31 Jul 2010, 10:02
14:30
ޑީއާރުޕީގެ ޓިކެޓްގައި ލޯކަލް ކައުންސިލްތަކުގެ އިންތިހާބަށް ކުރިމަތިލާން އެދޭ ފަރާތްތަކަށް ޑީއާރުޕީން ފުރުސަތު ހުޅުވާލައިފި އެވެ.
ޑީއާރުޕީގެ ނައިބް ލީޑަރު އަދި ރައްޔިތުންގެ މަޖިލީހުގެ ތޮއްޑޫ ދާއިރާގެ މެންބަރު އަލީ ވަހީދު މިއަދު ވިދާޅުވީ، ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގައި ޑީއާރުޕީން ތާއީދު ކުރުމަށް އަދި ހަމަޖެހިފައި ވަނީ، ހަމައެކަނި އެ ޕާޓީން ކުރިމަތިލާ މެންބަރުންނަށް ކަމަށެވެ. އަދި ރައްޔިތުންގެ މަޖިލީހުގައި އެ ޕާޓީއާއެކު މަސައްކަތްކުރާ ޕީއޭއާއެކު ވެފައިވާ ކޯލީޝަން އެއްބަސްވުމަކީ، ވޭތުވެދިޔަ ރިޔާސީ އިންތިހާބުން ރައްޔިތުންގެ މަޖިލީހުގެ އިންތިހާބާ ހަމައަށް ވެފައިވާ އެގްރީމެންޓެއް ކަމަށް ވެސް އަލީ ވަހީދު ވިދާޅުވި އެވެ. ނަމަވެސް ހުރިހާ ދާއިރާތަކަށް ކުރިމަތިލައި ހަމަޖެހުމުން، ދާއިރާތަކަށް ބަލައި، އެމްޑީޕީ ފިޔަވައި، އެހެން ޕާޓީތަކާއެކު ވާހަކަ ދައްކައިގެން ޕާޓީގެ ކައުންސިލުން ނިންމާ ގޮތަކަށް އެ ޕާޓީތަކުގެ މެންބަރުންނަށް ތާއީދުކުރުމުގެ ފުރުސަތު އޮތް ކަމަށާއި މިފަހަރު އަމިއްލަ އެއްވެސް ކެނޑިޑޭޓަކަށް ތާއީދުނުކުރައްވާނެ ކަމަށް ވެސް އަލީ ވަހީދު ވިދާޅުވި އެވެ.
އަލީ ވަހީދު އަދި ވިދާޅުވީ، އިންތިހާބަށް ކުރިމަތިލައްވާ ފަރާތްތަކަށް ޕާޓީން ވެވެން އޮތް އެހީއެއް ވެދޭނެ ކަމަށެވެ. ނަމަވެސް ހާހަކަށްވުރެ ގިނަ މީހުން ކުރިމަތިލާ މި އިންތިހާބުގައި، ފައިސާގެ ބޮޑު އެހީތެރިކަމެއް ވެދެވެން ނޯންނާނެ ކަމަށް ވެސް އަލީ ވަހީދު ވިދާޅުވި އެވެ. އަދި ކަނޑައެޅިފައިވާ އަދަދަށްވުރެ ގިނަ ކެންޑިޑޭޓުން ކުރިމަތިލާ ދާއިރާތަކުގައި، ޕްރައިމަރީ ބާއްވާނެ ކަމަށާއި، އިންތިހާބަށް ކުރިމަތިލާ ފަރާތްތަކުން، ގައުމީ މަސްލަހަތާއި ޕާޓީގެ މަސްލަތަހާ އެއްގޮތަށް ވާހަކަ ދައްކައިގެން މަޝްވަރާ ކުރުމަށްފަހު ކުރިމަތިލުމަށް ވެސް އަލީ ވަހީދު އެދިވަޑައިގެންނެވި އެވެ.
އަލީ ވަހީދު އަދި ވިދާޅުވީ، ކައުންސިލްތަކަށް ހަމަޖައްސަންޖެހޭ މުސާރައާ މެދު ގޮތެއް ނިންމުމަށް ޕާޓީތަކާއެކު މަޝްވަރާކުރަމުންދާ ކަމަށެވެ. އަދި މުސާރައިގެ ގޮތުގައި ރަނގަޅު އުޖޫރައެއް ހަމަޖެހިގެންދާނެ ކަމަށާއި، އެކަމުގައި ޑީއާރުޕީން ބޭނުންވާ އަދަދެއް ކުރިއަށް އޮތް ހަފްތާގެ ތެރޭގައި ހާމަކުރާނެ ކަމަށް ވެސް އަލީ ވަހީދު ވިދާޅުވި އެވެ.
މިޑްޓާމް އިލެކްޝަނެއް ބޭއްވުމާ ބެހޭ ގޮތުން ރައީސުލްޖުމްހޫރިއްޔާ މުހައްމަދު ނަޝީދު ދައްކަވަމުން ގެންދަވާ ވާހަކަފުޅުތަކަށް ރައްދު ދެއްވަމުން އަލީ ވަހީދު މިއަދު ވިދާޅުވީ، އެއްވެސް ޝަރުތެއް ނެތި، މިޑްޓާމް އިލެކްޝަނަކާ ކުރިމަތިލެއްވުމަށް ޑީއާރްޕީގެ ލީޑަރު އަހްމަދު ތަސްމީން އަލީ ވެސް ހުންނެވީ ތައްޔާރަށް ކަމަށެވެ. އަދި މި ވެރިކަން ބަދަލުކުރަން އޮތް ކޮންމެ ކަމަކަށް ޑީއާރުޕީ އޮތީ ތައްޔާރަށް ކަމަށާއި، އެގޮތުން ޑީއާރުޕީން ކަނޑައަޅާ އުސޫލުތަކާއެކު، ކޮންމެ ދުވަހަކު އިންތިހާބަކަށް ނުކުންނެވުމަށް ވެސް ތަސްމީން ހުންނެވީ ތައްޔާރަށް ކަމަށް ވެސް އަލީ ވަހީދު ވިދާޅުވި އެވެ.
މެދުތެރޭ އިންތިހާބުގެ ވާހަކަ ރައީސް ނަޝީދު ދައްކަވާއިރު އެތައް ޝަރުތުތަކެއް ކުރިމަތި ކުރައްވަމުން ގެންދަވާކަން ފާހަގަކުރައްވައި، އަލީ ވަހީދު ވިދާޅުވީ، އޭގެ ތެރޭގައި ރައްޔިތުންގެ މަޖިލިސް އިސްތިއުފާ ދިނުން ވެސް ހިމެނޭ ކަމަށެވެ. އަދި ރައީސް ނަޝީދު ދައްކަވާ ވާހަކަފުޅުތަކަށް އެހާ ބޮޑު ސަމާލުކަމެއް ނުދެއްވާ ކަމަށާއި، އެމްޑީޕީއާ އިދިކޮޅު ޕާޓީތަކާ ދެމެދު ދެކެވެމުންދާ ވާހަކަތަކުގައި، އިންތިހާބަކާ މެދު މަޝްވަރާ ކުރެވެމުންނުދާ ކަމަށް ވެސް އަލީ ވަހީދު ވިދާޅުވި އެވެ. އަދި ޕާޓީގެ ކައުންސިލްގައި ވެސް އިންތިހާބަކާ މެދު އަދި ވާހަކަ ދެކެވިފައިނުވާ ކަމަށް ވެސް އަލީ ވަހީދު ވިދާޅުވި އެވެ.