01 Jan 2023, 10:29
"ދަ ކަޝްމީރީ ފައިލްސް" އުފެއްދުމުގައި އެންމެ އިސްކޮށް ޙަރަކާތްތެރިވި ޑައިރެކްޓަރު ވިވެކް އަގްނިހޯތްރީގެ ކުރިޔަށް އޮތް ފިލްމު "ދަ ވެކްސިން ވޯ"ގެ ލީޑްރޯލްއަކަށް އެކްޓަރު ނާނާ ޕަޓޭކަރު ސޮއިކޮށްފިއެވެ.
ފިލްމު "ކަޝްމީރީ ފައިލްސް"އަށް ލިބިގެންދިޔަ ބޮޑު ކާމިޔާބީއާއެކު ވިވެކްގެ މި ފިލްމަށް ވެސް ބޮކްސް އޮފީހުގައި ފާހަގަކުރެވޭފަދަ ކާމިޔާބީއެއް ލިބިގެންދިއުމަކީ ހުރިހާ ބެލުންތެރިންގެ ވެސް އުއްމީދެވެ.
ފިލްމު "ދަ ވެކްސިން ވޯ" މީގެ މަހެއްހާ ދުވަސްކުރިން އިޢުލާނުކޮށްފައިވާއިރު މި ފިލްމާ ގުޅޭ ތަފްސީލީ މަޢުލޫމާތު މިހާތަނަށް އެއްވެސް ފަރާތަކާ ޙިއްސާކޮށްފައެއް ނުވެއެވެ.
ފިލްމުގެ މަސައްކަތް ކޮންމެވެސް ވަރަކަށް ފެށިފައިވާއިރު ފިލްމުގައި އެކްޓަރު ނާނާ ޕަޓޭކަރު ފެނިގެންދާނީ ވަރަށް މުހިއްމު ރޯލްއަކުންކަމަށް ފިލްމާ ގުޅުންހުރި ފަރާތަކުން މީޑިއާއަށް ވަނީ މަޢުލޫމާތު ދީފައެވެ.
އެކްޓަރު ނާނާ ޕަޓޭކަރުއަކީ ކުޅެން ލިބޭ ރޯލަށް އަބަދުވެސް ފުރިހަމައަށް އިންސާފުކުރާ އެކްޓަރެއްކަމުން މިފިލްމަށްވެސް އެކްޓަރުގެ 100 ޕަސެންޓް ދޭނެކަމަށް އެ ފަރާތުން ވަނީ ބުނެފައެވެ. ފިލްމުގައި ނާނާ ޕަޓޭކަރުގެ އިތުރުން ފެނިގެންދާނެ ތަރިންގެތެރޭގައި، ވިވެކްގެ އަންހެނުން ޕައްލަވީ ޖޯޝީ ހިމެނެއެވެ. ޕައްލަވީ ޖޯޝީއަކީ، ފިލްމު "ކަޝްމީރީ ފައިލްސް"އިންވެސް ފެނިގެންދިޔަ ވަރަށް މުހިއްމު ކެރެކްޓާއެކެވެ.
ފިލްމު "ދަ ވެކްސިން ވޯ"ގައި ގެނެސްދޭނީ ކޮވިޑް-19އިގެ ބަލިމަޑުކަމުން އަރައިގަނެ, އެބައްޔަށް ޙައްލެއް ހޯދުމަށް އިންޑިއާއިން ކުރި މަސައްކަތްތަކެވެ. އެގޮތުން ކާމިޔާބު ވެކްސިނެއް މިބައްޔާ ދެކޮޅަށް އުފެއްދުމަށް ސިއްޙީ ދާއިރާގެ މާހިރުން ކުރި ދަތުރު މިފިލްމުގައި ފެނިގެންދާނެއެވެ.
އިންޑިއާގެ ލަކްނޯގައި ފިލްމުގެ ބޮޑު ބައިޝޫޓްކުރުމަށް ރާވާފައިވާއިރު ބެލުންތެރިންނަށް ފިލްމު ގެނެސްދިނުމަށް ހަމަޖެހިފައިވަނީ މި އަހަރުގެ ތެރޭގައެވެ.