އާ އަހަރު ފާހަގަކުރުމަށް ބާއްވާ ޝޯގައި ޕާފޯމް ކުރުމަށް ހަމަޖެހިފައިވާ ބޮލީވުޑްގެ މަޝްހޫރު ލަވަކިއުންތެރިޔާ ޕައުނީ ޕާންޑޭ ރާއްޖެ އައިސްފިއެވެ.

އޭނާ ރާއްޖެ އައިސްފައިވަނީ މިއަދު މެންދުރުގެ ވަގުތެއްގައެވެ.

ޕައުނީ އަކީ 2017 ވަނަ އަހަރު ނެރުނު ބޮލީވުޑްގެ މަޝްހޫރު ތަރި ޝާރުޚް ޚާން ގެ "ރައީސް" ފިލްމުގައި އިންނަ, "ލައިލާ މެ ލައިލާ" ގެ ލަވައިން އާއްމުންގެ މަގުބޫލުކަން ހޯދި ފަންނާނެކެވެ.

މި ފަހަރު އާ އަހަރު ފެށުން ކުލަ ގަދަކޮށް ފާހަގަކުރަން ޔޫތު މިނިސްޓްރީން ވަނީ ނިންމާފައެވެ. އެގޮތުން ބާއްވާ ސްޓޭޖް ޝޯގައި ރާއްޖޭގެ މަޝްހޫރު ލަވަކިޔުންތެރިންނާއި ބޭންޑުތަކުން ވެސް ޕާފޯމް ކުރުމަށް ވަނީ ހަމަޖެހިފައެވެ. މީގެތެރޭގައި ހަބޭސް ބޮޑުބެރު ގްރޫޕާއި ހަބޭސް ފިއުޝަން އަދި ހަބޭސް ލެވިޓޭޝަންގެ ހިތްގައިމު ހުށަހެޅުންތަކެއް ވެސް އެ ޝޯއިން ފެންނާނެއެވެ.

އެ ޝޯގެ ތެރެއިން އާ އަހަރު ފާހަގަކުރުމަށް ހިންގާ ފަހު ހަރަކާތެއްގެ ގޮތުން ހަވާ އެރުވުމަށް ވެސް ނިންމާފައިވެއެވެ.

މީގެ ކުރިން ވެސް ރާއްޖޭގައި އާ އަހަރު ވަރަށް ކުލަގަދަކޮށް ފާހަގަކުރެއެވެ. އެގޮތުން މާލެ ސަހަރަހައްދުގައި ހަވާއެރުވުމުގެ ހަރަކާތްތަކާއި ބޭރު ފަންނާނުންގެ އިތުރުން ރާއްޖޭގެ މިއުޒިކް ފަންނާނުންގެ ހުށަހެޅުންތަކާއެކު އާ އަހަރު ފާހަގަކުރެއެވެ.