މިނިސްޓާ އޮފް އެންވަޔަރަމަންޓް، ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޮލޮޖީ އައިމިނަތު ޝައުނާގެ ޚާއްސަ ލަފާގެ މަތިން ވެމްކޯއިން މާލެ ސާފުކުރުމުގެ އޮޕަރޭޝަނެއް ފަށާފައިވާ ކަމަށް އެ މިނިސްޓްރީން ބުނެފިއެވެ.

މިކަން ހާމަކޮށް އެ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަލީ ޞާލިހު މިއަދު މީޑިއާތަކަށް ވިދާޅުވީ، އެ މަސައްކަތް މިހާރު ވެމްކޯއިން ފަށާފައިވާ ކަމަށެވެ.

"ބައެއްގެ އީގޯއަށް ބެލުމަށްވުރެ، މާލޭ ރައްޔިތުންގެ އާންމު ސިއްހަތު މުހިންމު،" މީޑިއާތަކަށް އަލީ ޞާލިޙް ހިއްސާކުރެއްވި މެސެޖުގައިވެއެވެ.

އެ މަސައްކަތް ފެށުމާއި ގުޅިގެން ވެމްކޯއިން މިއަދު ނެރުނު ބަޔާނެއްގައި ބުނީ، ފާއިތުވި ދެތިން ދުވަހުގެތެރޭގައި މާލޭގެ މަގުތަކާއި އާންމު ތަންތަނުގައި ގިނަ އަދަދަކަށް ކުނިވާ ޒާތުގެ ކުންޏާއި އެހެނިހެން ކުނިތައް ޖަމާވެފައިވާ ކަމަށެވެ. އަދި އެކަމާ ގުޅިގެން އާންމުގެ ޝަކުވާ ގިނަވެފައިވާ ކަމަށް ވެމްކޯގެ ބަޔާނުގައިވެއެވެ.

ވެމްކޯއިން ބުނީ އެކަމާ ގުޅިގެން އާންމު ސިއްހަތަށް ނުރައްކާ ވެދާނެ ފަދަ ހާލަތަކަށް ހިނނގައިދާނެ ކަމުގެ ބިރު އޮތުމާ ގުޅިގެން، މިނިސްޓްރީގެ އިރުޝާދުގެ މަތިން ކުނިތައް ނަގައި، މަގުތައް ސާފު ކުރުމުގެ މަސައްކަތް ފަށާފައިވާ ކަމަށެވެ. މާލެތެރެ ސާފުތާހިރުކޮށް ބޭއްވުމަށް އެ ކުންފުނިން ވަނީ އިލްތިމާސް ކޮށްފައެވެ.

އޭގެ އިތުރުން ވެމްކޯގެ ޚިދުމަތް ހޯދުމަށް ރަޖިސްޓްރީ ކޮށްފައިވާ މީހުން މަގުމަށްޗަށް ކުނި ނުނެރުމަށް ވެސް ވެމްކޯއިން އެދިފައިވެއެވެ.

މާލެ ސަރަހައްދު ކުނިކަހައި ސާފުކޮށް ބެލެހެއްޓުމުގެ މަސައްކަތް މީގެ ކުރިން ކުރަމުން އައީ ވެމްކޯއިންނެވެ. އެކަމަކު މާލެ ސިޓީ ކައުންސިލާއެކު ވެމްކޯއިން ހަދާފައިވާ ފަސް އަހަރުގެ އެއްބަސްވުން މިހާރު ވަނީ ހަމަވެފައެވެ. އެއާއެކު މާލޭގެ ގޭބީސީތަކުން ކުނިނެގުމާމެދު މާލެ ސިޓީ ކައުންސިލާ ވެމްކޯއާ ދެމެދު ވަނީ ޚިޔާލުތަފާތުވުން އުފެދިފައެވެ.

މިދިޔަ އަންގާރަ ދުވަހު ވެމްކޯއިން ބުނެފައިވަނީ އެ ދުވަހުން ފެށިގެން މާލެ ސިޓީއާއި ވިލިމާލޭ މަގުތަކާއި އާއްމު ސަރަހައްދުތައް ކުނިކަހައި ސާފު ކުރުމުގެ މަސައްކަތް އެ ކޯޕަރޭޝަނުން ހުއްޓާލާފައިވާ ކަމަށާއި ދެން ޚިދުމަތް ދެމުން ގެންދާނީ ވެމްކޯގައި ރެޖިސްޓްރީ ވެގެން ޚިދުމަތް ހޯދާ ފަރާތްތަކަށް ކަމަށެވެ.

ނަމަވެސް މާލޭގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވީ، ގޭބިސީތަކުން ނެރޭ ކުނި ނެގުމުގެ މަސައްކަތަކީ ވެމްކޯގެ ޒިންމާއެއް ކަމަށެވެ. ނަމަވެސް ވެމްކޯއިން ތަކުރާރުކޮށް ޖެއްސުން ކުރަމުން އަންނަކަމުގެ ތުހުމަތުކުރެއްވިއެވެ.