30 Dec 2022, 22:11
ދިވެހިރާއްޖޭގެ ފަތުރުވެރިކަމަށް 50 އަހަރު ފުރުމުގެ މުނާސަބަތުގައި "ދިވެހިރާއްޖޭގެ ފަތުރުވެރިކަމުގެ ރަން ފަންސާސް" ގެ ނަމުގައި ޑިޖިޓަލް ފޮތެއް ޓޫރިޒަމް މިނިސްޓްރީން އިފްތިތާހްކޮށްފިއެވެ.
މި ފޮތް އިފްތިތާހްކޮށްދެއްވާފައިވަނީ ފަތުރުވެރިކަމުގެ ޅަފަތުގައި ރިސޯޓް އަދި ސަފާރީ އުޅަނދުފަހަރު ތަރައްގީކުރުމުގެ މަސައްކަތުގައި އުޅުއްވި މައިޒާން އުމަރު މަނިކެވެ.
މިފޮތުގައި ދިވެހިރާއްޖޭގައި ފަތުރުވެރިކަމުގެ ފެށުމާއި، އޭގެ މުހިންމު ބައިވެރިންނާއި، ފަތުރުވެރިކަން ތަރައްގީވަމުން އައި ގޮތާއި، ސަރުކާރުގެ ދައުރާއި، ރާއްޖޭގެ އިގްތިސާދުގައި ފަތުރުވެރިކަމުގެ ދައުރު ހިއްސާކޮށްފައިވެއެވެ. އަދި ދަތުރުފަތުރަށް އައި އިންގިލާބީ ބަދަލުތަކާއި ފަތުރުވެރިކަމާއި ގުޅުންހުރި ބިޔަ ބޮޑެތި މަޝްރޫއުތަކާއި، ފަތުރުވެރިކަން ދެމެހެއްޓުމަށް ކުރިއަށް އޮތް ޖީލުތަކުގެ ޒިންމާ ފަދަ ބައިތައްވެސް އެކުލެވިގެންވެއެވެ.
މީގެއިތުރުން، މި ފޮތުގައި ރައީސުލްޖިމްހޫރިއްޔާ އިބްރާޙީމް މުޙައްމަދު ޞާލިޙްގެ ޚިޠާބެއްވެސް ހިމަނާފައިވެއެވެ. އަދި ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމްގެ ޚިޠާބަކާއި، މީގެކުރިން މިނިސްޓަރުކަން ކުރައްވާފައިވާ ބައެއް މިނިސްޓަރުންގެ ބަސްފުޅުތައް ވެސް މި ފޮތުގައި ހިމެނޭ ކަމަށް އެ މިނިސްޓްރީން ބުނެއެވެ.
މިއަހަރު ރާއްޖޭގެ ފަތުރުވެރިކަމަށް 50 އަހަރު ފުރިފައިވާއިރު، ރާއްޖެއިން ވަނީ ފަތުރުވެރިކަމުގެ ދާއިރާއިން ގިނަ ކާމިޔާބީތަކެއް ހޯދާފައެވެ. އެގޮތުން، މި ސިނާއަތުގައި ހަރަކާތްތެރިވާ ފަރާތްތަކަށް ބައިނަލްއަގްވާމީ ފެންވަރުގައިދޭ އެންމެ ޝަރަފުވެރި އެވޯޑްކަމަށްވާ، ވޯލްޑް ޓްރެވަލް އެވޯޑްސްގެ "ވޯލްޑް ލީޑިންގް ޑެސްޓިނޭޝަން"ގެ އެވޯޑް ޖެހިޖެހިގެން 3 ވަނަ ފަހަރު ރާއްޖެއިން ހޯދާފައިވެއެވެ.
އަދި، މިއަހަރު ރާއްޖެ ޒިޔާރަތްކުރާނެކަމަށް ސަރުކާރުން ކަނޑައެޅި އަމާޒު ހާސިލްވެ 1.6 މިލިއަން ފަތުރުވެރިން ވަނީ މިއަހަރު ރާއްޖެ ޒިޔާރަތްކޮށްފައެވެ.