އެކްޓަރު ފަރްޚާން އަޚްތަރުގެ އެކްސެލް އެންޓަޓެއިންއާއި އެމޭޒަން ޕްރައިމް ގުޅިގެން އުފައްދާ ވެބް ސީރީސްއަކަށް ބަތަލާ ސުރްވީން ޗާވްލާ ސޮއިކޮށްފިއެވެ.

ބަތަލާ ސުރްވީންގެ އިތުރުން އިތުރު ދެ ބަތަލާއިން މިސީރީސްއިން ފެންނާނެއެވެ. ސުރްވީންގެ އިތުރުން ޕްރަޖަކްތާ ކޮލީ، ޕްރިޔާ ބަޕަތް އަދި ޕްރަނޭ މަންޗަންދާ ފެނިގެންދާ މިސީރީސްއަކީ ސުޕަ ނޭޗުރަލް ތްރިލާއެކެވެ. ރާގަވް ދާރް ޑައިރެކްޓްކުރާ މިވެބް ސީރީސްއިން މުޅީން ތަފާތު ބިރުވެރި ހާދިސާތަކެއް ދައްކުވައިދޭނެކަމަށް ރިޕޯޓުތައް ބުނެއެވެ.

"އަންސީން"ގެ ނަމުގައި އުފައްދާ މިސީރީސްގެ ޝޫޓިންގް މިހާރު ފެށިފައިވާއިރު އެމޭޒަން ޕްރައިމްއިން ސީރީސް ދެއްކުމަށް ނިންމާފައިވަނީ މިފެށޭ އަހަރުގެ މެދުތެރޭގައެވެ. ބަތަލާ ސުރްވީންއަކީ 2014ވަނަ އަހަރު ރިލީޒްވި ފިލްމު "ހޭޓް ސްޓޯރީ 2"އިން ގިނަ ބައެއްގެ މެދުގައި މަޤްބޫލުކަމެއް ހޯދި ބަތަލާއެކެވެ.

ދާދިފަހުން ނެޓްފްލިކްސްގެ "ސޭކްރެޑް ގޭމްސް"އިންވެސް ފެނުނު ސުރްވީން އެންމެ ފަހުން ފެނިފައިވަނީ މިދިޔަ އަހަރު ނެޓްފްލިކްސްއިން ގެނެސްދިން ކޮމެޑީ ސީރީސް "ދިކަޕްލްޑް"އިންނެވެ. ވެބް ސީރީސް "އަންސީން"ގެ ބަތަލާ ސޮއިކޮށްފައިވާ އިތުރު ސީރީސްގެތެރޭގައި މިހާރު މަސައްކަތް ނިމިފައިވާ ސީރީސް "ރާނާ ނައިދޫ" ހިމެނެއެވެ. މިއީވެސް ނެޓްފްލިކްސްގެ ސީރީސްއެކެވެ.

އެކްސެލް އެންޓަޓެއިންއިން އިތުރު ވެބް ސީރީސްއެއް ގެނެސްދިނުމަށް ތައްޔާރުވެފައިވާއިރު، ފެށޭ 2023ވަނަ އަހަރަކީ ފިލްމު ކުންފުންޏަށް ބޮޑު އަހަރެކެވެ. ފިލްމު "ފުކްރޭ 3"ގެ އިތުރުން ފިލްމު "ޖީލޭ ޒަރާ" އަދި ނެޓްފްލިކްސްއާ ގުޅިގެން ބޮޑެތި ފިލްމީ ޕްރޮޖެކްޓްތަކެއް އުފެއްދުމަށްވަނީ ތައްޔާރުވެފައެވެ.