02 Jan 2023, 11:45
އެމްޑީޕީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ ކުރީގެ އަނބިކަނބަލުން ލައިލާ އަލީއާއި އެމަނިކުފާނުގެ ބޭބޭފުޅު ޑރ. އަހުމަދު ނާޝިދު ވެސް އެމްޑީޕީގެ ދަފުތަރުން ވަކިކޮށްފައިވާ ކަމަށް އެމަނިކުފާނު ވިދާޅުވެއްޖެއެވެ.
ބޮޑުތިލަދުންމައްޗަށް ކުރެއްވި ކެމްޕެއިން ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ނަޝީދު ވިދާޅުވީ އެމަނިކުފާނުގެ ގާތް ބޭފުޅުންނާއި އެމްޑީޕީ އުފެއްދުމުގައި އިސްކޮށް އުޅުއްވި ބޭފުޅުން ވެސް ޕާޓީން ވަކިކޮށްފައިވާ ކަމަށެވެ.
މި މަހު 28ގައި އޮންނަ އެޕާޓީގެ ޕްރައިމަރީގައި ވޯޓު ދިނުމުގެ ހައްގު ލިބިފައިވަނީ 57،714 މީހުންނަށެވެ. އެކަމަކު، އެންމެ ފަހުން ބޭއްވި އެޕާޓީގެ ޗެއާޕާސަން ހޮވުމުގެ އިންތިޚާބުގައި 94،211 މީހުންނަށް ވޯޓް ލުމުގެ ހައްގު ލިބުނެވެ.
އެޕާޓީގެ ދަފުތަރާއި އިލެކްޝަންސް ކޮމިޝަނުގައި އޮންނަ ދަފުތަރު އެއްގޮތް ކުރުމަށް އެޕާޓީން ވަނީ 36،497 މީހުން ވަކިކޮށްފައެވެ.
އެކަމުގެ ކަންބޮޑުވުން ތަކުރާރު ކުރައްވަމުން ނަޝީދު ރޭ ވިދާޅުވީ އެމަނިކުފާނުގެ ކުރީގެ އަނބިކަނބަލުންނާއި ބޭބޭފުޅާއި އަދި ޕޮލިސް ބޯޑުގައި ހިމެނޭ، ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެންބަރު ހާމިދު އަބްދުލްޣަފޫރު ވެސް ޕާޓީން ބޭރު ކޮށްފައިވާ ކަމަށެވެ.
"ވަކިކޮށްފައި ތިބި މީހުންނޭ މި ދަންނަވަނީ، ޑޭޒީމާގޭ އަހުމަދު އައްބާސް، ހާމިދު އަބްދުލްޣަފޫރު، އަޅުގަަނޑުމެންގޭ ޑރ. ނާޝިދު، ޔާގޫތުގޭ ލައިލާ. އަޅުގަނޑަކަށް ނޭނގެ މި މީސްމީހުން ކައިރީގައި ދެން ނޫނެކޭ އަންނަން ވީނުންހޭ [ދަންނަވާނެ ގޮތެއް]. އެ ވާހަކަ ނޭނގެ ދައްކާކަށް، އެ ވާހަކައެއް ނުވެސް ދެއްކޭނެ." އެމަނިކުފާނު ވިދާޅުވިއެވެ.
ނަޝީދު ގަބޫލުފުޅުކުރައްވާ ގޮތުގައި އެޕާޓީން ވަކިކުރީ ރައީސް އިބްރާހިމް މުހައްމަދު ޞާލިހަށް ވޯޓު ނުދޭނެ މެންބަރުންނެވެ. އެހެންވެ، ރިޔާސީ އިންތިޚާބުގައި އެމަނިކުފާނު ނޫން ގޮތެއް އެޕާޓީއަށް ނެތް ކަމަށް ވިދާޅުވިއެވެ.
"ހުރިހާ މީހުން ކައިރީގައި ވެސް މި ދަންނަވަނީ ނެެތޭ އެހެން ގޮތެއް އަޅުގަނޑު މޮޅުވުން ނޫނީ،" އެމަނިކުފާނު ވިދާޅުވިއެވެ.
އެމަނިކުފާނު ގަބޫލުފުޅުކުރައްވާ ގޮތުގައި ޕާޓީން ވަކިކުރި މީހުންނާއި، އެމީހުންގެ ގާތް މީހުންނާއެކު ރައީސް ޞާލިހަށް 70،000 ވޯޓު ގެއްލޭނެއެވެ. އެ ވޯޓުތައް އެމްޑީޕީއަށް ލިބޭނެ ހަމައެކަނި ގޮތަކީ އެމަނިކުފާނު ނުކުންނެވުން ކަމަށް ނަޝީދު ގަބޫލުފުޅު ކުރައްވައެވެ.
އެކަމަކު، އެޕާޓީގެ ޗެއާޕާސަންގެ ނައިބު އިބްރާހިމް ވަހީދު (އިބުރޭ) މީގެ ކުރިން ވަނީ އެކަން ދޮގުކުރައްވައިފައެވެ. އޭނާ ވިދާޅުވީ ޕާޓީން ވަކިކުރީ އެހެން ޕާޓީތަކުގައި ނަން އޮތް މެންބަރުން ކަމަށެވެ.
އަދި، އެހެން ޕާޓީއަކަށް ބަދަލުނުވާ އެމްޑީޕީ މެންބަރަކު ޕާޓީގެ ދަފުތަރުން އުނިވެފައިވާނަމަ އެ މެންބަރަކު އަނބުރާ ޕާޓީއަށް ރުޖޫއަ ކުރެވޭނެ ގޮތެއް ހޯދުމަށް މިހާރު ވެސް މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށް އެޕާޓީގެ ޗެއާޕާސަން ފައްޔާޒު އިސްމާއިލް ވެސް ވަނީ ވިދާޅުވެފައެވެ.
އެމްޑީޕީގެ ޕްރައިމަރީ ބާއްވަން އިއުލާނުކޮށްފައިވަނީ އެޕާޓީ ތެރޭ ވަރަށް ބޮޑަށް ބައިބައިވުން އުފެދި، ޕާޓީ ދެކަފިވެފައިވަނިކޮށެވެ.
ދެ ރައީސުންގެ މެދުގައި ނުތަނަވަސްކަން ބޮޑުވެފައިވަނީ ވެރިކަމުގައި ނިޒާމާއި ގުޅޭ ގޮތުންނެވެ. ދައުރުގެ މެދުން ބޮޑުވަޒީރުކަމަށް ވަޑައިގަތުމުގެ ޝައުގުވެރިކަން ނަޝީދުގެ ހުންނެވި ނަމަވެސް ރައީސް ޞާލިހް ގެންދަވަނީ ފާޅުގައި ރިޔާސީ ނިޒާމަކަށް ތާއީދުކުރައްވަމުންނެވެ. ދެ ރައީސުން ވެސް މިހާރު ގެންދަވަނީ ޕްރައިމަރީއަށް ކެމްޕޭން ކުރައްވަމުންނެވެ.