"ހުރިހާ އެންމެން ރުއްސުން މަސައްކަތްކުރުމާއި، ބަދަލެއް ގެންނަން ބިރުގަތުމާއި، މާޒީގައި ހުރުމާއި، ފިކުރުކުރުމާއި އަދި އަމިއްލަ ނަފުސް ދަސްކުރުމުން ދުރުހެލިވާށެވެ."

***

އެވަގުތު ނަބީލާ އައިސް ދޮރުން ބޯދިއްކޮށްލައިފިއެވެ."އަވަހަށް ޓީވީ ހުޅުވާލަބަލަ. ޝޮކިން ޚަބަރެއް އެބަގެނެސްދޭ..."

އަދާރާއާއި ދާނިޔާވެސް ސިހޭގޮތްވިއެވެ. އެވަރުގެ ޝޮކިން ޚަބަރެއް އެހާ ކަންބޮޑުވެފައި ހުރެ ނަބީލާ ބުނީ އަނެއްކާ އާރިސް މޮޔަކަން ނޫސްތަކަށް އެނގުނީހެއްޔެވެ؟ ނޫނީ އާރިސް އަމިއްލައަށް މަރުވީހެއްޔެވެ؟ އަދާރާގެ ހިތް ތެޅިގަތުމާއެކު ސޯފާއަށް ދެފައި ނަގައިގެން ކުޝަން މޭގައި ޖައްސާ ބާރުކޮށްލައިފިއެވެ. ދާނިޔާ ރިމޯޓުން ޓީވީ ހުޅުވައިލިއިރު ފެނުނީ އަދި ތަފާތު ވާހަކައެކެވެ. އަދާރާގެ ވިސްނުން އެހިސާބަށް ނުފޯރިޔަސް އޭނަގެ މަންމަގެ ޚިޔާލީ ވާފަށް މާކުރިން އެދިމާލަށް އެއްލައިލުން ހަގީގަތަކަށްވީ ޚަބަރެވެ. ރައީސްގެ ބަލި ހާލު ހުރިގޮތުން އިސްތިއުފާ ދެއްވާ ކޮއްކޯފުޅު މައިމޫންއާއި ވެރިކަން ހަވާލުކުރެއްވި ވާހަކައެވެ. މަންމަގެ ދުއާ އިޖާބަކުރެއްވީއެވެ. އަދާރާއަށް އަނގަމަތީގައި އަތް އަޅައިލެވުނެވެ. މެޔަށް ފިނިވެ މަސްހުނި އިހުސާސްތަކެއްގެ ތެރެއަށް ގެނބުނެވެ. ދެވަނަ ސިކުންތުކޮޅުގައި އޭނަގެ ހިތް އަވަސްވެގަތީ މަންމަ ގުޅައިލުމުންނެވެ.

"އަދާރާ ކޮންތާކު ތިހިރީ؟'

"ދާނިޔާގެ ގޭގައި...."

"އަވަހަށް ރައީސްގެ ގެކޮޅަށް ދުރުވޭ. ދަރިފުޅަކީ މިހާރު ކޮންމެ ކޮންމެ މީހެއްނޫން. ރައީސްގެ ދަރިކަލުންގެ އަނބިކަބަލުން. އެކަން ފާހަގަކުރެއްވުން އެ ގަނޑުވަރުގައި އޮންނާނެ. މަންމަވެސް މި ވަޑައިގަންނަވަނީ ތަހުނިޔާ ކިޔަން..... މަންމައަށް ރައީސްގެ ދަރިއެއްގެ މައިދައިތައަށް ވެވިއްޖެ........"އަރޫޝާ އުފަލުން ހަމަ ރޮނީއެވެ. ކިރިޔާވެސް އުފަލެއް ލިބިއްޖެއްޔާ މަންމަގެ އުފާވެރިކަން ދައްކުވާނީ ކަރުނައިންނެވެ.

"މަންމަ އެކަމަކު ސްޓޭޖަށް އަރާ މަންމަ ރައީސްގެ ގެކޮޅަށް ވަޑައިގެންނެވި ވާހަކަ ނުކިޔަން ހަނދާންކުރަންވާނެ.....މިބުނީ ވަޑައިގެންނެވި......"

"އެހެން ނޫންތަ ދެން ކިޔަން ޖެހޭނީ؟"އަރޫޝާ ހެމުން ރޮމުން ދިޔައެވެ."މަންމަ ކޮންކަމެއް ކޮށްގެންތަ ހުރިހާ އުފާތައް ފަސްބަޔަށް މިއެޅެނީ؟ ދުޢާއާއި ސަދަގާތާއި ނަދުރުގެ ބާރުކަން ޔަގީން. މަންމަ ހާދަ ދުޢާއެއް ކޮށްފީމޭ.........."

"މަންމަ ދެން ސެލެބްރޭޓްކުރަން ކޮންކަމެއް އޮތީ؟"

"ޕާޓީއެއްދޭނީ. ދަރަންޏަށް ފައިސާކޮޅެއް ނަގައިގެންވިޔަސް ޕާޓީއެއްދޭނަން..."

"އެއަށްވުރެ ރަގަޅުވާނެއްނު މަންމަ ހަމްދުކޮށް ޝުކުރުގެ ސަޖިދައެއްކުރިއްޔާ. އުފާވީމަ ފުޓްބޯޅަ ކުޅުންތެރިން ދަނޑުމަތީގައި ސަޖިދަކުރާ ވާހަކަ ބުނަނީވެސް މަންމަ..."އަދާރާ ހިނި އައެވެ. މަންމަ ކީއްކުރަންހެއްޔެވެ؟ ޝުވޭކާރުމެންވެސް ހިތާހިތުން ނިކަން އުފާކުރާނެއެވެ. ޝުވޭކާރު ފަސްޓްލޭޑީއަށް ވީތާއެވެ. މިނަލްވެސް ނިކަން ފޮނިބޮޑުވާނެއެވެ. ދެން ހުރީ ހުސާމްއޭ ކިޔާ ފޮނި ފިރިހެނާއެވެ. އޭނައަކީ ސަތޭކަ ގަރުނުގެވެސް އެންމެ ވަރުގަދަ މިއުޒިކް ލެޖެންޑަށް ވާނެކަމުގެ ޔަގީންކަން ދީ ފޮނި ކެނޑުމުގެ ރޭހުގައި އެއްވަނައެވެ. އޭނަ ވަރުގެ ގާބިލް ހުނަރުވެރި ޒުވާނެއްނެތް ކަމަށް ދައުވާ ކުރާ މީހެކެވެ. ގާރޫނު ވަރު ނުވިއްުޔާ ވެދާނެއެވެ. އެކަމަކު އެހިސާބުން ދެން ފެންނާނީ މީހާ ބިމަށް ގަނބައިގަންނަ ތަނެވެ. ނޫނީ ނިކަމެތިކަމާއިއެކު ކަށްވަޅުގައި އޮންނަން ޖެހޭ ދުވަހެއް ދެކެންވެސްޖެހިދާނެއެވެ. އެފިރިހެނާގެ ބައްޕަ ރައީސްއަށްވުމުން ދެން ހިނގާނީވެސް ފައިސާ މަތީގައިކަން ނޭގެއެވެ. އެންމެނަށް ވެފައިވާވަރު ބަލަން އެގެއަށް ދާހިތުން ކެތްމަދުވިއެވެ.

"އަހަންނަށް މަރުހަބާ ނުކިޔާނަންތަ؟" ދާނިޔާގެ މިލާފައިވާ މޫނު ފެނުމުން އަދާރާގެ ހިތް ސަކަރާތްވިއެވެ. ހަސަދަވެރިވާ ޒާތުގެ އަންހެން ކުއްޖެއް ނޫނަސް އެކުއްޖާގެ ހިތަށް އައި ބަދަލެއްވިއްޔާ އެހެރީ ހާމައަށެވެ. އޭނައަށްޓަކާ އުފާކުރަންވީމަ މޮޅިވެރިކަން ނޫން އެއްޗެއް މޫނަކުން ނުފެނުނެވެ.

"ހަގީގަތަށް ބުނަންޏާ މުއްސަދިކަމާއި ބާރާއި ނުފޫޒު ލިބޭ މީހުން ހެއްދެވި ފަރާތާއި އޮތް ގުޅުން ދުރުވެ ދުނިޔޭގެ ފަހަތުން ދުވާތަން ފެންނަނީ. އެހެންވެ ދެރަވީ...." ތަކުރާރުކޮށް އެއް ވާހަކަތައް އިއްވައިގެންވެސް އަދާރާގެ ހިތަށް އަސަރެއް ކޮށްފާނެކަމަށް ދާނިޔާ އުއްމީދުކުރިއެވެ.

"ދާނީ ތިބުނީ ތެދެއް. އެކަމަކު މުއްސަދިކަމަށްވުރެ ހުސާމްއާއިހެދި ނިގާބު ނެގުނީ. ޖުއާނާއާއި ވާދަނުކުރެވޭނެކަން އެނގޭއިރުވެސް ހުސާމްގެ ސަމާލުކަން އަތުލަން އޭނައަށް ފެންނަން ބޭނުންވީ. މިކުރެވެނި ރަގަޅުކަމެއް ނޫންކަން އެނގޭ....."އަދާރާ ފުން ނޭވާއެއް ދޫކޮށްލިއެވެ."އައި ޕްރޮމިސް ހުސާމް ޖުއާނާއާއި ވަކިވެ އަހަންނާއި ގުޅިއްޖެއްޔާ އަލުން ނިގާބު އަޅާނަން..."

"ނޫން ނޫން. އެއީ އެހެން އޮތް ކަމެއްނޫން. ނިގާބަކީ އެގޮތަށް އަޅަން އޮތް އެއްޗެއްނޫން....އެއީ ﷲއާއި އަޅާއާއި ދެމެދު އޮތްކަމެއް. ފޮރުވެނީ އެހެން ބޭނުމެއްގައި ކަމަށްވަންޏާ އެއަކުން ކުރާނެ ފައިދާއެއްނެތް...."

އަދާރާގެ ހިތުގައި ކޮންމެވެސް ވަރެއްގެ ބިރުވެރިކަމެއް ހިނގައިލިއެވެ. އެވާހަކަ ބުނުމުން ދާނިޔާ ބުނީ ބިރުގަތުމަކީ ތަގުވާވެރިކަން ކަމަށާއި އަދާރާގެ ތަގުވާވެރިކަން އެބަހުރިކަމުގެ ހެއްކެއް ކަމަށެވެ. އެބަސްކޮޅުން އަދާރާގެ ހިތަށް ހަމަޖެހުމެއްލިބި ދީނީ ކަންތައްތަކަށް ފަރުވާ ބަހައްޓަން ނިންމިއެވެ. އާ އަޒުމަކާއި ހިތްވަރަކާއި އެކު ހަޔާތުގެ އާ ބާބެއް ލިޔަން އަމިއްލަ ޟަމީރު އެންގިއެވެ. އިންސާނާ ދުނިޔެއަށް ނޭވާލަންޏާ އިސްލާހުވުމުގެ ފުރުސަތު އޮންނާނެއެވެ. ތަގުވާވެރިކަމުގެ ޒައްރެއްގެ މިންވަރު ހިތުގައި އޮތްކަމަށް ގަބޫލުކުރެވުމުން އިތުރުކުރަން ކުރެވޭނެ މަސައްކަތް ހުންނާނެއެވެ.

***

"ޗެރީވުޑް ޕެލެސް"ގެ ގޭތެރޭގައި ފައި އެޅުމާއެކު ކަމެއް ގޯސްވެއްޖެ ކަމުގެ އިހުސާސް އޭނަގެ ނަފުސް ވަށައިލިއެވެ. ގޭތެރެއިން އުފާވެރިކަމުގެ ކުލަވަރެއް ޖޯޝާއި ފޯރިއެއްނެތެވެ. ހިމޭންކަމުންގޮސް ފަޅު ފުށްޓަރަކަށް އެރުނުފަދައެވެ. ގެއިން މަރުހަބާ ކީ އެހާވެސް ފުން ހިމޭންކަމެކެވެ. އޭނަ ހައިރާންވެ އަންތަރީސްވިއެވެ. ފުޅާ ކޮރިޑޯތަކުން ދަނިކޮށް މިނަލްގެ އެކުވެރިޔާ ލިއަމް ފެންތަށްޓެއް ބޯލަން ކާކޮޓަރީގައި ހުރިތަން ފެނުނެވެ. އިސްތަށިގަނޑާއި ގުޅޭކަހަލަ ހެދުމަކާއި ނޫ ޖިންސެއްގައި ހުރިއިރު ހަށިގަނޑު ސީދާކަމާއެކު އަންހެންކުދިން ހިތްތައް ހަލާކުކޮށްލާފަދަ ރީތިކަމެއް އެހާ ޅައިރުވެސް ލިބިފައިވެއެވެ.

"ހެލޯ ލިއަމް. ކިހިނެއް؟"

މިގޭތެރޭގައި މި އޮންނަ މިނިވަންކަމާއިމެދުވެސް މީހަކު ހައިރާންވާނެއެވެ. ރައީސެއްގެ ގޭގެ ސަލާމަތީކަންތައް މިހާ ދޯދިޔާވާންޖެހޭ ހެއްޔެވެ؟ ލިއަމް ކިތަންމެ މައުސޫމްކޮށް ހުއްޓަސް އެކުއްޖާ މިނަލްގެ ކޮޓަރިއާއި ހަމަޔަށް ރޭގަނޑު ދިޔައީވެސް އޭނަ ބަލަން ހުއްޓައެވެ. ފެންބުއިމުގެ ބަހަނާ ދައްކާފައި އެހާ ގިނައިން ކާކޮޓަރިއަށް ދަނީވެސް ކޮންމެވެސް މަގުސަދެއް ހާސިލުކުރުމަށެވެ.

"ރަގަޅު ސިސް ކިހިނެއްތޯ؟ މިނަލްވެސް ފެންނާކަށް ނެތް. ފޯނު ނިވާލާފައި އޮތީ........"

"ދެންމެ ގެއަށް މިއައީ.." ލިއަމް އައި ބޭނުން އެނގުނީއެވެ. މިނަލްގެ ޚަބަރެއް ނުވެގެން އެކުއްޖާ ފެނޭތޯ ބަލަންވެގެންނެވެ.

ލިއަމް ވަށައިގެން ހޯދަމުން ގޮސް މާކްގެ ކޮޓަރިއަށްވަދެ ލޯމަތިން ގެއްލުނެވެ. ބޭގަރާރުކަމުން ފުރިގެންވި ލޮލުން އެހާވަރަށް ހޯދީ މިނަލް ނުފެނިގެން ކަމަށް ވެދާނެއެވެ. އެ އުމުރުގައިވެސް އެވަރަށް ލޯބިވޭހެއްޔެވެ؟

ތިރީބައިގެ ކޮޓަރިއެއްގެ ދޮރު ކުޑަކޮށް ހުޅުވިފައިހުއްޓާ އަދާރާ އެތެރެއަށް ބަލައިލުމާއެކު ސިހޭގޮތްވިއެވެ. މައިމޫން ޝުވޭކާރު ގެނެސް މޭގައި ޖައްސާފައި ބުރަކަށީގައި ފިރުމާފައި އެއްޗެކޭ ބުނެލިގޮތުން ހިތްވަރުދިނީކަން އެނގުނެވެ. ޝުވޭކާރު ރޮނީއެވެ. ކިހިނެއްވީބާވައެވެ. އޭނަފާރަށް ލެނގިލައިގެން ކަންފަތް ދިއްކޮށްގެން ހުއްޓަސް ކިޔާ އެއްޗެއް އެހާ ސާފެއްނުވިއެވެ. ސްކޮޓްލޭންޑަށް ފޮނުވައިލާށޭ ބުނިހެން ހީވިއެވެ. މިނަލްއާއި ލިއަމް ގުޅުވާފައިވެސް އެއްޗެކޭ ބުނިކަން ޔަގީނެވެ. އެމީހުން ދެއްކި ވާހަކައަކަށް ޝައުގުވެރިވިޔަސް އިތުރަށް އެތާ ހުންނަން ހަދައިގެން ބޭޒާރުވެދާނެތީ ހިތާއި ދެކޮޅަށް އެތަނުން ދާން ހިނގައިގަތެވެ.

"ސެލެބްރޭޓްކުރަންވީމަ މި ރޮނީ ކޮންކަމަކާއިތަ؟ އެމީހުން އުފަލެއްނުވޭތަ؟ އަޖައިބެއް.....އަހަރެންގެ މަންމަ އެންމެން މަތިން އުފާކޮށް ޕާޓީ ބާއްވާ ކަމެއް އެބަހުއްޓެއްނު.އުފާކުރަންވީ މީހުން ރޮނީ. މިއީ ދުނިޔޭގެ އާދަކާދަ...މުއްސަންޖަސް ހިތަށް ހަމަޖެހުމެއް ނުލިބޭ.."

ކުއްލިއަކަށް ގުރުއާނުގެ އާޔަތެއް ދާނިޔާ ފޯނަށް ފޮނުވުމުން އަދާރާ އަޖައިބުވިއެވެ. މިވެސް ކަރާމާތެއްހެއްޔެވެ؟ އެ އާޔަތުގައިވަނީ ހިތްތަކަށް ހަމަޖެހުން ލިބެނީ ﷲ ހަދުމަކުރުމުން ކަމަށެވެ. އޭނަގެ ހިތަށް އެހެން އެރުމާއެކު ދާނިޔާ އެ އާޔަތް ފޮނުވުމަކީ އިއްތިފާގެއްކަމަށް އޭނަ ގަބޫލެއްނުކުރާނެއެވެ. އަދާރާގެ ގައިން ހީބިހި ނަގައިގަތެވެ. ދެލޯ ފެންކަޅިވިއެވެ. އެފަދަ ކުދި ކުދި ކަންތަކާއިމެދުވެސް ވިސްނުން ހިންގައިލުމުން ރޫހާނީ ބާރު އަންދާޒާކުރެވި އީމާންކަން ވަރުގަދަވެގެން ހިނގައިދެއެވެ.

***

ހުސާމް ޓެރެސްގައި ފޯނު ކަންފަތުގައި ޖަހައިލައިގެން ހުރެ ކޮންމެވެސް މީހަކާއި ވާހަކަދައްކަމުން ދިޔައިރު މޫނުން ވަކި ޝުއޫރުތަކެއް ނުފެނެއެވެ. އަތުގައި އޮތް ވޭޕް ސިގްރެޓުން އަރުވަމުން ދިޔަ ދުމުގެ ތެރެއިން އޭނަގެ އަޅިދެލޯ ފެންނަލެއް ވަކިން ނަލައެވެ. ސުޕާރީ އަނގައިގެ ތެރެއަށް އެޅުމަށްފަހު އޭނަ އެނބުރުނުއިރު ފަހަތުގައި އަދާރާ ހުރިތަން ފެނުމުން ލޯ ވަކިން އުޖާލާވިއެވެ.

"ހެލޯ ފަހަރި...." ހުސާމްގެ ލޯ އޭނަގެ ބޮލުން ފެށިގެން ފަޔާއި ހަމަޔަށް ދަތުރުކުރިއެވެ. އަދާރާ ލައިގެން ހުރީ ކަކުލާއި ހަމަޔަށް އޮތް މިޑީ ހެދުމަކާއި ހަރުވާޅެކެވެ. ގަޔަށް ދޫކޮށް އޮތް ނަމަވެސް ހެދުމުގައި ވައި އަޅުވަމުން ދިޔަގޮތުން ހެދުން ގަޔާއި ތަތްލަވާގޮތްވިއެވެ.

"ﷲއަށް ބިރުވެތިވޭ. އަހަންނަކީ ނޮން މަހުރަމެއް....ހުސާމްގެ ފަހަރި.."

"އެންމެ ކުރިން އަހަރެންގެ މީހަކަށް ދޯ ވީ؟އާރިސްކަހަލަ މޮޔަ ކުއްޖަކާއިއެކު އުޅެން އަދާއަށްވެސް ފަސޭހައެއްނުވާނެ. އެހެންވެ އަހަރެންގެ ފަހަތުން ތިއުޅެނީ. ގޯހެއްނޫން............."

"އާރިސްގެ ހާލު ކިހިނެއްތަ؟ސްކިޒޮފްރީނިއާ ކަން ޔަގީންތަ؟"

"ދުއިސައްތަ ޕަސެންޓް...."ހުސާމް ހިނިގަނޑެއް ޖަހައިލަމުން އަތުގައި އޮޅާފައިވާ ބެންޑޭޖް ދައްކައިލިއެވެ." މި ޒަޚަމް ފަސޭހަވިޔަސް ލަކުނު އަބަދުވެސް އާރިސްގެ މޮޔަކަމުގެ ނިޝާނެއްކަމުގައި ހެކިދޭނެ އެއްޗަކަށްވާނެ. އަދިވެސް ފިރިމީހާގެ ނަފްސާނީ ބައްޔެއް ހުރިކަމަށް ހިތް ގަބޫލުނުކުރަނީ ދޯ...އެހެންވެސް ވާނެ. އަދާރާގެ ފަޚުރުވިއްޔަ..."

"ނުބައި ވިސްނުމެއް ތިއީ..އެ ވާހަކައެއް ނޫނޭ. މަރުހަބާ ކިޔަން އައިއިރު މިގޭތެރެއިން އެއްވެސް ކަމެއްނުފެނޭ. އެއީ ހަގީގީ ޚަބަރެއްތަ؟ އަންކަލް އިސްތިއުފާ ދެއްވީ ޔޯ......" އަދާރާ ރެއިލިންގައި އަތް އަޅުވައިލަމުން ދުރަށް ބަލަން ހުރެފައި ފުން ނޭވާއެއް ދޫކޮށްލިއެވެ.

"ިއެއީ ތެދު ޚަބަރެއް. އަހަރެމެންގެ ބައްޕައަކީ ގައުމުގެ އިސްވެރިޔާ...."ހުސާމް އެއްމިޔަކަނުން ހީލިއެވެ.

"މިސްޓޭކް އެޑިޓްކޮށްފައި ވާހަކަދައްކަފާނަންތަ؟ ބައްޕަ އަށްވިނަމައޭ ހިތަށް އަރާ ދޯ. ޔަގީނުންވެސް ރައީސްގެ ދަރިއޭ ނުބުނެވޭނެ..ތިއީ ރައީސް މައިމޫންގެ އުފަން ދަރިއެއްނޫން. ގޮނޑުން ހޮވިކުއްޖެއް. މިއަދު ހަގީގަތުގައި މަތީ މަގާމެއްގައި ޝާހީކަން ލިބިފައި މިހިރީ އަހަންނަށް. ހުސާމް ކެހިދިނީމަ އެކަމުގެ ބަދަލުގައި ލިބުނު ޝަރަފެއް...ޖެލަސްއެއްނުވޭތަ؟"އަދާރާ ކަތި ނަޒަރަކުން ބަލައިލަމުން ފޮނިގޮތަކަށް ހީލުމުން ހުސާމް ހޭންފެށިއެވެ. އިރުކޮޅެއްފަހުން އެ "ސިގްނޭޗާ" ހުނުންގަނޑު މަތަކޮށްލުމަށްފަހު ބުމަ އަރުވައިލިއިރު އެމޫނުމަތިން އެހެން ދުވަހަށްވުރެ ބޮޑަށް ބޮޑާކަން ފެނުނެވެ.

"އަހަރެން މަޝްހޫރުކަން ހޯދީ މައިންބަފައިން ބޭނުންކޮށްގެނެއްނޫން. އެމީހުން ނެތަސް ދުނިޔެއަށް ލެޖެންޑެއް. އަހަރެންގެ ލެޔާއި ފުރާނައިގާވެސް ވަނީ މިއުޒިކް. އަދި މަގޭ ހިޕޮނޮޓިކް އަޑު ކަންފަތުގައި ޖެހުނު އަންހެނަކަސް ފިރިހެނަކަސް ގުރުބާންވާނެ. ނިދީގަޔާއި ހޭލާ ތިއްބަސް ކަންފަތުގައި ހަރުލާފައިވާނީ މި ސޭމްގެ އަޑު. އެހެންވީމަ ޖެލަސްވާންވީ ސަބަބެއް އަދި ބޭނުމެއްވެސް ނުފެނޭ. އަދާވެސް މީހަކާއި އިނީމަވެސް ތި ދުވަނީ މަގޭ ފަހަތުންނެއްނު. އަމިއްލަ ހާލު އެހެން ހުރިއްޔާ އެހެން ހުރިއްޔާ ލޯބިވާކުދިން ކިހާވަރެއްވާނެ. މަ ދެކެ ނަފްރަތުވާން ހައްގު ކުއްޖާވެސް ތިއުޅެނީ ލޯބިންގޮސް މޮޔަވެގެން...ސޯ....ކިހިނެއް ހަދާދޭންވީ؟ ބުނި ކޮންމެ ކަމެއްކޮށްދޭނަން. އާރިސްވެސް ނޫޅޭ. މިރޭ ޑޭޓަކަށް ދާންވީ؟ނޫނީ ބެޓަރ ތި ރޫމަށް މިރޭ ދަންތަ؟" ހުސާމް އަދާރާގެ މޫނުގައި ބީހިލަން އުޅުމުން އަދާރާގެ ރުޅިގަނޑު އުތުރި އަރައިގަތެވެ .ދެވަނަ ސިކުންތުކޮޅު ވައިގެ ތެރޭގައި އެ ނާޒުކް އަތް ހޫރައިލުމުން އެތިފަހަރުން ރެކެން އެއްވެސް މަސައްކަތެއްނުކޮށް ހުސާމް ހިލަބުދެއްހެން ހުރީއެވެ.

"އަހަންނަކީ ރަންޑިއެއްކަމަށް ހީކުރީތަ؟"

"ހެހެ...އެހެން ހީކުރެވޭގޮތަކަށް އުޅެންޏާ އެހެންވެސް ހީކުރާނެއްނު އަދާ...އަހަންނަށް ފެނޭ އަދާ ހަތަރުދަމު ފާރަލާތަން. ތަނަކުން ބާކޮޅެއް ފެނުނަސް ލޯ ޖަހައިގެން. ސީސީޓީވީއެކޭ އަދާ ތަފާތެއްނެތް. އަބަދު އަހަރެންގެ ކޮންމެ ހަރަކާތެއް ދެކެން އަދާ ހުންނަނީ. އާރިސްއާއި ކައިވެނިކުރީ އަހަރެންނާއިހެދިއޭ ބުނީވެސް ތި ދުލުން ދޯ. އަހަރެން ދެން ހީކުރަންވީ ތިއީ ސޯލިހު ތަގުވާވެރި އަޅުވެރިއެއްކަމަށް. ވަލީވެރި ބޭކަނބަލެއްކަމަށް؟ ސީރިޔަސްލީ އަދާ؟ އަދާގެ ފޭކްކަން އެނގުނީ އަހަރެން ތި ނިގާބުދެކެ އެންމެ ފޫހިވަނީވެސް އަދާމެންގެ ދެފުށްކެހެރިކަމުން..މޫނު އަޅައިގެން އަޅުވެރިކަމަށް ބޭރުފުށުން ހެދިގެން ފިރިހެނުންގެ ފަހަތުން ދުވެ ދުވެ.........." ހުސާމް ރެއިލިންއަށް ލެނގިލައިގެން ހުރިއިރު އެތުންފަތުގައިވި މަލާމާތުގެ ހުނުން އަދާރާގެ ހިތަށް ތަދުކުރުވިއެވެ.

އެފަދަ ބަސްތައް ޚަންޖަރެއްފަދައިން ހިތަށް ހެރުމުން ޖިސްމާނީ އަނިޔާއަކަށްވުރެ ލިބޭ ތަދު ބޮޑެވެ.

"އަހަރެން ނިގާބު އެޅީ އަޅުވެރިކަމަށް ހެދޭކަށް ނޫން. ދުނިޔެއަށް ފޮރުވެން....." އަދާރާގެ ލޮލަށް ކަރުނަ އައެވެ."ހުސާމް އަހަންނަށް ހެދިގޮތުން....."

"އޯކޭ ސޮރީ....މާފަށް މިއެދުނީ. ދެން ތި ގްރަޖް އަބަދަށް ހިތުގައި ބާއްވާނީތަ؟ ފޮގިވް މީ ލެޓްސް މޭކް ޕީސް ޑާލިން...." ހުސާމް އެއްލޯ މަރައިލިއެވެ. އަދާރާގެ ބެލުމުން ހުސާމް ފިއްސާލަފާނެއެވެ. އެހާ ގަދަޔަށް ލޯ އަޅައިލުމުން ހުސާމް ދެއަތް ހިއްލައިލީ އަމާންދޭފަދަ ގޮތަކަށެވެ.

"ބުނަން ވާހަކައެއް.ޖުއާނާއަށް ވަފާތެރިވެގެން ހުރިއްޔާ ދެން ހުސާމްއަށް ރަގަޅުވާނީ..."

"މަގޭ ޑިކްޝަނަރީއަކު ވަފާތެރި އެ ލަފުޒު ނޯވޭ. ސަބަބު އެނގެން ބޭނުންތަ؟"

"ނޫން...ބުނާނެކަމެއްނެތް..." އަދާރާ ޝައުގުވެރިވިއެވެ.

"ރީތި އަންހެންކުދިންގެ ހިތަށް އަނިޔާނުދޭންވެގެން. އެންމެން ލޯބިވާ މީހެއްވީމަ ހުރިހާކުދިން އުފާކޮށްދޭންޖެހޭނެކަމަށް ގަބޫލުކުރަނީ އެހެންވެ...." ހުސާމްގެ ޖުމްލައިން ވީ ފޫއްސެއްގެ ބޮޑުކަމުން އަދާރާ ދުރަށް ދާން ހިނގައިގަތެވެ. ހުސާމްގެ ތޫނު ލޯ އަދާރާ ލޯމަތިން ގެއްލެންދެން އޭނައަށް ހުއްޓިފައިވިއެވެ.

***

މިނަލް ސޯފާގައި އޮށޯވެލައިގެން އޮތްއިރު ހުސާމް ހަދިޔާކުރި ބެއާގެ މަޑުކަމާއި ފަށުވިކަމުން ހީފިލިއެވެ. އޭސީ ސޯޅައިގާ ހުރުމާއެކު ވިއްސާރަވުމުގެ ސަބަބުން ފިނިކަން އިތުރަށް ގަދަވެފައިވިއެވެ. ހުސާމް ކޮޓަރިއަށް ވަންތަން ފެނުމުން މިނަލްގެ ލޮލުން ކަރުނަތިއްކެއް ފައިބައިގެން ދިޔައެވެ.

"ސޭމް...."

"ކޮމްޕްލެއިން ނުކުރޭ. ބުނިގޮތަށް ނެހެދުނެއްނު......" ހުސާމް ބުމަކައިރިކޮށްލިއެވެ." މިނޫ އަހަންނަށް އިތުބާރުކޮށްފައި އެވާހަކަ ބުނީމަ އެހެން މީހުންނަށް އިތުރަށް ހިތާމަނުދީ އެކަން ސިއްރުކުރަން އެހީވާން ހުރީ. އެކަމަކު....ކީއް ތިކުރީ؟ ލިއަމް ފަކީރު....."

މިނަލް ބެއާގެ މޭގައި މޫނު ފޮރުވައިލިއެވެ.

"މެރީ ހިމް......"

ނުނިމޭ