31 Dec 2022, 14:03
ބަރަހާނާ ހާލުގައި މާލޭ މަގުމަތީ އުޅެނިކޮށް ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަ ބިދޭސީ އަންހެން މީހާ އަނބުރާ ގައުމަށް ފޮނުވާލައިފައިވާ ކަމަށް ފުލުހުން ވިދާޅުވެއްޖެއެވެ.
ނިވާކަން ކުޑަކޮށް ކަނބާއައިސާރާނި މަގުގައި އަންހެނަކު އަޑުގަދަކުރަމުން އުޅުނު މައްސަލައެއް ފެންމަތިވެފައިވަނީ މިމަހުގެ ކުރީ ކޮޅެވެ.
ފުލުހުން މީގެ ކުރިން ބުނެފައިވަނީ އެ މައްސަލައިގާ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވަނީ ނަފްސާނީ ބަލި މީހެއް ކަމަށެވެ.
އަދި، އޭނާއަށް އައިޖީއެމްއެޗުގައި އެޑްމިޓްކޮށްގެން ފަރުވާ ދިނުމަށް ފަހުގައި ވަނީ ސްޕޮންސަރާ ހަވާލުކޮށްފައެވެ.
މިއަދު ފުލުހުންގެ އޮފިޝަލަކު "ސަން" އަށް ވިދާޅުވީ މިމަހުގެ ތިންވަނަ ދުވަހު އޭނާގެ ސްޕޮންސަރުގެ ބެލުމުގެ ދަށުން އަނބުރާ ގައުމަށް ފޮނުވާލައި އާއިިލާއާ ހަވާލުކޮށްފައިވާ ކަމަށެވެ.
އޭނާއާ ގުޅޭ އިތުރު މައުލޫމާތެއް ފުލުހުން ހާމަކޮށްފައެއް ނުވެއެވެ.