ދެހާސް ދިހަވަނަ އަހަރުގައި ކަޓަރަކުން ހަމަލާދީ ސ. ހުޅުދޫ ލިލީމާގޭ އަބްދުﷲ ފަރުހަދު މަރާލިކަމުގެ ކުށް ސާބިތުވެ ގ. ރީފް، މުހައްމަދު ނަބީލް މެރުމަށް ކުރީގެ ޖިނާއީ ކޯޓުން ހުކުމްކުރި އިރު ނަބީލުގެ ކޮއްކޮ ތަހުގީގަށް ބަޔާން ދިން އިރު ނަގާފައިވާ ވީޑިއޯ ޝަރީއަތަށް ބަލައިގެންފައިވާ ކަމަށާއި ތަހުގީގު ބަޔާނަށް ނަބީލުގެ ކޮއްކޮ ޝަރީއަތުގައި އިންކާރުކޮށްފައިވާތީ ވީޑިއޯ ހެއްކެއްގެ ގޮތުގައި ބަލައި ނުގަނެވޭނެ ކަމަށް އޭނާގެ ވަކީލު ވިދާޅުވެއްޖެ އެވެ.

ނަބީލު މެރުމަށް ހުކުމްކޮށްފައި ވަނީ ޝަރުއީ އަދި ގާނޫނީ އުސޫލުތަކާއި ޚިލާފަށް ކަމަށް ބުނެ އޭނާގެ ފަރާތުން އިސްތިއުނާފުކޮށް މިއަދުގެ ޝަރީއަތުގެ މަޖިލީހުގައި އޭނާގެ ވަކީލު ވިދާޅުވީ ތުހުމަތުކުރެވޭ މީހާ ބުއްދި ސަލާމަތުން ހުރެ ޝަރީއަތުގެ މަޖިލީހުގައިވާ އިއުތިރާފް ފިޔަވައި އެހެން އިއުތިރާފްތައް ޝަރީއަތަށް ބަލައި ނުގަނެވޭނެ ކަމަށް ގާނޫނު އަސާސީގެ 52 ވަނަ މާއްދާގައި ބުނެފައިވާ ކަމަށެވެ. ނަމަވެސް ނަބީލުގެ ކޮއްކޮ ތަހުގީގު ބަޔާނަށް ޝަރީއަތުގައި އިންކާރު ކޮށްފައި ވަނިކޮށް އޭނާ ތަހުގީގަށް ބަޔާން ދިން އިރު ނަގާފައިވާ ވީޑިއޯ ރެކޯޑިން ހެއްކެއްގެ ގޮތުގައި ޝަރީއަތަށް ބަލައިގެންފައިވާކަމަށާއި އެއީ ގާނޫނު އަސާސީގެ 52 ވަނަ މާއްދާއާ ޚިލާފަށް ކޮށްފައިވާކަމެއް ކަމަށެވެ.

"ކަޓަރެއް އެއްލިކަމަށް ނަބީލު [ޝަރީއަތުގައި] އިންކާރު ކުރި. އޭނާގެ ކޮއްކޮ ވެސް އިންކާރު ކުރޭ. އެއްވެސް ހެއްކަކު [ޝަރީއަތުގައި] ނުބުނޭ ނަބީލު ކަޓަރެއް އެއްލިކަމަށް،" ވަކީލު ވިދާޅުވި އެވެ.

ނަބީލުގެ ކޮއްކޮ ޝަރީއަތުގެ މަޖިލީހުގައި ނަބީލު ކަޓަރު އެއްލި މަންޒަރު ދުށްކަމަށް އިންކާރު ކުރި ނަމަވެސް އޭނާ ތަހުގީގަށް ދިން ބަޔާނުގައި ބުނެފައި ވަނީ ފަރުހާދުއާ ދިމާލަށް ނާބީލު ކަޓަރު އެލަން އުޅުމުން އޭނާ އެވަގުތު ނަބީލުގެ ގައިގައި ހިފެހެއްޓިކަމަށާއި ނަމަވެސް ނަބީލު ކުރިއަށް ޖެހިލާފައި ކަޓަރު އެއްލުމުން ފަރުހާދުގެ ބުރަކަށްޓަށް ކަޓަރު ހެރުނުކަމަށާއި އެ މަންޒަރު އޭނާ ދުށް ކަމަށެވެ.

ވަކީލު ވިދާޅުވީ ދައުވާއަށް ނަބީލު އިންކާރު ކުރިކަމަށް އެ މައްސަލައިގެ ޝަރީއަތް ނިންމިގޮތުގެ ރިޕޯޓުގައިވާ ކަމަށެވެ. އަދި އެ މައްސަލައިގައި ހެކި ހުށަހަޅަން ދައުލަތަށް ފުރުސަތު ދިނުމުން ވެސް އެއިން ނަބީލު ދައުވާއަށް އިންކާރު ކުރިކަން އެނގޭ ކަމަށް ވެސް ވަކީލު ވިދާޅުވި އެވެ.

"ދައުވާއަށް ނަބީލު ޝަރީއަތުގައި އިންކާރު ކުރިކަމަށް ޝަރީއަތް ނިންމި ރިޕޯޓުގައި ވޭ. ހެކިން ހުށަހަޅަން ދައުލަތަށް ފުރުސަތު ދިނުމުން ވެސް އިންކާރު ކުރިކަން އެނގޭ،" ވަކީލު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ފަރުހާދުގެ ބުރަކަށްޓަށް ލިބިފައިވަނީ އެންމެ ޒަޚަމެއްކަން ޑޮކްޓަރުގެ ރިޕޯޓުން އެނގޭއިރު ފަރުހާދުގެ ބުރަކަށްޓަށް އެހެން މީހަކު ވަޅިހެރިކަމަށް ތަހުގީގު ބަޔާންތަކުން އެނގެން އޮންނަ ކަމަށެވެ. އަދި ފަރުހާދު ހޮސްޕިޓަލަށް ގެންގޮސް އެއްވެސް ޓެސްޓެއް ހެދުމަކާއި ނުލާ ކުރީ އޮޕަރޭޝަނެއް ކަމަށާއި އޮޕަރޭޝަން ތިއޭޓަރުގެ ރިޕޯޓުވެސް ފެންނަން ނެތް ކަމަށެވެ. އަދި ފަރުހާދު އޮޕަރޭޝަންކުރުމަށް ތިއޭޓަރަށް ވައްދާފައިވާއިރު އެތާގެ ތެރޭގައި ޑޮކްޓަރުންގެ އިހުމާލެއްވެފައި އޮތްތޯ ވެސް ތަހުގީގުގައި ބެލިފައި ނުވާކަމަށާއި އެފަދަ ކަންތައްތަކަކީ ޝައްކު އުފެދިފައިވާ ކަންތައްތަކެއް ކަމަށް ވެސް ވިދާޅުވި އެވެ.

ފަރުހާދުގެ ވާރިސުންގެ ބަޔާން ނެގުމަށް އޭނާގެ ބައްޕަ ޝަރީއަތަށް ހާޒިރު ކުރެވުނުތޯ ހައިކޯޓުގެ ފަނޑިޔާރު އެއްސެވުމުން ދައުލަތުގެ ވަކީލު ވިދާޅުވީ ފަރުހާދު މަރުވި ފަހުން އޭނާގެ ބައްޕަ ވެސް ނިޔާވެފައިވާތީ އޭނާގެ ބަޔާން ޝަރީއަތުން ނަގާފައި ނުވާ ކަމަށެވެ.

ހައިކޯޓުގެ ފަނޑިޔާރު މިއަދުގެ ޝަރީއަތުގެ މަޖިލީސް ނިންމަވާލެއްވީ ފަރުހާދުގެ ބައްޕަގެ ބަޔާނެއް ތަހުގީގަށް ނެގިތޯ ދެން އޮންނަ ޝަރީއަތުގެ މަޖިލީހަކަށް ސާފުކޮށްދެއްވުމަށް ދައުލަތަށް ފުރުސަތު ދެއްވުމަށް ފަހު އެވެ.
ފަރުހާދުގެ ގައިގައި ތަޅައި މާރާމާރީ ހިންގުމުގެ ކުށުގައި ދެ މީހަކު ހަތަރު އަހަރަށް ޖަލަށް ލުމަށް ވެސް ޖިނާއީ ކޯޓުން ވަނީ ދެހާސް ދިހަވަނަ އަހަރު ހުކުމްކޮށްފައެވެ. އެ ދެ މީހުންނަކީ މ. ބުލޫލޭކްލޮޖް، އަލީ ރަޒީންއާ، މ.ރޭއަލިވާގޭ އިބްރާހިމް ނައުފަލް އެވެ.