11 Apr 2012, 11:33
ވާރޭ ނުވެހި ގިނަދުވަސްތަކެއް ވަމުންދާތީ، މުޅި ރާއްޖެ ފެނަށް ޖެހިދާނެ ކަމުގެ ބިރަށް އިމަޖެންސީކޮށް ރަށްރަށަށް ސާފު ބޯ ފެން ފޯރުކޮށްދިނުމަށް ޝައުގުވެރިވާ އަމިއްލަ ފަރާތްތަކަށް ނޭޝަނަލް ޑިޒާސްޓަރު މެނޭޖްމަންޓް ސެންޓަރުން ފުރުސަތު ހުޅުވައިލައިފި އެވެ.
ޑިޒާސްޓާ ސެންޓަރުގެ ޕްރޮޖެކްޓް ޑިރެކްޓާ ހިސާން ހަސަން މިއަދު ވިދާޅުވީ ފެނަށް ޖެހިގެން އެދިފައިވާ ރަށްރަށުގެ އަދަދު 60 އަށް ވުރެ މައްޗަށް ގޮސްފައިވާ ކަމަށެވެ. އަދި ވިދާޅުވީ ފެން ފޯރުކޮށްދިނުމަށް އަމިއްލަ ފަރާތްތަކަށް ހުޅުވާލީ ފެން ފޯރުކޮށްދިނުމުގެ މަސައްކަތްތައް ހުރިގޮތުން އެމްއެންޑީއެފް އެކަނި އެމަސައްކަތް ކުރާ ނަމަ މުޅި ރާއްޖެ ފެނަށް ޖެހިގެން ދިއުމަކީ އެކަށީގެންވާ ކަމެއް ފެންނާތީ ކަމަށެވެ.
"އެމްއެންޑީއެފުން ފެން ފޯރުކޮށްދެނީ ފެލިވަރާއި އައްޑު އަތޮޅުގެ ޕްލާންޓްތަކަކުން. ފެލިވަރުން ވެސް އެބަ ގެންގުޅޭ ވަކި ކަހަލަ އުސޫލުތަކެއް ފެން ދޫކުރުމުގައި. ފެން ދޫކުރަނީ ފެން އުފެއްދޭ ވަރަކުން ވަކިވަރަކަށް. އެހެންވެ އެ ސުޕީޑްގައި އެމްއެންޑީއެފް އެކަނި ފެން ފޯރުކޮށްދޭ ނަމަ ހުރިހާ ރަށްތަކެއް ފެނަށް ޖެހިދާނެ،" ހިސާން ވިދާޅުވި އެވެ.
ހިސާން ވިދާޅުވީ މީގެ ކުރިންވެސް އަމަލު ކުރަނީ އެހެން ކަމަށާއި ފެން ސަޕްލައި ކޮށްދިނުމުގެ ހުއްދަ އަމިއްލަ ދެ ފަރާތްތަކާ ހަވާލުކުރުމަށް ފިނޭންސް މިނިސްޓްރީން ދީފައިވާ ކަމަށެވެ.
އެ ސެންޓަރުން ނެރެފައިވާ އިޢުލާނެއްގައި ވަނީ ފެނަށް ޖެހިފައިވާ ރަށްރަށަށް އިމަޖެންސީކޮށް ސާފު ބޯ ފެން ފޯރުކޮށްދިނުމަށް ޝައުގުވެރިވާ ފަރާތްތަކަށް މިއަދު އެސެންޓަރަށް ގޮސް މައުލޫމާތު ސާފުކުރުމުގެ ފުރުސަތު ހުޅުވާލައިފަ އެވެ.
މީގެއިތުރުން ރަށްރަށުގެ ފެނުގެ މައްސަލަ އިތުރުވަމުންދާ މައްސަލަ ހައްލުކުރުމަށް ޑިޒާސްޓާ މެނޭޖްމަންޓާއި އެމްއެންޑީއެފުން ގުޅިގެން އުފައްދާފައިވާ ނޭޝަނަލް އިމަޖެންސީ ސެންޓަރު (އީއޯސީ) ގެ މަސައްކަތްތައް ވެސް މިހާރު ވަނީ އަލުން ފަށައިފަ އެވެ.
އީއޯސީ މިވަގުތު ހިންގެވުމާ ހަވާލުވެ ހުންނެވި އެމްއެންޑީއެފްގެ ސާޖަންޓް މުހައްމަދު ދީދީ މިއަދު ވިދާޅުވީ ފެނަށް ޖެހިފައިވާ ރަށްރަށުގެ އަދަދު 60 އަށްވުރެ މައްޗަށް އަރާފައިވާ ކަމަށާއި އީއޯސީން މަސައްކަތް ކުރާނީ އިތުރު ދޯނިތައް ބޭނުންކޮށްގެން ރާއްޖޭގެ ހުރިހާ ސަރަހައްދަކަށް ވެސް ފެން ފޯރުކޮށްދިނުމަށް ކަމަށެވެ. އެގޮތުން މިއަދު ނ. އަތޮޅު ޅޮއްސަށް ފެން ފޯރުކޮށްދިނުމުގައި ސިފައިން ހަރަކާތްތެރިވަމުން އަންނަ ކަމަށާއި އަމިއްލަ ފަރާތްތަކާ ހަވާލުކޮށްގެން މިރޭ އުތުރާއި ދެކުނަށް އަދި މެދު ރާއްޖެ ތެރެއަށް ފެން ފޯރުކޮށްދޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.
"ފެން ފޯރުކޮށްދިނުމަށް އަމިއްލަ ފަރާތްތަކަށް ހުޅުވާލައިފައިވާ ފަރާތްތަކަށް އަޅުގަނޑުމެން ދައްކާނީ ހަމައެކަނި ފެން ފޯރުކޮށްދޭ ރަށްރަށް. އެފަރާތްތަކުގެ މަސައްކަތެއް އެއީ ފެން ހޯދައިގެން އެފެން ފޯރުކޮށްދިނުމަކީ،" އެނާ ވިދާޅުވި އެވެ.