިހާރު ޖީއެސްޓީ އާ އެކު 1200 އެއްހާ ރުފިޔާ އިތުރު ވުމަކީ އޭގެ ސަބަބުން ރައްޔިތުންނަށް ބޮޑު ގެއްލުމެއް ލިބޭނެ ކަމެކެވެ.
ބާޒާރު ފިހާރަބަރި ސަރަހައްދު -- ސަން ފޮޓޯ/ ފަޔާޒު މޫސާ
"މިސާލަކަށް 15 ރުފިޔާއަށް ދޭ އެއްޗަކުން 1.2 ރުފިޔާ އިތުރު ވީމާ އޭގެން ޢާންމުންގެ ޖީބަށް މާ ބޮޑު ތަފާތެއް ނުފެނިދާނެ. އެކަމަކު ބޮޑު އަގަކަށް ބޮޑު ތަފާތެއް އަންނަންޏާ އެއީ އަޅުގަނޑުމެން ފަދަ ޢާންމުންނަށް ގެއްލުމެއް،" އާންމުންގެ މީހަކު ބުންޏެވެ.
އާންމުންގެ ކަންބޮޑުވުން ބޮޑުވި ނަމަވެސް، މިއަދަކީ ޖީއެސްޓީ ބޮޑުކޮށް، އެކަމަށް ޢަމަލު ކުރަން ފެށި ފުރަތަމަ ދުވަހަށް ވުމުން އަދި މާ ބޮޑު އަސަރެއް މާރުކޭޓުން ފެންނާކަށް ނެތެވެ. އެކަމަކު، ކުރިއަށް އޮތް ދުވަސްތަކުގައި އެކަމުގެ އަސަރު ބޮޑުވެ، އޭގެން ރައްޔިތުންނަށް ކުރާ ނޭދެވޭ އަސަރު ވެސް ބޮޑުވާނެއެވެ.
ޖީއެސްޓީ ނުނަގާ ތަކެތީގެ އަގު ބޮޑު ކުރާ ކަމުގެ ޝަކުވާ
"އަޅުގަނޑު މާކެޓަށް ގޮސް އާފަލެއް ނެގީމަ އެބަ ބުނޭ ކުރިން 5 ރުފިޔާއަށް ލިބޭ އާފަލު މިހާރު ޖީއެސްޓި ބޮޑު ވީމަ ލިބެނީ 10 ރުފިޔާއަށޭ. އެކަމަކު އަޅުގަނޑަށް އިނގެޔޭ ޖީއެސްޓީ އެއިން ނުނެގޭ ކަން،" މީހަކު ބުންޏެވެ.

މާލޭގެ މަސްމާރުކޭޓުގައި ޢާންމުން --- ސަން ފޮޓޯ/ މުހައްމަދު ހައްޔާން
މިއީ ޖީއެސްޓީ ބޮޑު ކުރުމާއެކު ފެންމަތިވި އެންމެ ބޮޑު އެއް މައްސަލައެވެ. ޓެކްސް ނުނަގާ ތަކެތީގެ އަގުތައް ވެސް ޓެކުހަށް އައި ބަދަލާއެކު ބޮޑު ކުރާތީއެވެ. ޖީއެސްޓީ ހަ އިންސައްތައިން އަށް އިންސައްތައަށް ބޮޑު ކުރި ނަމަވެސް، ޖީއެސްޓީ ނުނެގޭ ތަކެތި ހުރެއެވެ. އޭގެ ތެރޭގައި ހިމެނެނީ:
ކާޑުގެ ބާވަތްތައް (ހަނޑޫ، ހަކުރު އަދި ފުށް)
- ލޮނު، ކިރު، ސައިފަތް އަދި ކާތެޔޮ
- މަހާއި މަހުގެ ބާވަތްތައް
- ފިޔާ އަދި އަލުވި
- ހަވާދުގެ ބާވަތްތައް
- ދިޔާހަކުރު، ކުރުނބާ ކުރޮޅި އަދި ކާށި،
- ކެރެޓް، ކެބެޖް ބީންސް އަދި ޓޮމާޓޯ
- ހުރިހާ ބާވަތްތަކުގެ މޭވާ
- ޕާން އަދި ބަނަސް
- ކުޑަކުދިންގެ ނެޕީއާއި ބޮޑެތި މީހުންގެ ނެޕީ
- ކުޑަކުދިންގެ ކާބޯތަކެތި
- ޓިޝޫ އަދި ޕެޓްރޯލް
- ގޭސް، ޑީސެލް އަދި ޕެޓްރޯލް
މި ބާވަތްތަކުން ޖީއެސްޓީ ނެގުމަކީ މަނާ ކަމެކެވެ.
ޢާންމުންގެ ކަންބޮޑުވުންތައް މިކަމުގައި އިންތިހާއެވެ. ޖީއެސްޓީގެ ސަބަބުން ޢާންމުކޮށް ތަކެތީގެ އަގަށް އަންނާނެ ބަދަލުތަކާއެކު، އޭގެން ރައްޔިތުންގެ ޖީބަށް އަދި ދިރިއުޅުމަށް ކުރާނެ އަސަރު ވެސް ބޮޑެވެ. އެކަން ކުޑަކުރުމަށް ޑައިރެކްޓް ސަބްސިޑީއެއް ތައާރަފު ކުރުމަށް ސަރުކާރުން އަންނަނީ މަސައްކަތް ކުރަމުންނެވެ.