01 Jan 2023, 09:57
އާންމު ޚިދުމަތްތަކާއި މުދަލުން ނަގާ ޓެކްސް ބޮޑުކޮށް އަލަށް ނަގާ ޓެކްސް ރޭޓުތަކަށް އަމަލުކުރަން ފަށައިފިއެވެ.
ޖީއެސްޓީ އާއި ޓީޖީއެސްޓީ ބޮޑު ކުރުމަށް ސަރުކާރުން މަޖިލީހަށް ހުށަހެޅި ބިލް ފާސްކޮށް، ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް ތަންފީޒު ކުރުމާ ގުޅިގެން ޖެނުއަރީ އެކަކުން ފެށިގެން އާ ރޭޓުތަކަށް އަމަލުކުރަން ފެށުމަށް އޮތީ ނިންމައިފައެވެ.
ޓެކްސް ގާނޫނަށް ގެނައި އިސްލާހުގެ ސަބަބުން، މިއަދުން ފެށިގެން ފަތުރުވެރިކަމުގެ ބޭނުންތަކަށް ހިންގާ ރިސޯޓުތަކާއި ހޮޓާތަކާއި، ގެސްޓު ހައުސްތަކާއި އެ ނޫން ވެސް ތަންތަނުން ނަގާ ޓެކްސް 12 ޕަސެންޓުން 16 ޕަސެންޓަށް ބޮޑުވާނެއެވެ.
އޭގެ ސަބަބުން ރާއްޖޭގައި ދެން ފަތުރުވެރިން އަތުން ކުރާ ހޭދަ އިތުރުވާނެއެވެ. ނަމަވެސް ފަތުރުވެރިންގެ އަތުން ބޮޑު އެއްޗެއް ނެގުމަކީ ރާއްޖޭގެ ފަތުރުވެރިކަމަށް ނޭދެވޭ އަސަރު ކޮށްފާނެ ކަމެއްކަމަށް ބުނެ މީގެ ކުރިން ފަތުރުވެރިކަމާ ގުޅޭ ޖަމިއްޔާތަކުންވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ.
މީގެ އިތުރުން އާންމު ޚިދުމަތްތަކާއި މުދަލުން ނަގާ ޓެކްސް ނުވަތަ ޖީއެސްޓީ ހަ ޕަސެންޓުން އަށް ޕަސެންޓަށް ބޮޑުވާނެއެވެ.
އޭގެ ސަބަބުން އެންމެ އާދައިގެ މުދަލާއި ޚިދުމަތުގެ އަގުން ވެސް ބޮޑުވާނެއެވެ.
ޓެކްސް ނުނަގާ ބާވަތްތައް
- ކާޑުގެ ބާވަތްތައް (ހަނޑޫ، ހަކުރު، ފުށް)
- ލޮނު
- ކިރު
- ކާތެޔޮ
- މަހާއި، މަހުގެ ބާވަތްތައް
- ސައިފަތް
- ފިޔާ އަދި އަލުވި
- ހަވާދުގެ ބާވަތްތައް
- ދިޔާހަކުރު، ކުރުނބާ، ކުރޮޅި އަދި ކާށި
- ކެރެޓް، ކެބެޖް، ބީންސް އަދި ޓޮމާޓޯ
- ހުރިހާ ބާޥަތްތަކުގެ މޭވާ
- ފާން އަދި ބަނަސް
- ކުޑަކުދިންގެ ނެޕީއާއި ބޮޑެތި މީހުންގެ ނެޕީ
- ކުޑަކުދިންގެ ކާބޯތަކެތި
- ގޭސް
- ޑީސެލް އަދި ޕެޓްރޯލް
- ޓިޝޫ ފަދަ ޕެޑް ފަދަ ބާވަތްތައް
އަގުތަކުން ބޮޑުވުމުގެ ބަދަލެއް
އާންމު ގޮތެއްގައި ޖީއެސްޓީ ހަ ޕަސެންޓުގައި ދެ މީހެއްގެ ކޮފީއަކަށް 75 ރުފިޔާ ޚަރަދުކުރާ ނަމަ، ބޮޑުކުރި ޖީއެސްޓީއާއެއެކު ދެން އެ އަގު 100 ރުފިޔާގެ ބިލެއްގެ ގޮތުގައި ބޮޑުވާނެއެވެ.
އަދި އެއާއެކު ވެސް ޓެކްސް ނަގާ ހުރިހާ ބާވަތެއްގެ މުދަލުން އަގު ބޮޑުވެ، އެ ކަން ފާހަގަކުރެވޭނެއެވެ.
ސަރުކާރުން ޖީއެސްޓީ އާއި ޓީޖީއެސްޓީ ބޮޑުކުރަން ނިންމީ ވޯލްޑް ބެންކުގެ ލަފާގެ މަތިން އާމްދަނީ އިތުރުކޮށް ބަޖެޓް މެނޭޖު ކުރުމުގެ ބޭނުމުގައެވެ. ހަމައެއާއެކު ސަރުކާރުގެ ހަރަދުތައް ކުޑަ ކުރުމަށް ވެސް ވޯލްޑްބެންކުން ލަފާދެއެވެ. ނަމަވެސް އެކަމަށް ފިޔަވަޅުތަކެއް ނާޅައި ޓެކްސް ބޮޑު ކުރުމަކީ ގިނަ ބައެއްގެ ކަންބޮޑުވުމެކެވެ. ސަރުކާރުން ކުރާ ހަރަދުތަކުގެ ތެރޭގައި ސިޔާސީ މަގާމުތަކަށް ކުރާ ބޮޑު ހޭދަ ހިމެނެއެވެ.