ޖަޕާނުގެ މަޝްހޫރު ކްރޫޒް ލައިނާ, "ނިޕޮން މަރު" އިން މާލެއަށް 200 އަށްވުރެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފިއެވެ.

އެއް ނަންބަރު ފާލަމުގައި މިއަދު ބޭއްވި ޙާއްސަ ޙަފްލާއެއްގައި މި ކްރޫޒް އައުމާ ގުޅިގެން އެކަން ފާހަގަކޮށްފައިވެއެވެ. އެ ޙަފްލާގައި ރާއްޖޭގެ ފަތުރުވެރިކަމާ ބެހޭ ވަޒީރު، ޑރ. އަބްދުﷲ މައުސޫމް ވަނީ ބައިވެރިވެވަޑައިގެންފައެވެ.

މި ޙަފްލާގެ ތެރެއިން "ސަން" އިން ކުރި ސުވާލަކަށް ޖަވާބުދެއްވަމުން މިނިސްޓާ މައުސޫމް ވިދާޅުވީ، ޖަޕާނުގެ މާކެޓަކީ ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަަތަށް ވަރަށް މުހިންމު މާކެޓެެއް ކަމަށާއި، ކޮވިޑުގެ ކުރިން 40،000 އަށްވުރެ ގިނަ ފަތުރުވެރިން ރާއްޖެ އައި ކަމަށެވެ. އަދި އެއީ އޭރު ރާއްޖޭގެ މާކެޓުގެ 3 އިންސައްތަކަން ފާހަގަ ކުރައްވަމުން މިނިސްޓާ ވިދާޅުވީ، މި އަހަރުގެ މިހާތަނަށް ރާއްޖެއަށް ޖަޕާނުން 8000 އަށްވުރެ ގިނަ ފަތުރުވެރިން ޒިޔާރަތް ކޮށްފައިވާ ކަމަށެވެ.

"މިފަދަ ގޮތަކަށް (ޖަޕާނުގެ) ފަތުރުވެރިން އައުމަކީ އަޅުގަނޑުމެން ވަރަށް އުފާވާ ކަމެއް،" މިނިސްޓާ ވިދާޅުވިއެވެ.

މިނިސްޓާ އިތުރަށް ވިދާޅުވީ، ކްރޫޒް ޓުއަރިޒަމަށް ރާއްޖެއިން ވަރަށް ބޮޑަށް މަރުޙަބާ ކިޔާ ކަމަށެވެ. އެ ސަބަބަށްޓަކައި، ޖަޕާނުގެ "ނިޕޮން މަރު" ރާއްޖެ އައުމަކީ މިނިސްޓްރީން ވަރަށް ޙާއްސަ ގޮތެއްގައި ބަލައިގަންނަ ކަމެއް ކަމަށް ވެސް މިނިސްޓާ ވިދާޅުވިއެވެ.

މިނިސްޓާގެ ވާހަކަފުޅުގައި ޖަޕާނުގެ ހަރު އުމުރުގެ މީހުންނަށް ވެސް އަލި އަޅުއްވާލެއްވިއެވެ. އެގޮތުން ޖަޕާނުގެ ހަރު އުމުރުގެ މީހުންނަކީ ވަރަށް ވެސް ގިނައިން ދަތުރުކުރާ އަދި ފައިސާ ގިނަ ބައެއް ކަމަށާއި، އެހެންކަމުން އެފަދަ މާކެޓެއް ރާއްޖެއަށް އައުމަކީ އެކަމުގެ ސަބަބުން ރާއްޖޭގެ ފަތުރުވެރިކަމަށް ބޮޑެތި ކުރިއެރުންތައް ލިބޭނެ ކަމެއްކަން މިނިސްޓާ ފާހަގަކުރެއްވިއެވެ.

"މިކަމުގެ ސަބަބުން ލިބޭ އެކްސްޕޯޗާގެ އަލީގައި ވައިގެ މަގުން (ޖަޕާނުން) އާންމުކޮށް އަންނަ ފަތުރުވެރިންނަށް އިތުރު ބާރެއް ލިބިގެންދާނެ،" މިނިސްޓާ ވިދާޅުވިއެވެ.

މި އަންނަ އަހަރަށް ރާއްޖޭގެ ފަތުރުވެރިކަން ބޮޑުތަނުން ކުރިއަރައިގެންދާނެ ކަމުގައި މިނިސްޓާ ފާހަގަ ކުރެއްވިއެވެ. އޭގެ އެންމެ ބޮޑު ސަބަބެއް ކަމުގައި މިނިސްޓާ ވިދާޅުވީ، ޗައިނާ އަދި ޖަޕާނުގެ މާކެޓުން ރާއްޖެއަށް ފަތުރުވެރިން އަންނަން ފެށުމެވެ.

"އަޅުގަނޑުމެންގެ އުއްމީދަކީ މި އަންނަ އަހަރުގެ ފުރަތަމަ ކުއާޓާގެ ތެރޭގައި ޗައިނާއިން ވެސް ފަތުރުވެރިން ރާއްޖެ އަންނަން ފެށުން،" މިނިސްޓާ ވިދާޅުވިއެވެ.

ޖަޕާނުން ފަތުރުވެރިން ގެނައުމަށްޓަކައި ގިނަ މަސައްކަތްތަކެއް ކުރައްވަމުން ދާކަން މިނިސްޓާ ފާހަގަކުރެއްވިއެވެ. އަދި މި މަސައްކަތުގައި ޖަޕާނުގެ އެމްބެސަޑާގެ ފަރާތުން ލިބޭ އެއްބާރުލެއްވުން މިނިސްޓާ ޝުކުރުވެރިކަމާއެކު ފާހަގަކުރެއްވިއެވެ.

ޖަޕާނުގެ މި ކްރޫޒް ލައިނާ ރާއްޖެ އައިއިރު، ކްރޫޒް ލައިނާތައް އައުމަކީ ރާއްޖެއަށް ބޮޑު އާމްދަނީއެއް ލިބޭ ކަމެކެވެ. އެހެންނަމަވެސް، ރާއްޖެ އައުމުގައި މި ލައިނާތަކަށް ކުރިން ބޮޑެތި ގޮންޖެހުންތަކެއް ހުއްޓެވެ.

މީގެ ތެރޭގައި ކޮވިޑްގެ ސަބަބުން ރާއްޖެއިން ކަނޑައަޅާފައިވާ ބައެއް ސިޔާސަތުތަކާއި އެމްޕީއެލްއިން ނަގަމުން އައި ޕައިލޮޓޭޖް ފީ 2020 ވަނަ އަހަރު ތެރޭގައި ބޮޑުކުރުން ހިމެނެއެވެ. މިދިޔަ އަހަރުގެ ޑިސެމްބަރުމަހު އެމްޕީއެލްއިން އެ ފީ ކުޑަކުރުމުން ބައެއް ކުރޫޒް ލައިނާތަކުން ރާއްޖެ އަންނަން ޝައުގުވެރިކަން ފާޅުކުރިއެވެ.

މީގެކުރިން ރާއްޖެއަކީ ކުރޫޒް ލައިނާތަކަށް ޓޫރިސްޓުން އެރުވުމަށާއި ބޭލުމަށް ބޭނުން ކުރި މައި ބަނދަރެކެވެ. އަދި ކުރޫޒް ލައިނާތައް މާލެ ކައިރި އޮންނަ ދުވަސްތަކުގައި އެހެނިހެން ގޮތްގޮތުން ވެސް ރާއްޖެއަށް ބޮޑު އާމްދަނީއެއް ލިބެއެވެ.

މީގެކުރިން އަހަރެއްގެ މައްޗަށް ރާއްޖެއަށް 60 އެއްހާ ކުރޫޒް ލައިނާ އާދެއެވެ. އެ ބޯޓްތަކުން އެކަނި ވެސް، އަހަރަކު 60،000 އެއްހާ ޓޫރިސްޓުން ރާއްޖެ އާދެއެވެ. މިއާއެކު އެކަމުގެ ސަބަބުން ރާއްޖޭގެ އިގްތިސާދަށް ބޮޑު މަންފާއެއް ލިބެއެވެ.