ސާކް ހެލްތު ސެކްޓަރީންގެ ހަތަރު ވަނަ މަޝްވަރާ ބައްދަލުވުން ޕެރެޑައިސް އައިލެންޑް ރިސޯޓުގައި މިއަދު ފެށައިފި އެވެ.
އެ ބައްދަލުވުން ހުޅުވައި ދެއްވީ ސާކްގެ ސެކްރެޓަރީ ޖެނެރަލް އަހުމަދު ސަލީމެވެ.

އިއްޔެގެ ބައްދަލުވުމުގައި ފުރަތަމަ މަޝްވަރާ ކުރީ އެޗް އައިވީ އެއިޑްސް ބަލި ކޮންޓުރޯލް ކުރުމަށް ދިމާވެފައިވާ ދަތިތައް ކަމުގައިވާ، ސަރަހައްދީ ރޮގު ހުރަސްކޮށް އެއްގައުމުން އަނެއް ގައުމަށް މީހުން ހިޖުރަ ކުރާ އިރު، އެޗްއައިވީ އެއިޑުސް ޓެސްޓް ކުރާނެ ހަރުދަނާ ނިޒާމެއް ނެތުމާއި "ހިޔުމަން ޓްރެފިކިން" އާއި ހަށިވިއްކުމުގެ ވިޔަފާރި އިތުރުވެފައިވާ މައްސަލައާ ބެހޭ ގޮތުންނެވެ.

މީގެ އިތުރުން އެ ބައްދަލުވުމުގައި ވަނީ ހަތަރު ޕުރެޒެންޓޭޝަނަކަށް ބަހުސް ކޮށްފަ އެވެ. އެ ޕުރެޒެންޓޭޝަންތަކުގެ ތެރޭގައި ހިމެނެނީ ސާކްގެ ސެކްރެޓޭނިއޭޓުން ހުށައެޅި ސިއްހަތާއި އާބާދީއާ ބެހޭ ގޮތުން ސާކުން ކުރިއަށް ގެންދާ މަޝްރޫތަކާ ބެހޭ ގޮތުން ހުށައަޅާފައިވާ ޕްރެޒެންޓޭޝަނަކާއި ސާކްގެ ޓީބީ އެޗްއައިވީ އެއިޑްސް ސެންޓަރުން ހުށައެޅި ސާކްގެ ގައުމުތަކުގެ ޓީބީ އާއި އެޗް އައި ވީ އޭޑުސްގެ މިހާރުގެ ހާލަތާ ބެހޭ ގޮތުން ހުށައެޅި ޕްރެޒެންޓޭޝަނަކާއި ދަރިމައިވުމުގެ ސިއްހަތާއި އިމުނައިޒޭޝަން ޕްރޮޖެކްޓާ ބެހޭ ގޮތުން ސާކްގެ ޑިވެލޮޕްމަންޓް ފަންޑްގެ ފަރާތުން ހުށަހެޅި ޕުރެޒެންޓޭޝަނެކެވެ.

އަދި އެ ބައްދަލުވުމުގައި ސާކްގެ ގައުމުތަކުގެ މެދުގައި ވޭތުވެ ދިޔަ ދެ އަހަރު ތެރެގައި ބޭއްވި ބައްދަލުވުންތަކުގައި ނިންމާފައިވާ ނިންމުންތަކާ ބެހޭ ހަތް ރިޕޯޓެއް ހުށައަޅައި މަޝްވަރާ ކޮށްފައިވެ އެވެ.