އިޤްތިޞާދަށް އަތުވެދާނޭ ލޮޅުންތަކުން ރައްޔިތުންނަށް ކުރާ ނޭދެވޭ އަސަރު ކުޑަކުރަން މަސައްކަތް ކުރުމަށް އެމްޑީއޭގެ ރައީސް އަދި ދ. މީދޫ ދާއިރާގެ މެންބަރު އަހްމަދު ސިޔާމް މުހައްމަދު ގޮވާލައްވައިފިއެވެ.

މީލާދީ އާ އަހަރު ފެށުމުގެ މުނާސްބަތުގައި ސިޔާމު ފޮނުއްވި ހިތާބެއްގައި ވަނީ ރާއްޖޭގެ އެންމެހައި ރައްޔިތުންނާއި، އެމްޑީއޭގެ މެމްބަރުންނަށް ތަހުނިޔާ ދަންނަވައި، ހެޔޮއެދުންތައް އަރިސްކުރައްވައިފައެވެ.

"އިއްޔެ އަޅުގަނޑުމެން އަލްވަދާޢު މިކީ 2022 ވަނަ އަހަރެކޭ އެއްފަދައިން، މިއަދު އަޅުގަނޑުމެން މަރުޙަބާ މިކިޔާ 2023 ވަނަ އަހަރަކީވެސް، ހުރިހާ ގޮތަކުން އަޅުގަނޑުމެންނަށް ބާއްޖަވެރި އަދި އުފާފާގަތި އަހަރެއް ކަމުގައި ލެއްވުން އެދެމެވެ," ސިޔާމް ވިދާޅުވިއެވެ.

ނިމިދިޔަ އަހަރަކީ ޢާލަމީ ވަބާއެއްގެ ބިރުވެތިކަމުން އަރައިގަނެ އަލުން އާންމު ދިރިއުޅުމަށް ވާސިލުވުމަށް ގިނަ މަސައްކަތްތަކެއް ކުރެވުނު އަހަރެއްކަން ފާހަގަކުރައްވާ ސިޔާމް ވިދާޅުވީ ފާއިތުވި އަހަރަކީ އިޤްތިޞާދީ ގޮތުން ރައްޔިތުންނަށް ހުރި ގިނަ ގޮންޖެހުންތަކާއި، އެކުވެސް ކުރިއަށް ދިޔުމަށް ކެނޑިނޭޅި މަސައްކަތް ކުރި އަހަރެއް ކަމަށެވެ.

ކުރިއަށް މިއޮތް 2023 ވަނަ އަހަރަކީ ނިމިދިޔަ 2022 ވަނަ އަހަރަށް ވުރެ ހުރިހާ ގޮތަކުންވެސް އުފާ ފާގަތި އަހަރެއް ކަމުގައި ހެދުމަށް، ހުރިހާ ރައްޔިތުން އެކުގައި މަސައްކަތް ކުރުމަށް އޭނާ ވަނީ އިލްތިމާސް ކުރައްވައިފައެވެ.

"މިފެށޭ 2023 ވަނަ އަހަރަކީ އިޤްތިޞާދީ ގޮތުން އަޅުގަނޑުމެންނަށް އުނދަގޫ ކަންތައްތަކެއް ކުރިމަތިވެދާނޭ އަހަރެއް ކަމަށް ދުނިޔޭގެ މާލީ އިދާރާތަކުން ވަނީ އިންޒާރު ކުރައްވާފަ.. އެހެންކަމުން އިޤްތިޞާދަށް އަތުވެދާނޭ ލޮޅުންތަކުން ރައްޔިތުންނަށް ކުރާނޭ ނޭދެވޭ އަސަރު ކުޑަކުރުމަށް މަސައްކަތް ކުރެއްވުމަށް ދިވެހި ދައުލަތުގެ އިދާރާތަކަށް އަޅުގަނޑު އިލްތިމާސް ކުރަން," ސިޔާމް ވިދާޅުވިއެވެ.

ހަމައެއާއިއެކު، އިޤްތިޞާދީ ސިނާޢަތްތައް މިހާރަށްވުރެ އިތުރުކޮށް ކުރިއެރުވުމާއިއެކު، އިތުރު އިޤްތިޞާދީ ފުރުސަތުތައް ފަހި ކުރުމުގެ މަސައްކަތް ހުއްޓުމެއް ނެތި ކުރިއަށް ގެންދިއުމަށް ވެސް އޭނާ ވަނީ ގޮވާލައްވައިފައެވެ.

އަދި، އުންމީދުކުރަނީ އަމާންކަމާއި، އޮމާން ކަމުގައި ޤައުމުގެ އެންމެހައި ކަންކަން އިންތިޒާމުވެ، ތަރުތީބުވެ، ކުރިއަށް ދިއުން ކަމަށް އޭނާ ވިދާޅުވިއެވެ.

"އަޅުގަނޑުގެ އިޚްލާސްތެރި ދުޢާއަކީ މިފެށުނު 2023 ވަނަ އަހަރަކީ ހުރިހާ ގޮތަކުންވެސް ދިވެހި ރައްޔިތުންނަށް އުފާފާގަތި ތިޔާގި އަހަރެއް ކަމުގައި ލެއްވުން," ސިޔާމް ވިދާޅުވިއެވެ.