02 Jan 2023, 11:17
"ވަގުތުގެ ބޭނުން ހެޔޮގޮތުގައި ހިފާށެވެ. ނޫނީ ފަހުން ހިތާމަކުރަން ޖެހިދާނެއެވެ. ދުނިޔެއަކީ ވަގުތީ ފާލަމެކެވެ."
***
ހެލޯ ސްވީޓްހާޓް..." ހުސާމް މިނަލްއާއި އެއް އިސްކޮޅެއްގެ ބޮޑު ބެއާއެއް ދިއްކޮށްލިއެވެ.
"ތެންކިއު..."
"މިތަނުގައި އެކަނި އޮންނާނެކަން އެނގޭތީ ޕާޓްނާއެއް ގެނެސްދިނީ. ހަގްކޮށްލައިގެން ނިދާތި........" ހުސާމް މިނަލްގެ ނޭފަތުގައި ހިފައިލުމުން އެކުއްޖާ ނޭފަތް ގުރުޑުކޮށްލައިފިއެވެ.
"ތިހެން ހަދަންޏާ ނޭފަތުގެ ބައްޓަން ހަޑިވެދާނެ...." މިނަލްގެ ހިތުގައިވާހާ ޝަކުވާތައް ވަގުތުން ބަންޑުންކޮށްލިއެވެ. "މާ ލަހުން ސޭމް ތިއައީ.......ވަރަށް ރުޅިއައިއްސަ މިއޮތީ..."
"ސޮރީ..." ހުސާމް ދެރަވިއެވެ. "އައިމް ރިއަލީ ސޮރީ. ތިވީގޮތުން ރުޅި ފިލުވައިލަން ކުރާނެ ކަމަކާއިމެދު ވިސްނަން ޖެހޭނީ....."
ޖުއާނާވެސް މިނަލްގެ ގާތަށްގޮސް ވަރަށް ހީލާފައި ލޯބިން ވާހަކަދެއްކިއެވެ. މިނަލް ތުން ފިތާލައިގެން ރުޅި ހަދާލައިގެން އޮތެވެ. ޖުއާނާ އަދާރާ ގާތުގައި ސޯފާގައި އިށީދެފައި އާރިސް ނައީ ކީއްވެހެއްޔޭ އެހުމުން މޫނު ހަދައިނުލެވުނީ ހަމަކިރިޔާއެވެ. އާރިސްއަށް ޖުއާނާގެ ޝައުގުވެރިކަން ހުރީހެއްޔެވެ؟ އެނޫންނަމަ އެންމެ ކުރިން އަހަން ޖެހޭނީ އެވާހަކަކަމަށް އަދާރާގެ ހިތް ގަބޫލެއްނުކުރިއެވެ. އަދާރާ ބުނީ އޭނަ އައިއިރު އައްޔާޝް އާރިސްއާއެކު ހުރިކަމުގައެވެ. ޖުއާނާ އަދާރާގެ އަތުގައި ހިފަހައްޓައިލަމުން މަޑުމަޑުން ފިތައިލިއެވެ.
އޭޭނައަށް ހަމްދަރުދީވުމުގެ ނިޝާނެއްބާވައެވެ. މޮޔައަކާއި އިނދެގެން ހުރުމުން ޖުއާނާ އެކަން ހަނދާންކޮށްލަދިނީ ހެއްޔެވެ؟ އަދާރާއަށް ދަތްތަކަށް ބާރުލެވުނެވެ. ޖުއާނާ ގާތު ހުސާމްއަކީ ކިހާވަރެއްގެ މީހެއްކަން ބުނެދީފިއްޔާ ހުރިހާ ދަތްތައް ފެންނަވަރަށް ހެވިލާފައި މިކުއްޖާ އިންނާނެ ހެއްޔެވެ؟ ދެމީހުން ކުރިމަތީގައި ހުސާމް އެއިނީ އޭނަގެ ކޮއްކޮ މަސަލަސްކުރަން ސަމާސާކުރުމުގައެވެ. ހުސާމްގެ އަނދިރި ފަރާތް ޖުއާނާއަށްވެސް ފޮރުވައިގެންނެވެ.
މިނަލް ހޮސްޕިޓަލުން ދޫކޮށްލީ ތިން ދުވަސްފަހުންނެވެ.
***
ގަދަޔަށް ވައިޖެހެމުން ދިޔަ ވިއްސާރަ ދުވަހެކެވެ. ބޯ ވިލާތައް އުޑުމަތި ބައްދާލާފައިވާއިރު ގަސްތަކުގައި ވައި އަޅުވާވަރުން ބޭރަށް ނިކުންނަންވެސް އުދަގޫވާފަދަ ދުވަހެކެވެ. ހެނދުނު ދިހައެއް ޖަހަމުން ދިޔައިރު އަދާރާ ކާކޮޓަރިއަށް ވަނީ ކޮފީއެއް ބޯލަންވެގެންނެވެ. ބިއްލޫރި ދޮރުތަކުން ވައިޖެހޭ މަންޒަރު ފެނުމުން އެދިމާލަށް ބަލައިލެވުނުވަގުތު އާރިސް ފެނުނެވެ. ބަގީޗާގައި ހުރި ގަހެއްގެ ކުރިއަށް ބަލަން ހުރިތަނެވެ. ރަގަޅަށް ގަމީހުގައި ގޮށްނާޅުވާ ހުރިއިރު ސޯޓުގެ ބައެއް ތަންތަނުން ވީދާލާފައެވެ. ހޭވިފައިވާ އިސްތަށިގަނޑާއި ކުޑަކޮށް ދިގުކޮށްލާފައިވާ ތުނބުޅިއެވެ. ފެންނުވަރާ ތުނބުޅި ބޭލުމެއްނެތި ކޮޓަރީގައި ހުންނަތާ ދެތިން ދުވަސްވުމުން ސާފުތާހިރުކަމާއި ރީތިކަން ގެއްލިފައެވެ. އާރިސް ކަޅިވެސް ޖަހާނުލާ އެހެރީ ކޯނޗެއް ފެނިގެން ހެއްޔެވެ؟
"މޯނިން އަދާ..." ޖުއާނާގެ އުފާވެރި އަޑު އަދާރާގެ ކަންފަތަށް އިވުނީ ހޮނުގުގުރިއެއް ފަދައިންނެވެ. ސިހުނެވެ.
"މިއުޅެނީ އާރިސްއަށް ބްރެކްފާސްޓް ތައްޔާރުކޮށްލަން. މިއަދު ތަންކޮޅެއް ފަސޭހަ އޮމްލެޓެއް އަޅައިލާނީ. ޗީޒް ސްޕިނެޗް ބަޓަރ އެންޑް ބްލެކް ޕެޕާ އިންވެސް މީރު ބިސްގަނޑެއް އެޅިދާނެ....." ޖުއާނާ ބިސްގަނޑު އަޅަން ފަށާފައި ކުޑަދޮރުން ބޭރަށް ބަލައިލަން ކައިރިވެލުމުން އަދާރާގެ ނޭފަތުގައި ޖެހުނީ ލުއި މީރުވަހެކެވެ. ދެންމެ ފެންވަރާލައިގެން ޖުއާނާ ހުރިއިރު އިސްތަށިގަނޑުވެސް އޮތީ ކުޑަކޮށް ތެތްކޮށެވެ. "ބްރީޒީ ޑޭއެއް. އައި ޖަސްޓް ލަވް މިކަހަލަ ދުވަސްތައް...އާރިސް...ޕުއާ ތިންގް....ހީ ނީޑްސް ލޮޓްސް އޮފް ލަވް އެންޑް ކެއާ........"
އަދާރާއަށް ލޯ އަޅައިލެވުނެވެ. ޖުއާނާ މިހާރު އޭނަގެ ފިރިމީހާއާއި ހިތާވީހެއްޔެވެ؟ އަޖައިބެއްނޫންހެއްޔެވެ؟ އާރިސްވާނީ "ނޮން މަހްރަމް" އަަކަށެވެ. އެކަމަކު އޭނައަށް ޖުއާނާގެ ކަޅި ހުއްޓެން ޖެހިއްޖެއެވެ. އަދާރާގެ ހިތް ބަޣާވާތްކުރަންފެށިއެވެ.
"އާރިސް....ކޯންޗެއް ފެނިގެން ގަހަށް ތިބަލަނީ؟އަނެއްކާ ޓައިގާއެއްތަ؟" ޖުއާނާ އެދިމާލަށް ހިނގައިގަތެވެ. ހުދު ޓޮޕްކޮޅަކާއި ދޫ ހަރުވާޅެއްގައި ހުރިއިރު މޭމަތީގެ ބޮޑުބައި ހާމަޔަށެވެ. އެތެރެއިން ލާފައި ހުރި އެއްޗެއްގެ ފިޔާތޮށި ފަށްވެސް ދައްކާލައިގެންނެވެ.
"އަގް......"އަދާރާގެ މޭނުބައިކުރިއެވެ. ޖުއާނާ އާރިސްއާއި ސަމާސާކުރަން އަދި މިނިކާވަގެއް ފެނުނީތޯވެސް އެ ސުވާލުކުރީއެވެ.
"ޝްޝްޝް..އައިމް ޓޯކިން ޓު ހިމް....." އާރިސް ޖުއާނާއާއި ދިމާލަށް ބަލާވެސް ނުލިއެވެ.
"މިއުޅެނީ އޮމްލެޓް ހަދަން. ހިނގާ ކާން. ސޭމްއާއެކު..."
"އޯކޭ..."އާރިސް ބަސްއަހާ ކުޑަކުއްޖެއްފަދައިން ޖުއާނާއާއިއެކީ ހިނގައިގަތްތަން ފެނުމާއެކު އަދާރާ ދުވެފައިގޮސް އަވަހަށް އާރިސްއާއި ޖުއާނާގެ ދެމެދަށް ވަނެވެ. މަޑުމަޑުން ޖުއާނާގެ އަތް ނައްޓުވައިފިއެވެ. "އާރިސް ހުރީ ވަރަށް ރަގަޅަށް ނާސްތާކޮށްލައިގެން....އަހަރެމެން ނުކުތީ ވައިޖެހޭ މަންޒަރު ބަލައިލަން. އެހާ ވަރަށް ކާކަށް ނުވާނެ...އާރިސް ބޭސްވެސް ކައިގެން އެހެރީ....."
"އޯހ....." ޖުއާނާ ރީތިކޮށް ހީލިއެވެ.
"ފޫހި އަންހެނެއް ހުވާ..." އަދާރާ ހިތުން އެތިވަރު ގޮވައިގަތެވެ.
***
އާރިސްގެ ހާލަތު ދޭތެރެއަކުން ރަގަޅުވެފައި ބައެއްފަހަރު ގޯސްވެއެވެ. ސިކިއުރިޓީއިން ބަލަހައްޓާވަރުން އޭނައަށް ގޭގެ ދޮރާށިން ބޭރުނުވެވުނަސް ގިނަފަހަރު ގަސްތަކުގެ ތެރޭ އެކަނިމާއެކަނި ހުރެ ހީހީފައި ވާހަކަދައްކައެވެ. އާއިލާއިން އެކަން ސިއްރުކުރަން މަސައްކަތްކުރިޔަސް ގެއަށް މަސައްކަތްކޮށްދޭން އަންނަ މީހުންނަށް އެކުއްޖާގެ ހާލަތު އެނގުނެވެ. ޝުވޭކާރު އެންމެނަށް އިތުރަށް ފައިސާދީފައި އެމީހުންގެ އަނގަ ބަންދުކުރިގޮތަށް ދޮރުފާރަވެރިންގެވެސް މުސާރަ އެހާ ބޮޑުކޮށްލައިފިއެވެ. އެމީހުންނަށް އަންގާފައި އޮތީ އާރިސްއާއި ސިހުރުގެ ކަންތައްގަނޑެއް ލައިގަނެގެން އުޅޭކަމަށެވެ. އެންމެންވެސް ގަބޫލުކުރީ އިދިކޮޅުމީހުންގެ އަމަލެއްކަމުގައެވެ. އެއްބަޔަކު އަނެއްބަަޔަކު ހަލާކުކޮށްލަން ސިހުރު ހަދާއިރު ދަރިންނަށްވެސް ޖެހޭނެކަމުގައެވެ. ދަރިފުޅާއި ދިމާލަށް އެއްވެސް ބަޔަކު މޮޔައެކޭ ކިޔައިގެން ވާހަކަދައްކާ އަޑުއަހަން ޝުވޭކާރުގެ ހިތަށް ކުޅަދާނައެއްނުވާނެއެވެ. މައިމޫންގެ ޚިޔާލު ތަފާތެވެ. ސިކުނޑީގެ ބަލިކަމަކީވެސް އެހެން ބަލިތައް ފަދައިން އިންސާނުންނަށް ދިމާވާ ހާލަތެކެވެ. އެކަމާއި ލަދުގަންނަންވީ ސަބަބެއް ނެތެވެ. ބައެއްފަހަރު ވާރުތައިންވެސް އެކަހަލަ ކަމެއް ދިމާވެދާނެއެވެ.
އަދާރާގާތުގައި ޝުވޭކާރު އެދުނީ އެކޮޓަރިއަށް ބަދަލުވުމަށެވެ. އާރިސްއަށް އަޅާލުމާއި އެހީތެރިކަން ބޭނުންވެ އެކަނިވެރިކަން ފިލުވައިދިނުމުގައި އެންމެ ބޮޑު ދައުރެއް އަދާކުރެވޭނީ އަނބިމީހާއަށް ކަމުގައި ޝުވޭކާރު ބުންޏެވެ.
"އަޅުގަނޑު ތިކަމާއި ވިސްނާނަން...." އަދާރާ ހިތުން އެއްޗެހި ގޮވިޔަސް އަދަބުވެރިކަން ޚިޔާރުކުރިއެވެ.
***
އަދާރާ މިނަލް އަތުން އަގުބޮޑު މޭކަޕް ސާމާނާއި ހެދުންތައް ހޯދައިގެން ލާންފެށުމުން މިނަލް އޭނަގެ މަންމަ ގާތު ބުނެގެން އަދާރާ ބާޒާރުކުރަން ގެންދިޔުމުގެ ހުއްދައަކަށް އެދުނެވެ. މޯލަށްގޮސް އަދާރާ ބޭނުން ކޮންމެ އެއްޗެއް ނަގަން ބުނުމުން އަދާރާގެ ހިތް އުފަލުން އުދުއްސައިގަތެވެ. އާރިސްކަހަލަ މޮޔައަކާއި ކައިވެނިކުރުމުގެ އަގުބޮޑުވާންޖެހޭނެއެވެ. އޭނަ މިތަން އެއްކޮށް ގަތަސް އަގު އަދާނުކުރެވޭނެއެވެ. ގަހަނާ ދެސެޓްވެސް ގަތެވެ. ބިލަށް ބަލައިލުމުން އަދާރާވެސް ސިހުނެވެ. ފަންސަވީސްހާސް ރުފިޔާ އެއްވަގުތުން އޭނަ ޚަރަދުކޮށްލައިފިއެވެ. ޝުވޭކާރު ރުޅިއައިސްގެން އޭނަ ގެއިން ފޮނުވައިނުލާނެކަމެއް ނޭގެއެވެ.
"އިހަށް ހިނގާ އައިސްކްރީމް ބޯލައިގެން ދާނީ. ލޮޑުވެއްޖެ...."މިނަލް އަދާރާގެ އަތުގައި ހިފައިގެން ހިގައިގަތީ މަތީބައިގާ ހުރި ރެސްޓޯރެންޓަށެވެ.
އިރުގަނޑެއްނުވެ އެކުދިންނާއި ބައިވެރިވީ އިސްކޮޅުން ދިގު ރީތި ފިރިހެންކުއްޖެކެވެ. މާކްގެ އެކުވެރި ދެތިން ކުދިން އެގެއަށް އަންނައިރު މިކުއްޖާވެސް އެގެއަށް އަންނަތަން އަދާރާދެކެއެވެ. އަނެއްކާ މިއަދު މިނަލްގެ ޕްރޮފައިލްގައިވެސް ހުރީ މިކުއްޖާއާއިއެކު ހުރި ފޮޓޯއެކެވެ.
"މިއީ ލިއަމް...މަގޭ ބެސްޓްފްރެންޑް..."މިނަލް ތައާރަފެއް ދިނެވެ.
"ނައިސް ޓު މީޓް ޔޫ...."ލިއަމް ވަރަށް ލޯތްބެވެ. މިނަލްއާއި ދިމާލަށް ބަލައިލަނީ އެހާ ލޯބިންނެވެ. ދެކުދިން ހާދަ ގުޅެއޭ ހިތަށް އެރިއެވެ. އެކަކު އަނެކަކަށްޓަކާ ހައްދަވާފައިވާފަދައެވެ. ލިއަމްގެ އިސްތަށިގަނޑުގައި ރިހިކުލަ ޖައްސާފައިވާއިރު ގަދަ ބުމައާއިއެކު ތުންފަތް ލޭކޮޅެއްހާ ރަތްކަމުން ރާއްޖޭ ކުއްޖެއްހެން ހިޔެއްވެސް ނުވެއެވެ.
އެންމެން އެކީ އައިސްކްރީމާއި އެކު އެހެން އެއްޗެހިވެސް ކައިގެން ތިރިއަށް އައިއިރު ލިއަމް ކޮތަޅުތައް ކާރާއި ހަމަޔަށްގެންގޮސްދޭން އެހީތެރިވިއެވެ.
***
އާރިސް ހުސާމްްއަށް ހަމަލާދިން ވަގުތު މައިމޫންއާއި އައްޔާޝްްއަށް އެތަނަށް ވަދެ އާރިސް ހިފެހެއްޓުނީ ކިރިޔާއެވެ. މާކް ސިކިއުރިޓީއިންގެ ސަމާލުކަމަށް އެކަން ގެނައުމުން އެމީހުން ހާޟިރުވެ އާރިސް ހިފެހެއްޓިއެވެ. އޭރުވެސް އާރިސް މަސައްކަތްކުރަމުން ދިޔައީ ހުސާމްއަށް ހަމަލާދިނުމަށެވެ.
"ނަސީބަކުން އެހާ ބޮޑުކަމެއްނުވި..." ހުސާމް ސޯފާގައި އިންއިރު ޝުވޭކާރު އަތުގައިވާ ޒަޚަމް ސާފުކޮށްފައި ބޭސް އަޅާދިނެވެ. "ކީއްވެކަމެއް ނޭގޭ ޓްރިގާ އެވީ؟"
"ވަރަށް ކާމްކޮށް އާރި ހުރީ. މަންމައަކަށް ނޭގޭ އެކުއްޖާއަށް ބޭހުގެ އެއްވެސް އަސަރެއް ނުކުރާ ސަބަބެއް...." ޝުވޭކާރު ތުންފަތުގައި ދަތްއަޅައިލިއެވެ. ހިތް ރޮމުން ދިޔަސް ހިތްވަރުކުރަން މަސައްކަތްކުރިއެވެ. އާރިސްގެ އަމިއްލަ ނަފުސާއި އާއިލާ އަދި އެހެންމީހުންނަށް ނުރައްކަލަކަށްވަންޏާ ހޮސްޕިޓަލަކަށް ގެންދިޔުން ނޫން އެހެން ގޮތެއް ނެތެވެ.
އަދާރާ ކޮޓަރީގައި ހުރެފައި އަޑުގަދަވެގެން ނުކުތުމުން މިނަލްގެ ފަރާތުން ހުރިހާކަމެއް އޮޅުން ފިލުމުން އަދި ގަތީ އަމަށަކު ބިރެއް ނޫނެވެ. އެވަރު މޮޔައަކު ގެންދާން ޖެހޭނީ ގުރައިދޫއަށް ތާއެވެ. ގުރައިދޫއަށް ނޫނީ އެހެން އެސައިލަމަކަށް ނުލަންޏާ އޭނަވެސް މަރަން ފަހެއް ނުޖެހޭނެއެވެ. އެވަރު މީހަކާއެކު އެއްކޮޓަރިއެއްގައި ދިރިއުޅުމަށްވުރެ ކިނބޫ ފެންގަނޑަކަށް އެރުނަސް ރަގަޅުވާނެއެވެ. އަދާރާ ކޮޓަރިއަށް ވަދެ ދޮރު ތަޅުލިގޮތަށް ސައިބޯން ނިކުންނަންވެސް ނުކެރުނެވެ. ޝުވޭކާރު ގުޅުމުން ބުނީ ބޮލުގައި ރިއްސާތީ އޮތީކަމަށެވެ.
***
ޝުވޭކާރުގެ ކޮއްކޮ އުރްސުލާ އާއިލާއާއެކު ސްކޮޓްލޭންޑްގައި ދިރިއުޅޭތީ އާރިސް އޭނަގެ ބެލުންދަށުގައި އެސައިލަމްއެއްގައި ބަހައްޓަން މައިމޫންއާއި ޝުވޭކާރު ނިންމިއެވެ. ފުރާނަފަދައިން ލޯބިވާ ދަރިފުޅު އެފަދަ ތަނަކަށް އެކަނިދޫކޮށްލުން ފަސޭހަނުވިޔަސް ފަރުވާކުރުވަން މަޖުބޫރުވީއެވެ. އުރުސުލާ ދިރިއުޅޭ ގެއާއި ކައިރީގައި ހުންނަ ތަނަވަސް ގަނޑުވަރެއްފަދަ ގެއަކީ ޝުވޭކާރުގެ ގެއެކެވެ. ޝުވޭކާރުއާއި އުރުސުލާގެ ބައްޕަ އަންޒީގެ ބިމުގައި އަޅާފައިވާ ދެގެ ކުދިންނަށް ހަދިޔާކުރުމަށްފަހު ޝުވޭކާރުވެސް އެގޭގައި އެތައް ޒަމާނެއްވާންދެން ދިރިއުޅުނެވެ. މައިމޫންއަށް ވެރިކަން ލިބުމުން ރާއްޖެ ބަދަލުވިޔަސް އޭނަގެ ހިތުން އަމިއްލަ ގެއަށް ދެވިފައިވާ މަގާމަށް ބަދަލެއްނާދެއެވެ. ޝުވޭކާރު ޚިޔާލުކުރަމުން ދިޔައީ ދަރިފުޅު މަރުކަޒުން ދޫކޮށްލުމުން އެކޮޅަށް ބަދަލުވުމެވެ.
***
އަރޫޝާ އަދާރާއާއި ދިމާލަށް އަޑުލިއެވެ. "އާރިސްއާއެކު ފުރައިގެން އަދާރާ ނުދިޔައީ ކީއްވެތަ؟އާރިސްއަށްވުރެ އަދާރާގެ ނަފްސާނީކަން މަށަށް މާ ބޮޑުވެއްޖެ....ހުވާ.........."
"އާރިސް ގެންދިޔައީ އޭނަގެ މޮޔަބޮޑުވެގެން މޮޔައިންގެ މަރުކަޒަކަށް ލާން. މަންމައަށް އެއްވެސް ކަމެއް ނޭގޭތީ ތި ހަޅޭ ފަޅޭއް ޖަހަނީ؟ މަންމައަށް އޭނަގެ ބިރުވެރިކަން ނޭގެނީ. އަހަރެން ގަޔަށް ވަޅި ހަރައިލިޔަސް ހެޔޮތަ؟ އޭނަގެ ބޭބެއެއްގެެ ގަޔަށް ވަޅި ޖަހަން އުޅުނީ. ބޮޑެތި ފިރިހެނުންނަށްވެސް އެވަގުތު ހިފެހެއްޓުނީ ކިރިޔާ. މޮޔަ ބޮލަށް ވެރިވާއިރު އެހުންނަ ބާރަކީ ޔަގީނުންވެސް ޝައިތޯނާ އޭނަގެ ބޮލަށް ސަވާރުވެ ދޭ ބާރެއްކަން ޔަގީން. އޭނަގެ ބޭބެ ދީނަށް ވައްދަން އުޅުމުން ﷲއަކްބަރު ކިޔާފައި ވަޅިވެސް ޖަހަން އުޅުނީ. އެދުވަސްކޮޅު އަބަދު ގުރުއާން ކިޔަވާ ނަމާދުވެސް ކުރަން މިސްކިތަށް ގޮސް އުޅުނު. އަހަންނަށް ހީވަނީ ޕެރެނޮއިޑްވެގެންހެން ހުސާމްއަށް ހަމަލާދޭންޖެހުނީ......" އަދާރާ މޫނު ހަދާލިއެވެ. އަތްދިގު ޓޮޕަކާއި ޖިންސެއްލައިގެން ކުރު ބުރުގާކޮޅަކުން އިސްތަށިގަނޑު ފޮރުވާލައިގެން ހުރިއިރު ވަރަށް ލޯތްބެވެ. ރީތިވަރަކަށް މޭކަޕެއްކޮށްލައިގެން ހިތްގައިމު ވަހެއް ދުވާ ސެންޓެއްވެސް ޖަހާލާފައިވުމުން އަރޫޝާ އުފާކުރިއެވެ. ދަރިފުޅު ނިގާބު ނެގިކަމަށްޓަކާ ހަމްދުކުރިއެވެ.
"އެހެންވެ މަންމަ ބުނީ. މިއަދު މިކޮޓަރިއަށް ވަދެވުނީމަވެސް މަންމައަށް މުއްސަދިކަމުގެ ކުޑަ މިންވަރެއް ލިބި އުފާވެއްޖެ. މި ސެންޓް ޖަހައިގެން ދަރިފުޅު ތިހުރީ؟" އަރޫޝާ ރީތިވާ މޭޒުމަތިން ސެންޓްފުޅި ނަގާ ވަސް ބަލައިލިއެވެ.
"ތިއީ މިނަލް ދިން ފުޅިއެއް..."
އަރޫޝާ ގައިގެ އެތަން މިތަނަށް ސެންޓުން ޖަހައިލުމުން ކޮޓަރި ތެރޭ އެވަސް ހިފައިލިއެވެ.
"އާރިސްއަށް މަންމަ ވަރަށް ދުޢާކުރާނަން. ނަދުރުވެސް ބުނާނަން...ސަގަދާތް ކުރާނަން.....މިވަރުގެ އުފަލެއް މަންމައަކަށް ނުލިބޭ...ނާއިބު ރައީސްގެ ދަރިއެއްގެ މައިދައިތަގެ ލަގަބު ލިބުމުން ދެން މީހަކު އުފާނުވާނެ؟" އަރޫޝާ ހިނިގަނޑެއް ޖަހައިލިއެވެ. "މައިމޫންގެ ބޭބެ ނިޔާވެއްޖެއްޔާ ރައީސްކަން ލިބޭނީ މައިމޫންއަށް...."
"މަންމާ....ޕްލީޒް..." އަދާރާ އަނގަޔަށް ގޮތެއް ހަދައިލިއެވެ.
އަރޫޝާ އެގެއަށް އައިސް އުޅޭގޮތުން އަދާރާ ލަދުވެސް ގަނެއެވެ. މަންމަ ހީވަނީ ދުވަހަކު ލޮލުން ރީތި އެއްޗެއް ނުދެކޭ މީހެއްހެންނެވެ. ގެއަށް އަންނަ ކޮންމެ ފަހަރަކު ގޭގެ ކޮންމެ ތަނަކަށް އެއްޗަކަށް ތައުރީފު ބަންޑުންކޮށްލާނެއެވެ. ބަނޑަށް ޖެހިފައިވާ މީހެއްފަދައިން ކާއެއްޗިއްސާއިހެދި އުޅޭނެއެވެ. މަންމަ އަނގަ ތަޅާވަރުންނާއި ތައުރީފުކުރާވަރުން އެހެންމީހުން ބޮލަށް އުދަގޫވާނެކަމުގައި އޭނަ ދެކުނެވެ. މަންމަ ބުނާ މަޖާ އެއްޗެއްސަށް އެންމެން ހޭއިރު އެހުނުމުގައި އިޚުލާސްތެރިކަމުގެ ބަދަލުގައި މަލާމާތް އެކުލެވޭކަމަށް އަދާރާ ޔަގީންކުރިއެވެ. ޖުއާނާ މުއްސަދި ކުއްޖަކަށްވުމުން އެކުއްޖާއާއި އެ އާއިލާއަށް ޝުވޭކާރު ތަފާތުކުރާކަމީ ފެންނަން އޮތް ހަގީގަތެވެ. އަޖައިބުވަނީ ހުސާމްއަކީ އަމިއްލަ ދަރިއަކަށް ނުވާއިރުވެސް އެމީހުންގެ ހިތުގައި އޭނައަށްޓަކާ އޮތް ލޯތްބާއި ކުލުނެވެ. ހުސާމް ގަދަކޮށްލާފައި އުޅޭއިރު އަމިއްލަ ދަރިންނަށްވެސް މަންމައާއި ދިމާލަށް ހިތަށް އެރި އެއްޗެއް ބުނެލާކަށް ނުކެރެއެވެ.
ތިންމަސް ފާއިތުވެގެން ދިޔައީ އަވަހަށެވެ. އަދާރާ ހުރީ އޭނައަށް ސްކޮޓްލޭންޑަށް ދާން ދައުވަތެއް ލިބޭނެކަމުގެ އުއްމީދުގައެވެ. އެއީ ރީތިތަނެއްކަން މިނަލްމެންގެ ފޮޓޯތަކުން އެނގޭތީ ދާހިތްވާ ތަންތަނުގެ ލިސްޓުގެ އެއްވަނަ އަތުލިއެވެ. އާރިސް އަދިވެސް ވީ އެސައިލަމްގައެވެ. ހާލަތު ކުރިއަށްވުރެ ބޮޑުތަން ރަގަޅުވެ ވަރަށް އަވަހަށް ދޫކޮށްލާނެކަމުގެ ޔަގީންކަން އެތަނުން ދިނުމުން އާރިސް ބަލާ ދިޔުމުގެ ނަމުގައި ސްކޮޓްލޭންޑަށް ދިުމުގެ ފުރުސަތު ހޯދަން އަދާރާ ހުރީ ވިސްނައިގެންނެވެ.
***
މިނަލް ޖުއާނާ ގާތު ބުނެލި ސިއްރަކުން ޖުއާނާގެ ހިތް ނުހުއްޓުނީ ކިރިޔާއެވެ. "އާ ޔޫ ޝުއާ؟"
"ޔެސް......"
"ކާކުގެ؟"
"ލިއަމްގެ........"މިނަލްގެ ލޮލުން ކަރުނަތިއްކެއް ކޯތާފަތް މައްޗަށް ފޭބިއެވެ.
"ގޯޑް.....މަންމަ ކައިރީ ކޮންމެހެންވެސް ބުނަން ޖެހޭނެ. އެންމެ ފަނަރަ އަހަރުގެ ކުޑަކުއްޖެކޭ މިނޫ......" ޖުއާނާ ހާސްކަމާއެކު ބޮލުގެ އިސްތަށިގަނޑުގެތެރެއަށް އަތް މަހައިލިއެވެ.
"މަންމަގެ ހާޓްބްރޭކްވާނެ..."
"އެކަމަކު މަންމަމެންގެ ޚިޔާލު ބޭނުންވާނެ..މިނޫއަށް ނުކެރެންޏާ ޖޫނިއްތަ ބުނެދީފާނަން.............އޯކޭތަ؟"
"ނޭގޭ. އައި ފީލް ސޯ ގިލްޓީ. ކިހިނެއްދެން ވާނީ؟ ހިތަކަށްވެސް ނާރާ މިހެން ވާނެއޭ....އައިމް ސްކެއާޑް..."މިނަލް ރޯންފެށިއެވެ. ޖުއާނާ މިނަލް ގެނެސް މޭގައި ޖައްސައިލަމުން ބޮލުގައި ފިރުމަންފެށިއެވެ. ޝުވޭކާރުގެ ހިތަށް ވާނެ ތަދާއި މާޔޫސްވާނެ ވަރު ޖުއާނާއަށް ވިސްނުނެވެ. އެމީހުންގެ އިއްޒަތާއި ގަދަރަށް ހުތުރުވާފަދަ އެއްވެސް އަމަލެއް ދަރިންގެ ފަރާތުން ފެނުމަށް އެމީހުން ނޭދޭނެކަމާއިމެދު ޝައްކެއްނެތެވެ.
***
"ލިއަމް. މިރޫމަށް އާދެބަލަ ޕްލިޒް......އެންމެން ނިދާފައެއްނު ތިބީ..." މިނަލް މެސެޖްކުރިއެވެ.
"ސޮރީ މިނޫ. މާކް ރޫމްގައި ކުޅެން މީނީ..ތިރޫމާއި ހަމަޔަށް ދަނިކޮށް ބަސްޓްވެއްޖެއްޔާ ވާނީ ކިހިނެއްތަ؟ މިނޫ. ޓްރައި ޓު އަންޑަސްޓޭންޑް....." ލިއަމް ދެކޮޅުހެދިއެވެ. މާކްގެ އެކުވެރިކަމުގައި އެގެއަށް ވަނަސް މިނަލްގެ ކޮޓަރިއާއި ހަމަޔަށް ދާނެ ހިތްވަރެއް އަދި ލިއަމްއަކަށް ނުލިބެއެވެ.
"ލިއަމް ނައިއްޔާ ސުއިސައިޑްވާނަން....އަހަރެން ބޭނުންވަނީ މިރޭ ލިއަމްގާތުގައި ޚާއްސަ ވާހަކައެއް ބުނަން...ޕްލީޒް ޕްލީޒް...."
މިނަލް އާދޭސްކުރަން ފެށުމުން ލިއަމް ފެންބޯންވެގެންނޭ ކިޔާފައި ކޮރިޑޯއަށް ނުކުތްގޮތަށް އެތަނުން މިނަލްގެ ކޮޓަރި ފެނޭތޯ ހިނގައިގަތެވެ. ވައަތް ފަޅިން ތިންވަނަ ކޮޓަރިއޭ ބުނި ހަނދާންވުމުން އެހިސާބާއި އަރާ ހަމަވެފައި ވަށައިގެން ހޯދައިލީ މީހެއްގެ ހިލަމެއްވޭތޯއެވެ. ކުއްލިއަކަށް ނާޒުކް އަތަކުން އޭނަގެ އަތުގައި ހިފާ ދަމައިގަތްގޮތަށް ކޮޓަރީގެ ދޮރު ލެއްޕުނެވެ. އަދާރާއަށް އެމަންޒަރު ފެނުމުން އަނގަ ހުޅުވުނެވެ. ފެންނަ ފެނުމަށް މައުސޫމް ކުދިން ރޭގަނޑު ދަންގަޑީގައި ސިއްރުން ބަންދުކޮށްފައިވާ ކޮޓަރިތެރޭ އުޅުމުން ހިތް ޝައްކާއި ވަހުމުން ފުރުނެވެ.
***
އަދާރާ ނިގާބު ނާޅާ ހުރުމުން ދާނިޔާއަށް ހައިރާންކަމެއް ލިބުނެވެ. ލައިގެން ހުރީވެސް ގަޔަށް ދޫކޮށް އޮތް ޓީޝާޓަކާއި ޖިންސަކާއެކު ބޭރުން ދިގު ގައުނެކެވެ. އަދާރާ ބަދަލުވީވަރު ފެނިފާ ދާނިޔާއަށް ބުނާނެ އެއްޗެއްވެސް ނޭގުނެވެ. ބައެއްފަހަރު ނިކަމެތިކަމަކީވެސް ނިއުމަތެކެވެ. ފޮރުވިފައިވާ ނިއުމަތްތަކޭ ބުނެވޭ ސަބަބަބަކީ އެއީއެވެ. ސަބަބަކީ އެމީހަކަށް އެއީ ލިބޭ ދެރަކަމެއްކަމަށް ހީކުރެވުނަސް ހަގީގަތުގައި ނިއުމަތެކެވެ. އަދާރާވެސް ނާއިބުރައީސްގެ ޅީދަރިއަކަށްނުވެ ނިކަމެތިކަން މަތީގައި ހުރިނަމަ މާބޮޑަށްވެސް ނަސީބު ރަގަޅުވީސްކަން ނޭގެއެވެ. ދާނިޔާގެ އެންމެ ގާތް އެކުވެރިޔާ އަނދިރިކަމުގެ ތެރެއަށް ގެނބިގެންދާތަން ބަލަން ހުރުމަށް ހިތަށް ކުޅަދާނައެއް ނޫނެވެ.
"އަހަރެން ހުރީ ދާނީ ކައިރީ ނުބުނަން. ގޭގައި މިހާރު ހަމަ ކުރު ހެދުން ލައިގެން އުޅެން..އެކަމަކު ބުރުގާ ނުނަގަން.." އަދާރާ އެއްބަސްވިއެވެ.
"މިހުރިހާ ދުވަހު ނިގާބީއެއްގެ ގޮތުގައި އުޅެފައި ދެން ކޮމްފޮޓަބްލްތަ ހަމަ؟ އަހަރެން އެބަ ވިސްނަން މޫނު ބުރުގާ އަޅަން. ސަބަބަކީ އެންމެ ރައްކާތެރިގޮތަކީ އެއީ ކަމަށް ދެކޭތީ. ނޫރު ސޫރަތުގެ އެ އާޔަތުގައި ޒީނަތްތެރިކަން ފައުޅުނުކުރަން އޮވޭ. އެހެން އޮތްވާ ހިތަށް އަރަނީ އަނދުން އަޅާ ލިޕްސްޓިކް ޖައްސާ ރީތިވެގެން ތިބީމަ ހަމަ އޯކޭ ހެއްޔޭ. އެހެންވެ ތަފްސީރުކިޔަންފެށީ. މިހާރު އެނގެނީ އެންމެ ރަގަޅުގޮތަކީ ހަމަ ފޮރުވިގެން ތިބީމަކަން....އަދާ. ކޮބާ އާރިސް؟"
"އާރިސް އަދިވެސް ފެސިލިޓީގައިވީ..."
އެވަގުތު ނަބީލާ އައިސް ދޮރުން ބޯދިއްކޮށްލައިފިއެވެ. "އަވަހަށް ޓީވީ ހުޅުވާލަބަލަ. ޝޮކިން ޚަބަރެއް އެބަގެނެސްދޭ..."
އަދާރާއާއި ދާނިޔާވެސް ސިހޭގޮތްވިއެވެ.
ނުނިމޭ