31 Dec 2022, 12:02
ކުޅަދާނަ ނޫސްވެރިޔާ، އަދި ޓީވީގެ މޫނެއްކަމަށްވާ ބާބަރާ ވޯލްޓާޒް އުމުރުން 93 އަހަރުގައި މަރުވެއްޖެއެވެ.
އޭނާގެ ރިޕްރެޒެންޓޭޓިވް، ސިންޑީ ބާގާ ހާމަކުރި ގޮތުގައި އޭނާ މަރުވީ އިއްޔެ ހަވީރެވެ.
"ބާބަރާ މަރުވީ އޭނާގެ ގޭގައި، އޭނާގެ ލޯބިވާ މީހުންނާއެކުގައި. އޭނާ އަކީ ކާމިޔާބު ދިރިއުޅުމެއް އުޅުނު މީހެއް. އޭނާ ދިރިއުޅުނީ އެއްވެސް ކަހަލަ ރިގްރެޓެއް ނެތި. އެއީ ހަމައެކަނި އަންހެން ނޫސްވެރިންނަށެއް ނޫން، ހުރިހާ އަންހެނުންނަށް ހަމަ ނަމޫނާއެއް،" ބާގާ ބުންޏެވެ.
ބާބަރާ އުފަންވީ ސެޕްޓެމްބަރު 25، 1929ވަނަ ދުވަހު އެމެރިކާގެ ބޮސްޓަންއަށެވެ. ނިއުޔޯކްގައި އޭނާ ކުޑައިރުގެ ދުވަސްތައް ހޭދަކުރިއިރު، އޭނާގެ ބައްޕަގެ ހައި ޕްރޮފައިލް ރައްޓެހިންނާ ދިމާވެ އެ މީހުންނާއެކު ވަގުތު ހޭދަކުރުމަކީ ބާބަރާ އަށް އާންމު ކަމެކެވެ.
ސަރާ ލޯރެންސް ކޮލެޖުން އިނގިރޭސި ޑިގްރީއެއް ނަގައި ގްރެޖުއޭޓްވުމަށްފަހު އޭނާ އަދާކުރީ، ސީބީއެސް ނިއުސްގައި ލިޔުންތެރިއެއްގެ ވަޒީފާއެވެ. އޭގެ ފަހުން އޭނާގެ ޓީވީ ޚަބަރު ކިޔުމުގެ ކެރިއަރު ފެށުނީ، އެންބީސީއިންނެވެ.
ބާރބަރާ މަޝްހޫރުވެގެން އައީ އެންބީސީގެ ޓުޑޭ ޝޯގެ ތެރެއިންނެވެ. 1961ވަނަ އަހަރު އެންމެ ފުރަތަމަ އޭނާއަށް ލިބުނީ ރިސާޗުކުރުމާއި ލިޔުންތެރިއެއްގެ މަގާމެވެ.

ބާރބަރާ ވޯލްޓާޒް ޓުޑޭ ޝޯގެ ކޯ ހޯސްޓެއްގެ ގޮތުގައި -- ފޮޓޯ: ހަލްޓަން އާކައިވް
އޭގެ ފަހުން މަގާމުތައް ކުރިއަރައި، އެ ޝޯގެ އެންމެ ފުރަތަަމަ އަންހެން ކޯ ހޯސްޓުކަން ބާރބަރާ ކުރިއެވެ. އޭގެ ފަހުން އޭބީސީގެ 20/20 ޝޯ، 1979ވަނަ އަހަރުން ފެށިގެން 2004އާ ހަމައަށް އޭނާ ހުށަހެޅިއެވެ.
އެއާއެކު ދަ ވިއުގެ ނަމުގައި އަމިއްލައަށް ޕްރޮގްރާމެއް އުފައްދައި އޭގެ ކޯ ހޯސްޓުކަން 1997އިން 2014ވަނަަ އަހަރާ ހަމައަށް ކުރިއެެވެ.
ބާބަރާއާއެކު މަސައްކަތްކުރި މީހުން ސިފަކުރާ ގޮތުގައި އޭނާގެ ވަކިވުމަކީ ލިބުނު ބޮޑު ހިތާމައެކެވެ. އަދި ބާބަރާއަކީ އެކުގައި މަސައްކަތްކުރަން ފަސޭހަ މީހެއްކަމަށް އޭނައާ އެކު މަސައްކަތް ކުރި މީހުން ބުނެއެވެ.
އޭނާ އަކީ އުސޫލުތަކަށް ވަރަށް ފަރުވާ ބަހައްޓައިގެން މަސައްކަތްކުރާ، ކޮންމެ ކަމަކަަށް ގޮތްދޫކުރުމުގެ ބައި ކުޑަ މީހެއްގެ ގޮތުގައި ވެސް ސިފަކުރެއެެވެ.