31 Dec 2022, 21:58
ވެމްކޯ އާއި މާލޭ ސިޓީ ކައުންސިލާ ދެމެދު އޮތް ދެބަސްވުމުގެ ތެރޭ މާލޭ ތެރޭގެ އެކި ހިސާބުތަކުގައި ކުނި ފުނި ޖެހި، ގޮނޑުކޮށް ދޫކޮށްނުލެވޭނެކަމަށް އެންވަޔަރަމަންޓް މިނިސްޓަރު އާމިނަތު ޝައުނާ މިއަދު ވިދާޅުވެއްޖެއެވެ.
މާލޭ ތެރެއިން ކުނި ނަގައި ސާފުކުރުމަށް ވެމްކޯއާއެކު ސިޓީ ކައުންސިލުން ވެފައިވާ އެއްބަސްވުމުގެ މުއްދަތު ހަަމަވުމުން، މިހާރު އެ މަސައްކަތް ކުރަނީ މާލޭ ސިޓީ ކައުންސިލުންނެވެ.
އެހެންކަމުން ދެން ވެމްކޯގެ މަސައްކަތަކަށްވާނީ ގޭބީސީތަކުން ކުނި ނެގުމުގެ މަސައްކަތްކުރުމެވެ.
ނަމަވެސް ޝައުނާ މިއަދު "ސަން"އަށް ވިދާޅުވީ ވެމްކޯއިން މާލެ ތެރެ ސާފުކުރުމުގެ މަސައްކަތް ހުއްޓާލިފަހުން މާލޭގެ އެކި ހިސާބުތަކަށް ކުނި އުކައި، ގޮނޑުކޮށްފައި ހުންނަ ކަމުގެ ޝަކުވާ ލިބެމުން އަންނަ ކަމަށެވެ.
"އަޅުގަނޑުމެންނާ ހަމައަށް އަންނަނީ މެދުނުކެނޑި ކުނީގެ މައްސަލައާ ހެދި ޝަކުވާ ލިބެމުން. ކުރިއަށް އެންމެ ދުވަހެއް ވެސް ދޫކޮށްނުލެވޭނެ މި މައްސަލައަށް ހައްލެއް ނުހޯދާ،" ޝައުނާ ވިދާޅުވިއެވެ.
މިނިސްޓަރު އިތުރަށް ވިދާޅުވީ، ކުނީގެ މައްސަލަ ބޮޑުވުމުން ވެމްކޯއިން މާލެ ތެރެއަށް ނިކުމެ، ސާފުކުރުމުގެ މަސައްކަތް ކުރަން ވެމްކޯއަށް އަންގަވައިފައިވާނެކަމަށެވެ. އަދި ކުނި އުކައިފައި މާލެ ތެރެ ގޮނޑުވުމަކީ އާންމު ސިއްހަތާ ގުޅުންހުރި ނުރައްކަލެއްކަމަށް ވެސް ޝައުނާ ފާހަގަކުރެއްވިއެވެ.
މާލެ ސަރަހައްދު ކުނިކަހައި ސާފުކޮށް ބެލެހެއްޓުމުގެ މަސައްކަތް މީގެ ކުރިން ކުރަމުން އައީ ވެމްކޯއިންނެވެ. އެކަމަކު މާލެ ސިޓީ ކައުންސިލާއެކު ވެމްކޯއިން ހަދާފައިވާ ފަސް އަހަރުގެ އެއްބަސްވުން މިހާރު ވަނީ ހަމަވެފައެވެ. އެއާއެކު މާލޭގެ ގޭބީސީތަކުން ކުނިނެގުމާމެދު މާލެ ސިޓީ ކައުންސިލާ ވެމްކޯއާ ދެމެދު ވަނީ ޚިޔާލުތަފާތުވުން އުފެދިފައެވެ.
ނަމަވެސް މާލޭގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވީ، ގޭބިސީތަކުން ނެރޭ ކުނި ނެގުމުގެ މަސައްކަތަކީ ވެމްކޯގެ ޒިންމާއެއް ކަމަށެވެ. ނަމަވެސް ވެމްކޯއިން ތަކުރާރުކޮށް ޖެއްސުން ކުރަމުން އަންނަ ކަމަށް މޭޔަރު ވަނީ ތުހުމަތު ކުރައްވާފައެވެ.