31 Dec 2022, 00:05
ވޯލްޑް ކަޕަށްފަހު ސްޕެނިޝް ލަލީގާގެ ކުޅުން އަލުން ފަށާފައިވާއިރު، ލީގުގެ ގަދަބާރު އެތުލެޓިކޯ މެޑްރިޑުން އެލްޗީގެ މައްޗަށް ކުރިހޯދައިފިއެވެ.
ވާދަވެރިކަން ބޮޑު، ފޯރިގަދަ ކުޅުމެއް ފެނިގެންދިޔަ މި މެޗުން އެތުލެޓިކޯ މޮޅުވީ 0-2 ގެ ނަތީޖާއަކުންނެވެ.
މެޗުގެ ފުރަތަމަ ހާފުގައި ދެ ޓީމުގެ ފަރާތުން ދާދި ހަމަހަމަ ކުޅުމެއް ފެނިގެންދިޔައިރު، މި ހާފުގައި ދެ ޓީމުންކުރެ ޓީމަކަށް ލަނޑެއް ކާމިޔާބު ކުރެވިފައެއް ނުވެއެވެ.
ޖުމްލަ ތިން ރަތްކާޑެއް ފެނިގެންދިޔަ މި މެޗުގައި ފުރަތަމަ ރަތް ކާޑު ދެއްކީ އެލްޗީގެ ގޮންޒާލޯ ވާޑޫ އަށެވެ. އެއީ ފުރަތަމަ ހާފުގެ އިތުރުވަގުތުގެ ތެރޭގައެވެ. މިއީ އެތުލެޓިކޯގެ އަލްވާރޯ މޮރާޓާއަށް ލަނޑު ޖަހަން ލިބުނު ހުސް ފުރުސަތު ހުއްޓުވަން އުޅުމުގެ ތެރޭގައި، ފަހު ޑިފެންޑަރުގެ ގޮތުގައި ހުރެ ވާޑޫ ކުރި ފައުލަކާ ގުޅިގެން ދެއްކި ރަތްކާޑެކެވެ.
މިކަމުގެ ފައިދާ ނަގައި އެތުލެޓިކޯއިން ދެވަނަ ހާފުގައި ތަފާާތު ދައްކާނެ ކަމަށް ބެލެވުނުއިރު، މި ހާފު ފަށައިގެން އަށްވަނަ މިނެޓުގައި އެތުލެޓިކޯގެ ކުޅުންތެރިއަކަށް ވެސް ރެފްރީ ވަނީ ރަތްކާޑު ދައްކާފައެވެ. މާރިއޯ ހާމޯސޯއަށް ރަތްކާޑު ދެއްކީ ދެ ރީނދޫކާޑު ދެއްކުމަށްފަހުއެވެ. އެއީ އޭނާކުރި ދެ ފައުލަކާ ގުޅިގެންނެވެ.
ހާމޯސޯއަށް ދެއްކި ރަތްކާޑާއެކު ދެ ޓީމުން ވެސް 10 ކުޅުންތެރިންނާއެކު ކުޅެމުންދަނިކޮށް، އޭގެ ތިން މިނެޓުފަހުން އެތުލެޓިކޯއިން ލަނޑެއް ޖަހައި ލީޑު ނެގިއެވެ. މިއީ އެންޓޮއިން ގްރީޒްމަން ތަނަވަސްކޮށްދިން ފުރުސަތަކުން ޖާއޮ ފީލިކްސް ކާމިޔާބުކުރި ލަނޑެކެވެ.
އެތުލެޓިކޯއިން ލީޑު ފުޅާކުރީ ވެސް ގްރީޒްމަން ތަނަވަސްކޮށްދިން ފުރުސަތަކުންނެވެ. މި ލަނޑު 74 ވަނަ މިނެޓުގައި ކާމިޔާބު ކޮށްދިނީ އަލްވާރޯ މޮރާޓާއެވެ.
މި ލަނޑާއެކު ދެ ލަނޑުގެ ތަފާތުން އެތުލެޓިކޯ މެޗުން މޮޅުވިއިރު، މެޗުގައި ފެނިގެންދިޔަ ތިންވަނަ ރަތްކާޑު ދެއްކީ އެލްޗީގެ ކުޅުންތެރިއަކަށެވެ. މިއީ މެޗުގެ ފުރިހަމަވަގުތުގެ އެންމެ ފަހު މިނެޓުގައި އެ ޓީމުގެ ޑޮމިންގޯސް ކީނާއަށް، ދެވަނަ ރީނދޫކާޑަކާއެކު ދެއްކި ރަތްކާޑެކެވެ.
މި ނަތީޖާއާއެކު އެތުލެޓިކޯ މެޑްރިޑު ވަނީ ވަގުތީ ގޮތުން ތާވަލުގެ ތިންވަނައަށް ކުރިއަށް ޖެހިލާފައެވެ. އެޓީމަށް ވަނީ ކުޅުނު 15 މެޗުން 27 ޕޮއިންޓު ލިބިފައެވެ. ތާވަލުގެ ހަތަރުވަނައިގައި އޮތް ރެއާލް ސޮސިއެޑަޑްއަށް އެއް މެޗު މަދުން ކުޅެ 26 ޕޮއިންޓު ލިބިފައިވެއެވެ.
މެޗުން ބަލިވި އެލްޗީ އޮތީ ތާވަލުގެ ފުލުގައި 15 މެޗުން ހަތަރު ޕޮއިންޓު ހޯދައިގެންނެވެ.