31 Dec 2022, 00:58
ހުއްދައަކާ ނުލައި ހއ. އިހަވަންދޫގެ ޒަމާންވީ މިސްކިތެއްގައި އޮތް އާސާރީ ޚަތިމެއްގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދު އަތްލެއްވުމުން އެރަށު ކައުންސިލުން ކަންބޮޑުވުން ފާޅުކޮށްފިއެވެ.
އެމްޑީޕީގެ ކުރިއަށް އޮތް ރިޔާސީ ޕްރައިމަރީއަށް އެމަނިކުފާނު ކުރިމަތިލައްވާފައި ވާއިރު، ރައީސް ނަޝީދާއި އެމަނިކުފާނުގެ ޓީމުން ވަނީ ރާއްޖޭގެ އެކި ކަންކޮޅުތަކަށް ކެމްޕެއިން ދަތުރުތައް ފައްޓަވާފައެވެ. އެގޮތުން، ބުރާސްފަތި ދުވަހު އިހަވަންދޫއަށް ވަޑައިގެން އެރަށުގައި ހުންނަ އާސާރީ މިސްކިތެއް ކަމަށްވާ ހިރިގަލު މިސްކިތަށް ވަޑައިގެން އެމިސްކިތުގައި އޮންނަ ތާރިޚީ ޚަތިމެއް ނަންގަވައި ނަޝީދު ވަނީ ފޮޓޯ ނަންގަވާފައެވެ.
އެކަމާ މެދު ކަންބޮޑުވުން ފާޅުކުރައްވައި އިހަވަންދޫ ކައުންސިލްގެ ރައީސް އަހުމަދު ސަބާހް "ސަން" އަށް ވިދާޅުވީ އެ ޚަތިމަކި އަތުން ލިޔެފައިވާ ޚަތިމެއް ކަމަށާއި، އެއީ 250 އަހަރަށް ވުރެ ގިނަ ދުވަސް ވީ ޚަތިމެއް ކަމަށެވެ. އަދި ޚަތިމު އިންނާނީ 30 ފޮތް ވަކި ވަކީން ފޮށްޓަކަށް ލައި ރައްކާ ކޮށްފައި ކަމަށެވެ.
އަދި އާންމުކޮށް ޚަތިމު ބެލުމަށް މީހަކު ދާނަމަ އެކަން ކުރަނީ ކައުންސިލްގެ ހުއްދައަށް އެދުމަށްފަހު ކަމަށާއި، ނަމަވެސް ޚަތިމު ބެއްލެވުމަށް ރައީސް ނަޝީދު ވަޑައިގަންނަވާނެކަން ކައުންސިލަށް އަންގާފައި ނުވާ ކަމަށް އޭނާ ވިދާޅުވިއެވެ. ސޮބާހް ވިދާޅުވީ އެކަން ހިނގިކަން އެނގިގެން ދިޔައީ ޚަތިމާއެކު ރައީސް ނަޝީދު ނަންގަވާފައިވާ ފޮޓޯތަކެއް ސޯޝަލް މީޑިއާގައި ދައުރުވާން ފެށުމުން ކަމަށެވެ.
އިހަވަންދޫގައި ހުންނަ ހިރިގަލު މިސްކިތަކީ 300 އަހަރަށްވުރެ ގިނަ ދުވަސްވީ މިސްކިތެކެވެ. އެ މިސްކިތް ވަނީ ޔޫއެން އެޑިއުކޭޝަނަލް އެންޑް ކަލްޗަރަލް އޯގަނައިޒޭޝަން (ޔުނެސްކޯ)ގެ ދުނިޔޭގެ ތަރިކައިގެ ވަގުތީ ލިސްޓުގައި ވެސް ހިމަނާފައެވެ.