ކޭޝް ކާޑު ބޭނުންކޮށްގެން ޕަބްލިކް ޓްރާންސްޕޯޓުން ޚިދުމަތް ހޯދޭނެ ގޮތް ހަމަޖެއްސުމުގެ ކުރިމް އެ ހިދުމަތް ޓެސްޓް ކުރުމަށް ޓްރަޔަލް އެއް ކުރިޔަށް ގެންދަން ނިންމައި، އޭގައި ބައިވެރިވާން ހުޅުވާލައިފިއެވެ.

އެމްޓީސީސީން ބުނީ އެކުންފުނިން ދޭ އާރްޓީއެލް ބަހުގެ ހިދުމަތް ބޭނުން ކުރާ މީހުންނަށް ކޭޝް ކާޑުން ބަހަށް ފައިސާ ދެއްކޭނެ ގޮތް ހަމަޖެއްސުމުގެ ކުރިން އެ ހިދުމަތް ޓެސްޓް ކުރުމަށް ބާއްވާ ޓްރަޔަލްގައި ބައިވެރިވާން ބޭނުންވާ މީހުންނަށް މިހާރު އެ ފުރުސަތު ހުޅުވާލައިފައިވާ ކަމަށެވެ.

މާދަމައިން ފެށިގެން އޭގެ އަނެއް ދުވަހާ ހަމައަށް އެ ޓްރަޔަލް ކުރިޔަށް ގެންދަން ނިންމައިފައިވާއިރު އެ މުއްދަތުގައި މާލެ ތެރޭގައި ފޯރުކޮށްދޭ ބަހުގެ ހިދުމަތަށް މާސްޓާ ކާޑު އަދި ވިސާ ކާޑުގެ ކޮންޓެކްޓް ލެސް ކާޑު ބޭނުންކޮށްގެން ފައިސާ ދެއްކޭނެއެވެ.

މާލޭ ތެރޭގެ ބަސް ދަތުރުތަކަށް މިހާރު ނަގަމުން އަންނަނީ 7 ރުފިޔާއެވެ. މިހާރު ބަހަށް ފައިސާ ދެއްކޭނީ އޮންލައިން ޕޯޓަލް މެދުވެރިކޮށް ނުވަތަ ބަސް ކާޑު ބޭނުން ކޮށްގެންނެވެ.

އެކަމަކު، 65 އަހަރުން މަތީގެ މީހުންނަށާއި ތިން އަހަރު ނުފުރޭ ކުޑަކުދިން އައިޑީ ކާޑު ދެއްކުމުން ހިލޭ ދަތުރުކުރެވޭނެ އިންތިޒާމު ވަނީ ހަމަޖެހިފައެވެ. އަދި ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް އެންސްޕާގެ ކާޑު ބޭނުންކޮށްގެން ހިލޭ ދަތުރުކުރެވޭއިރު، ޔުނީފޯމްގައި ތިބޭ ސްކޫލުކުދިންނަށް ވެސް އެއްވެސް އަގަކާ ނުލައި ދަތުރުކުރެވޭނެއެވެ.

މާލޭ ތެރޭގައި އެކުންފުނިން ދޭ ބަހުގެ ހިދުމަތަށް ކޭޝް ކާޑުން ފައިސާ ނެގުމަށް ޓްރަޔަލް އެއް ބޭއްވި ނަމަވެސް، ހުޅުމާލެއާއި އެއާޕޯޓަށް ކުރާ ބަސް ދަތުރުތަކަށް ކޭޝް ކާޑު ބޭނުން ކުރެވޭނެ ތާރީހެއް އެކުންފުނިން ހާމަކޮށްފައެއް ނުވެއެވެ.