ރާއްޖޭގެ ޓޫރިޒަމް އިޝްތިހާރު ކުރަން ކަނޑައަޅާފައިވާ ހަތަރު މިލިއަން ޑޮލަރުގެ ބަޖެޓަކީ އެންމެ އެކަށީގެންވާ ބަޖެޓެއް ނޫން ކަމަށާއި ރާއްޖޭގެ ޓޫރިޒަމް ޕްރޮމޯޓް ކުރުމަށް މަދުވެގެން 10 މިލިއަނެއްހާ ޑޮލަރު ބޭނުންވާ ކަމަށް ޓޫރިޒަމް މިނިސްޓްރީން ބުނެފި އެވެ.

މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަން ކޯޕަރޭޝަން (އެމްއެމްޕީއާރްސީ) ހިންގެވުމާ ހަވާލުވެ ހުންނެވި ޓޫރިޒަމް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓާ މަލީހު ޖަމާލް މިއަދު ވިދާޅުވީ ވާދަވެރި މާހައުލެއްގައި ރާއްޖެ ޕްރޮމޯޓް ކުރުމަށް ކުރަންޖެހޭ މަސައްކަތްތައް އެތައް ތަނަކުން އިތުރުކުރަން ޖެހިފައިވާއިރު މިހާރު ޓޫރިޒަމް ޕްރޮމޯޓް ކުރަން ކަނޑައަޅާފައި އޮތް ބަޖެޓް 10 ނޫނީ 15 މިލިއަން ޑޮލަރަށް އިތުރުކުރަން ޖެހޭ ކަމަށެވެ.

"ރާއްޖޭގެ ރިސޯޓްގެ އަދަދު ގާތްގަނޑަކަށް 90 ގައި ހުރިއިރު ވެސް ގެންގުޅުނިން 8.5 މިލިއަން ޑޮލަރު ވަރުގެ ބަޖެޓެއް، އެހެންނަމަވެސް މިހާރު ރިސޯޓްތަކުގެ އަދަދުވަނީ ގާތްގަނޑަކަށް 102 ރިސޯޓަށް ބަދަލުވެފައި. ގިނަ ރިސޯޓްތަކާއި ސަފާރީ ޔޮޓްތަކާއި ރެސްޓޯރަންޓްތަކެއް އެބައާދޭ، އެދަދަށް މާކެޓް ކުރުމަށް މިހާރު މަދުވެގެން 10 ނޫނީ 15 ވަރަކަށް މިލިއަން ޑޮލަރު ބޭނުންވޭ ރަނގަޅަށް މާކެޓް ކުރުމަށް،" މަލީހު ވިދާޅުވި އެވެ.

ޓޫރިޒަމް އިޝްތިހާރު ބަޖެޓަށް 2008 ގައި ކަޑައަޅާފައި އޮތީ 8.5 މިލިއަން ޑޮލަރެވެ. ޖެހިގެން އައި 2009 ވަނަ އަހަރު އެ އަދަދު ތިރިކޮށް ވޭތުވެ ދިޔަ ދެތިން އަހަރެއްހާ ދުވަހު އެ އަދަދު އޮތީ 1.5 މިލިއަނެއްހާ ޑޮލަރުގަ އެވެ. މިއަހަރު އެ އަދަދު ހަތް މިލިއަން ޑޮލަރަށް އިތުރުކުރަން އޮތް ނަމަވެސް ބަޖެޓްގައި ކަނޑައެޅީ ހަތަރު މިލިއަން ޑޮލަރެވެ.

މަލީހު ވިދާޅުވީ ބަޖެޓްގެ ދަތިކަން ހުރުމާއެކު އިޝްތިހާރުކުރަން ހިންގާ ކެމްޕޭންތައް ހިންގަނީ އެއާލައިންތަކާއި އަދި ބޭރުގެ އެކި ނޫސްވެރިން ރައްޖެ ގެނެސްގެން ކަމަށެވެ. އެގޮތަށް ޕްރޮމޯޝަންތައް ކުރިއަށް ގެންދިޔަނަމަވެސް ޕްރޮމޯޝަންގެ އަގު 10 މިލިއަން ޑޮލަރާއި ގާތްކުރާނެ ކަމަށް ވެސް ވިދާޅުވި އެވެ.

"މެގަ މޯލްޑިވްސްއާ ގުޅިގެން ޗައިނާގައި އަޅުގަނޑުމެން ޕްރޮމޯޝަންތަކެއް ކުރިއަށް ގެންދާނަން. ސިންގަޕޫރު އެއާލައިންސް ސްރީލަންކަން އަދި ގަތަރު ތަންތަނާ ގުޅިގެން ޗޮއިންޓް ޕްރޮމޯޝަންތައް ކުރިއަށް މިގެންދަނީ. ދެން ނޫސްވެރިން ގެނެސްގެން އެކޮޅުގެ ނޫސްތަކުގައި އެއްޗިހި ޖެހޭނެ އަގު ހެޔޮކޮށް. އެ ގޮތަށް އެއާލައިންތަކުގެ އެހީއާއެކު ކުރިއަށް މި ގެންދަނީ،" މަލީހު ވިދާޅުވި އެވެ.

ޓޫރިޒަމް މިނިސްޓްރީން ކަނޑައަޅާފައިވާ އަމާޒަކީ މިއަހަރު ތެރޭ ރާއްޖެއަށް އެއް މިލިއަން ޓޫރިސްޓުން ގެނައުމެވެ. މަލީހު ވިދާޅުވީ މިދިޔަ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު ރާއްޖެއަށް އައި ޓޫރިސްޓުން 3.3 ޕަސެންޓް އިތުރުވެފައިވާ ކަމަށެވެ. ވަކި މަސްމަހަށް ބަލާނަމަ ޓޫރިސްޓުން އައި އަދަދު ކޮންމެވެސް ވަރަކަށް މަދުވެފައިވާ ކަމަށްވެސް ވިދާޅުވި އެވެ.

"އަޅުގަނޑުމެން ވަކި މާކެޓްތަކަށް ހާއްސަ ކޮށްގެން އެމާކެޓްތަށް ބަލައި ޕްރެޒެންޓޭޝަންތައް ކުރިއަށް އެބަގެންދަން. އެގޮތުން މިޑިލް އީސްޓާއި ޔޫރަޕަށް ހާއްސަކޮށްގެން ޕްރޮމޯޝަންތައް ކުރިއަށް ގެންދަން ކުރަންޖެހޭ ކަންކަން ކުރަމުން މިދަނީ،" މަލީހު ވިދާޅުވި އެވެ.

ޓޫރިޒަމް ރިބްރޭންޑް ކޮށް މިދިޔަ ސަރުކާރުން އާންމުކުރި "އޯލްވެސް ނެޗްރަލް" ޝިއާރާއި އައު ލޯގޯ ބޭނުންނުކޮށް ސަނީ ސައިޑް އޮފް ލައިފް އައިގެން ކުރިއަށްދާން ނިންމާފައިވަނީ އައު ސްލޯގަން ޕްރޮމޯޓްކުރަން ބަޖެޓް ވެސް ނެތިގެން ކަމަށް މީގެ ކުރިން މިނިސްޓްރީންވަނީ ބުނެފަ އެވެ.

މަލީހު މިއަދު ވިދާޅުވީ އާ ލޯގޯ އާއި ޝިއާރު ބޭނުންކުރާނެ ގޮތުގެއް ކަރުދާހެއް ވަރަށް އަވަހަށް އާންމުކުރާނެ ކަމަށެވެ. ޓޫރިޒަމް މިނިސްޓްރީން މިހާރު ނިންމާފައިވަނީ "ސަނީ ސައިޑް އޮފް ލައިފް" ބޭނުން ކުރި ނަމަވެސް އޯލްވެސް ނެޗްރަލް ވެސް ބޭނުން ކުރުމަށެވެ. އާ ލޯގޯ ފަރުމާކުރީ ދޮޅު މިލިއަނެއްހާ ރުފިޔާ ހަރަދު ކޮށްގެންނެވެ.