01 Jan 2023, 11:08
ނިމިދިޔަ 2022 ވަނަ އަހަރަކީ ދިމާވި އެކި ގޮންޖެހުންތަކާއެކުވެސް ގިނަ ކާމިޔާބީތަކެއް ހާސިލްކުރެވުނު އަހަރެއް ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާޙީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުންގެ ނަންފުޅުގައި ދިވެހި ރައްޔިތުންނަށް މީލާދީ އައު އަހަރުގެ ތަހުނިޔާ ފޮނުއްވައި އެމަނިކުފާނު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، މިދިޔަ އަހަރު ހާސިލް ކުރެވުނު ކާމިޔާބީތަކަށްޓަކައި ފަޚުރުވެރިވެ ވަޑައިގަންނަވާ ކަމަށެވެ.
އަދި، މި ފެށުނު އާ އަހަރާ އެކީ އިތުރު ފުރުސަތުތައް ފަހިވެ، ދިވެހިންނަށް އިތުރު ފާގަތިކަމަށް އެދިވަޑައިވަޑައިގަންނަވާ ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.
ރައީސް ވަނީ މިއަހަރަކީ ހުރިހާ ރައްޔިތުންނަށް ހެޔޮ ސިއްޙަތާއި ކުރިއެރުން ލިބޭނެ އަހަރަކަށް ވުމަށް އެދިވަޑައިގެންފައެވެ.
ނިމިގެން ދިޔަ އަހަރު ފާހަގަކުރެވިފައިވަނީ ކޮވިޑް-19 ގެ ބަލިމަޑުކަމާއި ރަޝިއާ – ޔޫކްރެއިން ހަންގުރާމައިގެ ސަބަބުން މުޅި ދުނިޔެއަށް ކުރިމަތިވި އިގްތިސާދީ ގޮންޖެހުންތަކުން އަރައި ގަތުމަށް ސަރުކާރުން މުހިންމު މަސައްކަތްތަކެއް ކުރި އަހަރެއްގެ ގޮތުގައެވެ.
ނަމަވެސް ރައްޔިތުންނަށް ވީ ވައުދުތައް ފުއްދުމަށްޓަކައި ހިތްހަމަޖެހިވަޑައިގަންނަވާ ވަރަށް މަސައްކަތްތަކެއް ކޮށްދެވިފައިވާ ކަމަށް އެމަނިކުފާނު ވަނީ ވިދާޅުވެފައެވެ. އަދި، ރައްޔިތުންނަށް ބޭނުންވާ އަސާސީ ޚިދުމަތްތައް ފޯރުކޮށްދިނުމަށްޓަކައި ކެނޑިނޭޅި މަސައްކަތް ކުރެއްވި ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.
ރައީސްގެ ދެކަނބަލުން މިވަގުތު ހުންނެވީ ނުރަސްމީ ދަތުރުފުޅެއްގައި ލަންކާގައެވެ.