ވޯލްޑް ކަޕަށްފަހު ސްޕެނިޝް ލަލީގާގެ މެޗުތައް އަލުން ފަށާފައިވާއިރު، ބްރޭކަށްފަހު ބާސާއިން އެސްޕަނިޔޯލްއާ ދެކޮޅަށް ކުޅުނު މެޗު އެއްވަރުވެއްޖެއެވެ.

ބާސާގެ އަމިއްލަ ދަނޑުގައި ކުޅުނު އެ މެޗު ނިމުނީ 1-1 ގެ ނަތީޖާއަކުން އެއްވަރުވެގެންނެވެ. އެ މެޗުގައި ރެފްރީކަން ކޮށްފައިވަނީ މެތިއު ލަހޯޒްއެވެ. އޭނާ ވަނީ އެ މެޗުގައި ދެ ރަތް ކާޑު ދައްކާފައެވެ. އެއީ ބާސާގެ ޖޯޑީ އަލްބާގެ އިތުރުން އެސްޕަނިޔޯލްގެ ވިނީޝިއަން ސޮއުޒާއެވެ. މީގެ އިތުރުން އެ މެޗުގައި ލަހޯޒް ވަނީ 11 ރީނދޫ ކާޑު ދައްކައިފައެވެ.

މެތިއު ލަހޯޒްއަކީ ވޯލްޑްކަޕްގައި އާޖެންޓީނާ އާއި ނެދަލޭންޑްސް ބައްދަލުކުރި މެޗުގައި ވެސް އިންސާފުކުރި ރެފްރީއެވެ. އޭނާ އެ މެޗުގައި ރެފްރީކަން ކުރި ގޮތާމެދު ގިނަ ބައެއްގެ ފާޑުކިޔުން އަމާޒުވެފައިވެއެވެ.

އެ މެޗުގައި ރެފްރީ ލަހޯޒް ވަނީ ގިނަ އަދަދަކަށް ކާޑު ދައްކާފައެވެ. ދެ ޓީމުގެ ކުޅުންތެރިންނަށް ލަހޯޒް ވަނީ ޖުމުލަ 14 ރީނދޫ ކާޑު ދައްކާފައެވެ. ދަނޑު މަތީގައި ތިބި ކުޅުންތެރިންގެ އިތުރުން، ބެންޗުގައި ތިބި އޮފިޝަލުންނަށް ވެސް ކާޑު ދެއްކިއެވެ. މެޗުގެ ނަތީޖާ ނެރުމަށް ޕެނަލްޓީ ޖެހި ވަގުތު ހިނގައި ދިޔަ ކަމަކަށް ވަނީ ރަތް ކާޑެއް ވެސް ދައްކާފައެވެ.

ފީފާ އިން ވަނީ އެ މެޗުގައި ހިނގައިދިޔަ ކަންކަން ބެލުމަށްފަހު ވޯލްޑްކަޕުގައި އެ ފަހުން ކުޅުނު މެޗުތަކުން ފުރުސަތު ނުދޭން ނިންމާފައެވެ.

ފީފާގެ ނިންމުން މިހެން އޮއްވައި، ލަލީގާގައި މިރޭ ކުޅުނު މި މެޗުން ލަހޯޒްއަށް ފުރުސަތުދިންއިރު، މެޗުގެ ހަތްވަނަ މިނެޓުގައި ބާސާއިން ވަނީ ގޯލެއް ޖަހައި މެޗުގެ ލީޑު ނަގައިފައެވެ. އެ ގޯލަކީ ބާސާގެ ކްރިސްޓެންސެން ބޮލުން ޖައްސާލި ބޯޅައަކުން މާކޯސް އެލެންސޯ ކާމިޔާބުކުރި ގޯލެކެވެ.

ބާސާއިން ގޯލު ޖެހުމަށްފަހު އުފާ ފާޅުކުރަނީ---

އޭގެ ތިން މިނެޓުފަހުން ބާސާގެ އަންސޫ ފަޓީއަށް ވަނީ މެޗުގެ ލީޑު ފުޅާކުރުމަށް ފުރުސަތު ލިބިފައެވެ. ޕެޑްރީ ގޮންޒާލޭޒް ދިން ބޯޅައެއް ހިފައިގެން އަންސޫ އެސްޕަނިޔޯލް އޭރިއާ ތެރެއަށް ވަދެ ފޮނުވާލި ބޯޅަ ދިޔައީ ގޯލު ދަނޑިކައިރިން ބޭރަށެވެ.

ބާސާގެ ލަނޑަށްފަހު ދެ ޓީމަށް ވެސް ލަނޑު ޖަހާނެ ފުރުސަތުތަކެއް ލިބުނެމެވެ. އެހެންނަމަވެސް ގިނަ އިރުތަކެއް ވަންދެން މެޗުގައި އިތުރު ލަނޑެއް ފެނިގެން ނުދެއެވެ.

ލަނޑެއް ޖެހުމަށް އެސްޕަނިޔޯލުން ކުރަމުންދިޔަ މަސައްކަތުގައި ކާމިޔާބީއެއް ލިބުނީ މެޗުގެ 73 ވަނަ މިނެޓުގައެވެ. މިއީ އޭރިއާ ތެރެއިން އެސްޕަނިޔޯލްގެ ޖޮސެލޫއަށް ކުރި ފައުލަކަށް ދިން ޕެނަލްޓީއަކުން އޭނާ ކާމިޔާބުކުރި ގޯލެކެވެ.

ގޯލު ޖެހުމަށްފަހު އެސްޕަނިޔޯލްގެ ކުޅުންތެރިން އުފާ ފާޅުކުރަނީ---

އެ މެޗު އެއްވަރުވެގެން ނިމުނު ނަމަވެސް އަދިވެސް ލަލީގާ ތާވަލުގެ އެއްވަނައިގައި އޮތީ ބާސާއެވެ. އެ ޓީމު އެއްވަނައިގައި އޮތީ ކުޅުނު 15 މެޗުން 38 ޕޮއިންޓު ހޯދައިގެންނެވެ. ދެވަނައިގައި އޮތް ރެއާލް މެޑްރިޑަށް ވެސް އެ އަދަދަށް ޕޮއިންޓު ލިބިފައިވާނަމަވެސް އެ ޓީމު ދެވަނައިގައި އޮތީ ފައިދާ ގޯލުގެ ތަފާތުން ބާސާއަށް ކުރި ލިބޭތީއެވެ.

މެޗުން އެސްޕަނިޔޯލްއަށް ލިބުނު ޕޮއިންޓާއެކު އެ ޓީމު ވަނީ ތާވަލުގެ 16 ވަނައަށް ޖެހިލައިފައެވެ. އެ ޓީމު ތާވަލުގެ 16 ވަނައިގައި އޮތީ ކުޅުނު 15 މެޗުން 13 ޕޮއިންޓު ހޯދައިގެންނެވެ.