މުޅި ރާއްޖެއަށް ކޭބަލް ޓީވީގެ ޚިދުމަތް ފޯރުކޮށްދިނުމަށް ތައްޔާރުވަމުންދާ އެސްއެސްނެޓްގެ ޚިދުމަތް ހޯދާ ފަރާތްތަކަށް ބޭނުންވާ މަޢުލޫމާތު ފޯރުކޮށްދިނުމަށް އެސްއެސްނެޓްގެ ކޯލްސެންޓަރު ޤާއިމްކޮށް މިއަދު ޚިދުމަތް ދޭން ފަށައިފިއެވެ.

1633 (ސޯޅަ ތެއްތިރީސް) އަށް ގުޅުމުން އެސްއެސްނެޓްގެ ޚިދުމަތަށް އެދެން ބޭނުންވާ ފަރާތްތަކަށް ލިބެންޖެހޭ އަސާސީ މަޢުލޫމާތު މިއަދުން ފެށިގެން ލިބޭނެ ކަމަށް އެސްއެސްނެޓް މެނޭޖްކުރާ ސަން ސިޔާމް މީޑިއާގެ ސީއޯއޯ މުޙައްމަދު ޢާޞިފް (މޮންދު) ވިދާޅުވިއެވެ.

މޮންދު ވިދާޅުވި ގޮތުގައި ދިރާގު ޓީވީން ލިބޭ ޚިދުމަތްތައް އެސްއެސްނެޓުން ފޯރުކޮށްދިނުމަށް އެންމެފަހުގެ ތައްޔާރީތައް އަންނަނީ ވަމުންނެވެ. ދިރާގު ޓީވީގެ ޚިދުމަތް ހުއްޓާލާ ދުވަހުން ފެށިގެން އެސްއެސްނެޓްގެ ޚިދުމަތް ލިބޭނެއެވެ.

"ޖަނަވަރީ 15 އިން ފެށިގެން ދިރާގުޓީވީގެ ކަސްޓަމަރުންނަށް އެސްއެސްނެޓަށް ބަދަލުވުމުގެ ފުރުޞަތު ފަހިކޮށްދޭނެ. އެކަން ވަރަށް ފަސޭހައިން ކުރެވި، އެއްވެސް ތަކުލީފެއް އުފުލަން ނުޖެހި ބަދަލު ވެވޭނެ،" މޮންދު ވިދާޅުވިއެވެ.

އަލަށް އެސްއެސްނެޓްގެ ކޭބަލްޓީވީ ޚިދުމަތް ބޭނުންވާ ފަރާތްތަކުގެ މަޢުލޫމާތު ހޯދައި އެފަރާތްތަކަށް ޚިދުމަތް ދިނުމަށް އެންމެ ލުއި ފަސޭހަގޮތްތައް ވެސް ފަހިކޮށްދެއްވާނެކަމަށް މޮންދު ވިދާޅުވިއެވެ.

މިހާރު ދިރާގު ޓީވީގެ ޚިދުމަތް ލިބޭ ހުރިހާ ރަށަކަށް ވެސް އެސްއެސްނެޓްގެ ޚިދުމަތް ލިބޭނެއެވެ. މޮންދު ވިދާޅުވިގޮތުގައި ދިރާގު ޓީވީގެ ޚިދުމަތް ދޫކޮށް އެހެން ފަރާތަކަށް ދިޔުމުގެ ބަދަލުގައި ސީދާ އެސްއެސް ނެޓަށް ޚިދުމަތް ސްވިޗްކޮށްލައިފިނަމަ ކަސްޓަމަރުންނަށް ކުރިމަގުގައި ވަރަށް ގިނަ ފައިދާތައް ލިބޭނެއެވެ. އަދި އެ ފުރުޞަތު ޖަނަވަރީ 15 އިން ފެށިގެން ދިރާގު ޓީވީގެ ކަސްޓަމަރުންނަށް ފަހިވާނެ ކަމަށް ވެސް މޮންދު ވިދާޅުވިއެވެ.

މޮންދު އިތުރަށް ވިދާޅުވީ އެސްއެސްނެޓްގެ ޚިދުމަތް އަލަށް ހޯދުމަށާއި އެސްއެސްނެޓަށް ބަދަލުވުމަކީ ވެސް ވަރަށް ފަސޭހައިން ކުރެވިދާނެ ކަމެއްކަމަކެވެ. ބަދަލުވުމަށް އެއްވެސް ފައިސާއެއް ދައްކަން ނުޖެހޭއިރު މިހާރު ދިރާގު ޓީވީގެ ކަސްޓަމަރުން ބޭނުންކުރަމުންދާ ސެޓްޓޮޕް ބޮކްސް ބަދަލު ނުކޮށް އެ ބޭނުން ކުރެވޭނެކަމަށް ވެސް ވިދާޅުވިއެވެ.

އެސްއެސްނެޓް ކަސްޓަމާ ސާވިސްގެ ކޯލްސެންޓަރު ހުޅުވިފައި ހުންނާނީ ހުކުރު ދުވަސް ފިޔަވައި ކޮންމެ ދުވަހެއްގެ ހެނދުނު 9:00 އިން ރޭގަނޑު 9:00 އަށެވެ. އެސްއެސްނެޓްގެ ޚިދުމަތްތަކާ ގުޅޭ މަޢުލޫމާތު ހޯއްދެވުމަށް އެސްއެސްނެޓްގެވެބްސައިޓްssnet.mv މިހާރު ބޭނުންކުރެއްވޭނެއެވެ.

އެސްއެސްނެޓް ކޭބަލް ޓީވީގެ ޚިދުމަތް ރަސްމީކޮށް އިފްތިތާޙް ކުރާނީ 1 ފެބްރުއަރީ 2023 ގައެވެ.