11 Apr 2012, 12:59
ގެވެށި އަނިޔާ ހުއްޓުވުމާ ބެހޭ ބިލު ރައްޔިތުންގެ މަޖިލީހުން ފާސްކުރުމުން އދ. އިން އެކަމަށް މަރުހަބާ ކިޔައިފި އެވެ.
ގެވެށިއަނިޔާ ހުއްޓުވުމާ ބެހޭ ބިލު ފާސްކުރުމުން އެކަމަށް މަރުހަބާ ކިޔައި އދ. އިން އިއްޔެ ނެރުނު ނޫސްބަޔާނުގައި ބުނެފައި ވަނީ އެ ބިލަކީ ގެވެށި އަނިޔާއާ ދެކޮޅަށް މަސައްކަތް ކުރި ސިޔާސީ ޕާޓީތަކާއި މިނިސްޓްރީތަކާއި ގްރާސްރޫޓްގެ އެކްޓިވިސްޓުންނަށް ލިބުނު ކާމިޔާބީއެއް ކަމަށެވެ. އަދި ބިލު ފާސްވުމާ ގުޅިގެން އެ ހުރިހާ ފަރާތްތަކަށް އދ. އިން މަރުހަބާ ކިޔާ ކަމަށް ވެސް އެބަޔާނުގައިވެ އެވެ.
"ވަކި ޖިންސަކަށް އަމާޒުކޮށްގެން އަނިޔާކުރުމުގެ ކުށުގެ ރޭޓް މަތި ގައުމަކަށް ވާތީ އަދި އެފަދަ ކަންތަކުގެ އަސަރު ހާއްސަކޮށް އަންހެނުންނާއި އަންހެން ކުދިންނަށް އެކަމުގެ އަސަރުކުރާ ގައުމަކަށް ވާތީ، ގެވެށިއަނިޔާ ހުއްޓުވުމުގެ ބިލު ގާނޫނެއްގެ ގޮތުގައި ފާސްވުމަކީ ރާއްޖެ އަށް ވަރަށް އަވަހަށް ބޭނުންވެފައިވާ ކަމެއް،" އދ.ގެ ރެސިޑެންޓް ކޯޑިނޭޓާ އެންޑްރޫ ކޮކްސް ވިދާޅުވި އެވެ.
ރާއްޖޭގެ އުމުރުން 15 އަހަރާއި 49 އަހަރާ ދެމެދުގެ ކޮންމެ ތިން އަންހެނުން ކުރެ އެކަކަށް ޖިންސީ އަނިޔާ ލިބިފައިވާ ކަމަށް ޔޫއެންއެފްޕީއޭ އާއި ޔުނިސެފް ގުޅިގެން އަންހެނުން ސިއްހަތާއި ދިރިއުޅުމުގެ ތަޖުރިބާތަކާ ބެހޭ ގޮތުން ކުރި ސާވޭއަކުން އެނގިފައިވާ ކަމަށް ވެސް އދ.ގެ ބަޔާނުގައިވެ އެވެ.
ބަޔާނުގައި އަދި ވަނީ ގެވެށިއަނިޔާ ހުއްޓުވުމާ ބެހޭ ގާނޫނެއް ފާސްކުރުމަކީ ބައިނަލްއަގުވާމީ ގޮތުން ރާއްޖެ އަށް ލާޒިމުކުރާ ކަމެއް ކަމަށެވެ.
މިދިޔަ ހޯމަ ދުވަހު އޮތް ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ގެވެށި އަނިޔާ އާ ބެހޭ ބިލު ފާސްކުރީ އެޖަލްސާ އަށް ހާޒިރުވެވަޑައިގެންނެވި 57 މެމްބަރުންގެ ތެރެއިން 50 މެމްބަރުން ވޯޓުދެއްވައިގެންނެވެ. އެ ބިލާ ދެކޮޅަށް ވޯޓް ދެއްވީ ދެ މެމްބަރެކެވެ.