މާލެތެރެ ސާފު ކުރުމުގެ މަސައްކަތާ މާލޭ ސިޓީ ކައުންސިލުން ހަވާލުވި ފަހުން ސަރުކާރުން ވެމްކޯ ލައްވާ ކުރުވަނީ ޖެއްސުން ކަމަށް މަލޭގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

މާލެ ސާފު ކުރުމުގެ މަސައްކަތާ މިދިޔަ އަންގާރަ ދުވަހުން ފެށިގެން ސިޓީ ކައުންސިލުން ވަނީ ހަވާލުވެފައެވެ. އެކަމަކު، ކައުންސިލަށް އެ މަސައްކަތް ނުކުރެވި، މާލެ ގޮނޑުވާ ކަމަށް ވިދާޅުވެ، ތިމާވެއްޓާ ބެހޭ ވަޒީރު އައިމިނަތު ޝައުނާ ވަނީ ވަކި ބަޔަކަށް ބެލުމެއް ނެތި މާލެ ސާފު ކުރަން ނުކުންނަން ވެމްކޯއަށް އަންގާފައެވެ.

އެކަމާ ގުޅިގެން ނުރުހުން ފާޅުކުރައްވާ މިއަދު "ސަން"އާ ވާހަކަދައްކަވަމުން މޭޔަރު މުއިއްޒު ވިދާޅުވީ ސަރުކާރުން ކުޅެން އުޅޭ ސިޔާސީ ކުޅިގަނޑެއް ނުކުޅެވޭނެ ކަމަށާއި، ސިޓީ ކައުންސިލުން މާލެ ސާފު ކުރާނެ ކަމަށެވެ.

އޭނާ ވިދާޅުވީ ވެމްކޯއަށް ފައިސާ ދައްކައިގެން ކުނި ނެރޭ ގޭގެއިން އާންމު ގޮތެއްގައި ކުނި ނެރެނީ ގޭ ތިރިއަށް ނުވަތަ އެ މަގެއްގެ ވަކި ހިސާބަކަށް ކަމަށެވެ. އެހެންވެ، އެގޮތަށް ނެރޭ ކުނި އެކުންފުނިން ސާފު ކުރުން ހުއްޓާލުމަށް ފަހު، މަސައްކަތް ކޮށްފައިވަނީ ސިޓީ ކައުންސިލް ބަދުނާމު ކުރަން ކަމަށް އޭނާ ވަނީ ތުހުމަތު ކުރައްވައިފައެވެ.

"ގޭގޭ ދޮރުމައްޗަށް ނެރުނީމާ އެމީހުން [ވެމްކޯއިން] ނުގެންދިޔައީ ކުނި. ނުގެންދިޔައިމާ ދެން ވާގޮތަކީ އަޅުގަނޑުމެންގެ ލޯޑު ބޮޑުވާނެ. އަޅުގަނޑުމެން ޕްލޭން ކޮށްފައި އޮތީ ގޭގޭގެ ކުނި ނަގާކަށް ނޫން ވީމަ، ލޮރީތަކާއި މުވައްޒަފުން ނެގީ މަގުމަތި ކުނިކަހަން ބޭނުންވާ ވަރަށް ވީމާ، އެއް ފަހަރާ ހުރިހާ ކުންޏެއް އަޅުގަނޑުމެންނަށް ނުނެގުނީ،"ޑރ. މުހައްމަދު މުއިއްޒު

އަދި، އާންމުކޮށް މާލޭގައި ކުނި އެއްކޮށްފައި ހުންނަ ސަރަހައްދުތަކުގެ ލިސްޓެއް އާންމުކުރައްވާ މޭޔަރު ވަނީ އެ ސަރަހައްދުތަކަށް ކުނި ޖަމާނުކުރުމަށް އިލްތިމާސްކޮށްފައެވެ. އެފަދައިން ވެމްކޯއިން ނުނަގާ ބަހައްޓާފައި ހުރި ކުނީގެ 130 ޓަނު ކުނި ނަގާ، ސާފު ކޮށްފައިވާ ކަމަށް މުއިއްޒު ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ ސަރުކާރުން މަސައްކަތް ކުރީ ކައުންސިލް ބަދުނާމު ކުރުމަށް ކަމަށެވެ.

"ޖެއްސުން ކުރިޔަސް ކައުންސިލުން މާލެ ސާފު ކުރާނެ"

މޭޔަރު މުއިއްޒު ވިދާޅުވީ ސަރުކާރުން މިކަމުގެ ސިޔާސީ ފައިދާތަކެއް ނަގަން ސިޓީ ކައުންސިލާ ކިތަންމެ ވަރަކަށް ވެސް ޖެއްސުން ކުރައްވަންވީ ކަމަށެވެ. އެކަމަކު، މާލޭ މަގުތައް ސާފު ކުރުމުގެ މަސައްކަތް އިތުރު ބަޔަކަށް ބެލުމެއް ނެތި ކުރިއަށް ގެންދަވާނެ ކަމުގެ ޔަގީންކަން އޭނާ ވަނީ ދެއްވާފައެވެ.

"އަބަދުވެސް މިބުނަނީ އަޅުގަނޑުމެން ނުވަންނާނަމޭ ވެމްކޯގެ މަސައްކަތުގެ ތެރެއަކަށް. އަޅުގަނޑުމެން ނަގާނީ މަގުމަތީގައި ހުންނަ، މަގު މައްޗަށް އެޅޭ ކުންޏޭ،" އޭނާ ވިދާޅުވިއެވެ.

ވެމްކޯ ކުނި ކަލެކްޝަން މީހުން ގޭގެއިން ކުނި ނަގަނީ -- ސަން ފޮޓޯ/ ފަޔާޒު މޫސާ

އޭނާ ވިދާޅުވީ ވެމްކޯއިން ކައުންސިލަށް ޖެއްސުން ކުރަން ގޭގެއިން ނެރޭ ކުނި މަގުމަތީ ބެހެއްޓީ ކަމަށާއި އެކަމަކު، ކައުންސިލުން މިހާރު އެކުނިތައް ވެސް ނަގާފައިވާ ކަމަށެވެ. އަދި، ކުރިއަށް އޮތްތަނުގައި އިތުރު މުވައްޒަފުންނާއެކު މާ އަވަސް މިނެއްގައި އެ މަސައްކަތް ކުރިއަށް ގެންދެވޭނެ ކަމަށް މޭޔަރު ގަބޫލުކުރައްވައެވެ.

"އެމީހުންނަށް އެކަން ނުވެގެން އެގްރީމެންޓް އާ ނުކުރީވެސް. ކިތަންމެ ވަރެއް ކުރިޔަސް އެމީހުންނާއެކު އެގްރީމެންޓެއް ނުހަދާނަން، ނުކުރާނަން ހަވާލެއް މި ކައުންސިލަކުން އެމީހުންނަކާ މި މަސައްކަތެއް އިތުރަކަށް"ޑރ. މުހައްމަދު މުއިއްޒު

އޭނާ ވިދާޅުވީ މިނިސްޓަރު ޝައުނާއަށް ވާނުވާ ވެސް ނޭނގޭ ކަމަށާއި އެބޭފުޅުން މަސައްކަތް ކުރައްވަނީ ސިޔާސީ ފައިދާއެއް ހާސިލު ކުރެވޭތޯ ކަމަށެވެ.

"އީޕީއޭއަށް އަދި ކިރިޔާތަ ފެނުނީ މާލޭ މަގުމަތީގައި ކުނި ހުއްޓާ؟ މިކަހަލަ ސިޔާސީ ޑާޓީ ޕޮލިޓިސް މިއީ އަޅުގަނޑުމެންނަށް އާ ކަންކަމެއް ނޫން." އޭނާ ވިދާޅުވިއެވެ.

"ވެމްކޯގެ ގޮތެއް ފޮތެއް ނެތް"

މުއިއްޒު ވިދާޅުވީ ވެމްކޯއާއި ސަރުކާރުން ކަންތައް ކުރައްވަނީ ގޮތެއް ފޮތެއް ނެތި ކަމަށެވެ. އަދި، ސިޓީ ކައުންސިލާ ޖެއްސުން ކުރުމުގެ ގޮތުން މަގުމައްޗަށް ކުނި ޖަމާކޮށްފައި ނުނެގުމުގެ ސަބަބުން އާންމުންގެ ކަންބޮޑުވުން ވެސް ކައުންސިލާ ހަމައަށް އައިސްފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.

މާލޭ ސިޓީ ކައުންސިލްގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު -- ސަން ފޮޓޯ/ ނާއިލް ހުސައިން

"ވެމްކޯ އެމްޑީ ބޭނުންފުޅުވާ ވަރަކަށް މަގުމައްޗަށް ކުނި އަޅުއްވާށޭ. އަޅުގަނޑުގެ އިލްތިމާސް އޮތީ ރައްޔިތުނަށް. ރައްޔިތުން، ސިޓީ ކައުންސިލަށް އެއްބާރުލުން ދެއްވީމާ އަޅުގަނޑުމެން ހުރިހާ ކަމެއް ގެންދާނަން ބަރާބަރަށް،" މުއިއްޒު ވިދާޅުވިއެވެ.

އެކަމަކު، އިތުރު މުވައްޒަފުންނާއެކު މި ހަފުތާއިން ފެށިގެން މާލެތެރެ ސާފު ކުރުމުގެ މަސައްކަތް މިހާރަށްވުރެ ވެސް ހަރުދަނާ ވާނެކަން ފާހަގަކުރައްވާ އޭނާ ވިދާޅުވީ ވެމްކޯއިން އެއްވެސް ކުންޏެއް ނުނެގިއަސް ކައުންސިލުން މާލެތެރެ ސާފުކޮށް ބަލަހައްޓާނެ ކަމުގެ ޔަގީންކަން އަރުވާ ކަމަށެވެ.

މޭޔަރު ގަބޫލުކުރައްވާ ގޮތުގައި ސަރުކާރުން ސިޓީ ކައުންސިލަށް ޖެއްސުން ކުރަނީ ސީދާ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހް އަންގަވައިގެންނެވެ.

ވެމްކޯއަކީ މާލޭގެ ކުނި މެނޭޖްކުރުމަށް ކުރީ ސަރުކާރުގައި 2016 ވަނަ އަހަރު އުފެއްދި ކޯޕަރޭޝަނެކެވެ. ވެމްކޯއިން ވަނީ މިދިޔަ ފަސް އަހަރު ދުވަހުގެ މުއްދަތުގައި މާލެތެރެ ސާފު ކުރުމާއި ގޭބިސީތަކުން ކުނި ނެގުމުގެ މަސައްކަތް ކުރިއަށް ގެންގޮސްފައެވެ.