13 Jan 2023, 10:30
"ލޯތްބަށްޓަކާ ތަޚުތާއި ތާޖު ދޫކުރާފަދައިން އުމުރު ހުސްވަންދެން އިންތިޒާރުކުރާ މީހެއް ވެސް ހުރެދާނެއެވެ."
***
ކާއިނާތު އެންޑޯކްރައިނޮލޮޖިސްޓަކަށް ދެއްކީ ޑޮކްޓަރެއްގެ ލަފާ މަތިންނެވެ. މަދު ދުވަސްކޮޅެއްގެ ތެރޭގައި ބަރުދަން ލުއިވުމާ އަބަދު ހޫނުވެގެން އުޅުމާއި މާ ގިނައިން ކެވި މޭ ތެޅޭގޮތްވުމާއި ބޮލުން އިސްތަށިތައް ފައިބާންފެށުމަކީ މައްސަލައެއް ކަމުގައި އޭނަވެސް ދެކުނެވެ. ޑޮކްޓަރދިން ޓެސްޓްތައް ހަދައިގެން ބައްދަލުކުރުމާއެކު ރިޕޯޓްތައް ބަލާފައި ބުނެލީ ބިރުން ހިތް ވިރޭފަދަ ބައްޔެއްގެ ނަމެކެވެ. އޭނަގެ މައިތިރިނުވާ ހިތްވެސް އެ ޚަބަރު އިވިފާ ހުއްޓުނުގޮތަށް ކާޑިއެކް އެރެސްޓަކަށް ދިޔައީކަމުގައި ހީކުރެވުނެވެ.
"ތިހެނެއް ނުވާނެ...."
"އެއީ ކީއްވެ؟"
"ބިރުވެރި ނަމެއް އިވުނުހެން އަޅުގަނޑަށް ހީވީ..އަދި އެއްފަހަރު އެ ނަން ކިޔާފާނަންތޯ ޑޮކްޓަރ؟"
"ގްރޭވްސް ޑިޒީސް.."
"ރިއަލީ؟ ގްރޭވްސް......ކޮންފަދަ އަގްލީ ބިރުވެރިނަމެއް. ކަށްވަޅުގެ ބައްޔޭ. މިއީ އެހާވެސް ނުރައްކާތެރި އަދި ބަލިޖެހޭ މީހުން މަރުވެގެން އަވަހަށް ކަށްވަޅަށްދާފަދަ ބައްޔެއްތޯ؟ ހިތް ނުހުއްޓުނީ ކިރިޔާ. އެހާވެސް ބިރުގަނެއްޖެ. އެހާ ހަޑި ނަމެއްކިޔާ ބައްޔެއް ޖެހެން ބޭނުމެއްނޫން. ދޭ ޝުޑް ޗޭންޖް ދަ ނޭމް...................."ކާއިނާތު އަނގަޔަށް ގޮތެއް ހަދައިލިއެވެ.
"ހަގީގަތަކީ އެއީ ކަށްވަޅަށް ނިސްބަތްކޮށް ދެވުނު ނަމެއްނޫން. ނަވާރަ ވަނަ ގަރުނުގައި އައިރިޝް ޑޮކްޓަރެއްކަމަށްވާ ރޮބަޓް ގްރޭވްސް އެ ބަލި ޑިސްކްރައިބްކުރީ އެހެންވެ އޭނަގެ ނަމުން އެ ބައްޔަށް ނަން ދެވުނީ. ހައިޕޯތައިރޮއިޑިޒަމްގެ ދިމާ އިދިކޮޅު މިއީ. ތައިރޮއިޑް މާ ބޮޑަށް އެކްޓިވްވެ މާ ގިނައިން ތައިރޮއިޑް ހޯމޯން އުފައްދަނީ. ގްރޭވްސް ޑިޒީސްއަކީ އޮޓޯއިމިއުން ކޮންޑިޝަންއެއް އަދި ހައިޕާތައިރޮއިޑިޒަމް ވުމުގެ އެންމެ އާއްމު ސަބަބު އެހެންވުމާއެކު ކާއިނާތުވެސް އެބަޖެހޭ ބޭހެއްފަށަން. ކާބިމަޒޯލް..........." ޑޮކްޓަރ ދައްކަމުން ދިޔަ ވާހަކަތަކުން ކާއިނާތުއިނީ ބުނާނެ އެއްޗެއް ނޭގިފައެވެ. ބޭސް ނުފަށަންޏާ އެކަމުގެ ސަބަބުން ހިތް ބާރަށް ތެޅުމާއި ހަމައެއްލަމެއްނެތި ތެޅުންފަދަ ޚަބަރުހުސްވުން ތައިރޮއިޑް ސްޓޯމްއެއް އައުން އަދި ކަށިތައް ފީވުމާއި ލޮލުގެ ފެނުންވެސް ގެއްލުމުގެ ފުރުސަތު އޮންނާނެއެވެ. ޑޮކްޓަރ އޭނަ ރަގަޅަށް ބިރުގަންނަވާލައިފިއެވެ. ބޭސްކެއުމުގެ ޝައުގެއް އޭނަގެ ނެތެވެ. ބޭސް ސިޓީ ހިފައިގެން ދަމުން ޑަސްބިނަށް ލާފައި ފުން ނޭވާއެއް ދޫކޮށްލިއެވެ.
***
ޖެޓްސްކީއެއްކަހަލަ އުޅަދެއްގައި ސައިރަސްއާއިއެކު ތަރިތަކުތެ ތެރޭ އުދުހެމުން ދިޔައިރު ޖުޕިޓާއާއި ސެޓަންވެސް ފެނުނެވެ. އާއްމުކޮށް މޫވީސްތަކުން ފެންނަހެންނެވެ. ވަށައިގެން ފެންނަނީ އެތައް ސަތޭކަ ތަރިތަކެވެ. ޖައްވީ އުޅަދު ތަރިތަކުގެ ދުނިޔޭގައި ކާއިނާތު ގޮވައިގެން ދުއްވަމުން ދިޔައިރު އޭނައަށް ހީވަނީ ހަށިގަނޑުވެސް ލުއިވަމުން ދިޔަހެންނެވެ. ދުނިޔެއިންވެސް ނުދެކި ޚިޔާލަށްވެސް ނުގެނެވޭފަދަ ފުރިހަމަ މަންޒިލެއްގައި އެންމެ ހިތްއެދޭ ލޯބިވެރިޔާއާއިއެކު އުދުހެވެމުންގޮސް ކުއްލިއަކަށް ވަށައިގެންވާ އަލިކަމުން ފުރިގެންވި ތަރިތައް ފަނޑުވަމުންގޮސް ކަށްވަޅެއްފަދަ އަނދިރިކަމުން ފުރިގެންވާ ހިސާބަކަށް ދެވުނުވެ. އެމީހުންގެ އުޅަދު ދަމައިގަތީ "ބްލެކް ހޯލް" އަކަށް ހެއްޔެވެ؟ ނޫނީ ކައުނުގެ އެންމެ ބިރުވެރި ހިސާބުކަމަށްވާ ނިމުމެއްނެތް އަނދިރިކަމުގެ ތެރެއަށެވެ. އެތައް ބިލިއަން އަހަރެއްވާންދެން ދަތުރުކުރިޔަސް އަލިކަމެއްނުވާ އަނދިރި ފަޅުކަމުގެ ތެރެއަށް ދެވުމާއެކު ސައިރަސްވެސް އުޅަދުގައި ނެތްކަން އެނގުނެވެ. ކާއިނާތު ސައިރަސްއަށް ގޮވުމުންވެސް ހިމޭންކަން ފިޔަވާ އެ ޖައްވުން އިތުރުު އެއްވެސް އަޑެއްބަޑެއް ނީވުނެވެ. ކާއިނާތު ހަޅޭއްލަވަން މަސައްކަތްކުރިއެވެ. ފިނިދަލެއް ހިއްލަން ފެށިއެވެ. ދުއްވައިގަންނަން ފައި ހަލުވައިލަން އުޅުނަސް ފަޔެކޭ ޖެލީގަނޑެކޭ ތަފާތެއްނެތެވެ. މޭގަނޑުވެސް ނުބައިގޮތަކަށް ތެޅެނީއެވެ. އެއްވާނަކަށް ނޫނެވެ. ހިތަށް އެރިގޮތަކަށް ލައްކި ޖަހަނީއެވެ.
"ކާއިނާތު....ކިހިނެއް ތިވަނީ؟" އޭނަގެ ކަންފަތުގައި ޖެހުނީ މަންމަގެ އަޑެވެ. ލޯ ހުޅުވައިލުމާއެކު އޭނަގެ ނަޒަރު ހުއްޓުނީ މަންމަ ހާޖަރުގެ މޫނަށެވެ. ވަށައިގެން ނަޒަރު ހިންގައިލުމާއެކު ޖައްވުގެ ކަނު އަނދިރިކަމުގެ ބަދަލުގައި އޮވެވުނީ އަމިއްލަ ކޮޓަރީގައި ކަން ޔަގީންވިއެވެ.
"ފެންފޮދެއް މަންމާ...." ކާއިނާތުގެ ލޮލުން އޭރު ކަރުނަ ތިއްކެއް ފައިބައިގެން ހިގައްޖެއެވެ. ހާޖަރުއަށް ދަރިފުޅުގެ ހާލަތު އިހުސާސްކުރެވުނެވެ. ނިތްކުރީގައި ހިއްލާފައިވާ ފިނި ދާތަކާއި ބިރުގެން ސިހިފައިވާ ލޯ އަންގައިދިނީ ބިރުވެރި ހުވަފެނަކުން ހޭޭލެވުނީކަމެވެ. ދެވަނަ މިނިޓްގައި ހާޖަރު ފިނި ފެންފުޅިއެއް ގެނެސް ކާއިނާތުގެ އަތަށް ދިނެވެ.
"އަވަހަށް ނަމާދަށް ތެދުވޭ. ދެނަމާދު ދޭތެރޭ ނިދާތީ އިބުލީސް ދައްކާ ހުވަފެންތައް ތީ. އިބުލީސް ކާއިނާތު ކަންފަތަށް ގުއި ލާފައި ދިޔައީ...."
"އަގް...މަންމަވެސް ދައްކާ ވާހަކަ...ކޯންޗެއް ކާން ހުރީ؟ ބަނޑުހައިވެގެންގޮސް ހާންތިވެއްޖެ..." ކާއިނާތު އޭނަގެ ތުނި ދުއްޔެއްފަދަ ބަނޑުގައި އަތް ކާއްތާލަމުން ފެންފުޅިން ކަރުތެރެއަށް ފެންކޮޅެއް އެޅުމަށްފަހު މޫނުގައިވެސް ފެންކޮޅެއް ހާކާލިއެވެ. ކާއިނާތު ވުޟޫކުރަން ހުރިއިރުވެސް ޚިޔާލުކުރެވުނީ އެ ހުވަފެނާއިމެދުގައެވެ. ސައިރަސް އޭނައަށް ގެއްލެނީހެއްޔެވެ؟ އެސްޓްރޮނޯޓުންނަކީ ފުދޭވަރެއްގެ ނުރައްކާތެރި މިޝަންއެއްގައި އުޅޭ ބަޔެކެވެ. އެމީހުން ތަމްރީނުކުރެވިފައިވަނީ ޖައްވީ އުޅަދުތައް ދުއްވުމަށާއި ޖައްވުގައި މަސައްކަތްކުރުމަށެވެ. އަދި ޖައްވީ ތަހުލީލުތައް ކުރުމަށެވެ. ޖައްވަށް ދަތުރުކުރާ ފްލައިޓްތައް މިހާރު އާއްމުކޮށް އޮތަސް ޖައްވަށް ކުރާ ކޮންމެ ދަތުރެއް ބިނާވެފައިވަނީ ކާމިޔާބާއި އަދި ނުރައްކަލާއިއެކުގައެވެ. އެހެންވެ އެމީހުންގެ ވަޒީފާގެ ބޮޑުބައި އޮންނަނީ ދިގު މުއްދަތަށް ތަމްރީނުކުރުމުގައެވެ. ސައިރަސްފަދަ މީހެއްދެކެ ލޯބިވުމަކީ އޭނަގެ ނަސީބުކަމެއް ނޫނީ ބަދުނަސީބުކަމެއް ނޭގެއެވެ. އެނގެނީ ހިތަށް ބާރު ނުފޯރުވުނުކަމެވެ. ލޯބިވެވުނު އިންސާނަކީ ސައިރަސްކަމެވެ. އެއީ އިންސާނެއްކަމާއިމެދު ޝައްކު ކުރެވުނަސް ހެވެވެ.
***
ކާއިނާތު ގިނިހިލައާއި ބެހޭގޮތުން ލިޔެފައިވާ ލިޔުމަށް ގަޑިއެއްހާއިރު ތެރޭގައި ދިހަހާސް ލައިކްސް ލިބުމުން އޭނަ އުފާވިއެވެ.
"ޖެހުނު ވަރުގަދަ ގްރޭވް ބައްޔެއްގައި ހުއްޓާ ކުޑަ ބްލެސިންއެއް ލެއްވީ. އެހެންވެ މިބުނަނީ ދުނިޔޭގެ މުސީބާތްތަކާއި ބަލިތަކާއި ހަގުރާމައާއިއެކީގައިވެސް ކުދިކުދި ބްލެސިންގްސްތައް ގުނާށޭ. ހުސްނުވާނެ..." ކާއިނާތު ކޮމްޕިއުޓަރު ކައިރީ އިންއިރު ދޭތެރެއަކުން އަސަލްގެ ޚަބަރެއްނުވެގެން ފޯނަށް ބަލައިލެވުނެވެ.
"އޭނަ އެންމެ ކުރިން މަރުހަބާ ކިޔާނީ. އަދިވެސް ރުޅީތަ ހަމަ؟" ކާއިނާތު ތުން ފިތައިލިއެވެ.
ކާއިނާތު އޭނަގެ ލިޔުން ތިންވަނަފަހަރަށް ކިޔަންފެށިއެވެ.
"މިމަހު އުޑަށް ބަލާފައި ފެހި އައްޔެއް ފެނިއްޖެއްޔާ އޭލިއަނުންތައް ދުނިޔެ ހިފީކަމަށް ހީކޮށް ޕެނިކްނުވާށެވެ. އެ ފެހި އައްޔަކީ ދުނިޔެއަށް ޒިޔާރަތްކުރާގަނޑުފެނުގެ މެހުމާނެއް ކަމަށްވާ ދުންތަރިއެކެވެ. ދުންތަރީގެ ބޮޑުބައިވަނީ ގަނޑުފެނާއި ހިރަފުހުންނެވެ. އެހެންވެ ބައެއްފަހަރު ވަނަމެއްގެ ގޮތުގައި "ޑާޓީ ސްނޯބޯލް" އޭވެސް ކިޔާ އުޅެއެވެ. އޭގެ ފަހަތުގައި ދިގު ނަގުލެއްހެން އެފެންނަ އައްޔަކީ އިރާއި ކައިރިވުމުން ހޫނުވެ ގޭސް އުފައްދަންފެށުމުން ޖައްވުގައި އެ ފެންނަނީ ނަރު ސިންގާއެއްފަދައިންނެވެ. ފަންސާސްހާސް އަހަރު ފަހުން ދުނިޔެއަށް މި އަންނަ C/2022 E3 ކިޔާ ދުންތަރި ސައިންސްވެރިންނަށް ފެނިފައިވަނީ މިދިޔަ އަހަރު މާޗްމަހު ޖުޕިޓާރގެ އޯބިޓުންނެވެ. މި ދުންތަރި އިރުގެ ވަށައިގެން ބުރު ޖަހަން ފަންސާސްހާސް އަހަރު ނަގާއިރު އިރާއި އެންމެ ގާތްކުރާނީ ޖެނުއަރީ ބާރަވަނަ ދުވަހުއެވެ. ދުނިޔޭގެ އުތުރު ސަރަހައްދުގައި އުޅޭ މީހުންނަށް ޖެނުއަރީ މަހު އަދި ދެކުނުގައި އުޅޭމީހުންނަށް ފެބްރުއަރީ މަހު އުޑުމަތިން މި ދުންތަރި ހަމަ ލޮލަށް ފެންނަން ހުރެދާނެކަމަށް ނާސާއިންވަނީ ބުނެފައެވެ. ދުންތަރިއަކީ އޭގެ ޒާތުގައި ވަކި އުސޫލެއްނެތް އެއްޗަކަށްވިޔަސް މިހާރު އެގިނަ ހިލައިގެ އަލިކަން ގަދަވަމުން އަންނަގޮތުން މީހުންގެ ލޮލަށް ދުރުމީއާއި ނުލާވެސް ފެންނާނެކަމަށް އެމީހުން ގަބޫލުކުރެއެވެ. މި ދުންތަރި ދުނިޔެއާއި އެންމެ ކައިރިކުރާނީ ފެބްރުއަރީ އެކެކާއި ދެވަނަ ދުވަހުއެވެ. އެދުވަހުގައިވެސް ދުންތަރީގެ ދުރުމިން ހުންނާނީ ދުނިޔެއާއި ސައްބީސް މޭލު ދުރުގައެވެ.
ނުޖޫމީ އިލްމުވެރިން ބުނާގޮތުން މި ހަފްތާގައި ދުންތަރި މާސްއާއި ކައިރިކުރާނެއެވެ.
ރާއްޖެއަށް ބަލާއިރު ރާއްޖޭގެ ބޮޑުބައި އޮތީ އުތުރު ސަހަރައްދުގައިކަމުގައިވިޔަސް އީކުއޭޓަރގެ ދެކުނަށް އޮތް ދެއަތޮޅުކަމަށްވާ ފުވައްމުލަކާއި އައްޑޫ ހިމެނެނީ ދެކުނު ސަރަހައްދުގައެވެ. މި ދުންތަރި ލޮލަށް ފެނުމުގެ ފުރުސަތު އެންމެ ކުރިން ލިބޭނީ ޖެނުއަރީ ބާރަވާ ބުރާސްފަތި ދުވަހުގެ ފަތިސްވުމުގެ ކުރިންނެވެ. މެންދަމަށްފަހުގައެވެ."
ލިޔުން ނިމިގެން ކޮމެންޓްތައް ކިޔަން އިނދެފައި ކާއިނާތު ހޭންފެށިއެވެ.
"ވަޓް ހެޕެންޑް..." މިސްބާހު އެހިއެވެ.
"މި ކޮމެންޓްތައް ކިޔާބަލަ...."
"މަށަށް ރަގަޅީ ތި ކޮމެޓް ދުނިޔޭގައި ޖެހިއްޖެއްޔާ.އަހަރެމެންގެ ކާބަފައިން ބުނާގޮތުން ދުންތަރި އައުމަކީ ކޮންމެވެސް ކަހަލަ ބިރުވެރި ޚަބަރެއްގެ އިންޒާރެއް. ހޭލް ބޮޕް ފެނިގެންވެސް ގިޔާމަތްވަނީކަމަށް ހީކޮށް އެތައް ބަޔަކު މަރުވި...."
"ސުބުހާނަﷲ. ކުޅަދުންވަންތަކަމާއިމެދު ވިސްނުން ހިންގި މީހަކަށް މިވެސް އަޖައިބެއް. އިރު ވަށައިގެން ފަންސާސްހާސް އަހަރުން ބުރެއް ޖަހައިލާކަމަށްވަންޏާ ހާދަ ދުރުން މިދަނީ؟ ގެލެކްސީގެވެސް ބޭރުންތަ؟ މި ޕެލެނެޓްތަކާއި ދުންތަރިތަކުގެ މެޕެއް ހިމަނައިލިނަމަ މި ލިޔުން އިތުރަށް ފުރިހަމަވީސް. އޭރުން ބައެއް މީހުންނަށް ދޭހަވާން ފަސޭހަވެސް ވާނެ....."
"ތިވާނީ އޭލިއަން ލޯބިގަނޑަކަށް. ވަރަށް އެކްސައިޓެޑް....."
"މި ދުންތަރިއަކީ އީވިލް ޚަބަރެއް ހިފައިގެން އަންނަ އެއްޗެއް..އަހަރެން ބިރުގެންފި..."
"ދުންތަރި ދުނިޔެއާއި ސައްބީސް މޭލަށް ކައިރިވަންޏާ ދުނިޔެ ސަލާމަތުން އޮންނާނެބާ؟ ގިޔާމަތްވަނީތަ؟"
ކާއިނާތު ކޮމެންޓްތައް ޝާއިއުކުރިއެވެ. ވަށްކަޅިއަކުން ބަލައިލިއިރު ޖީލަން ކީބޯޑުގައި އިނގިލިތައް ހަރަކާތްކުރާތަން ފެނުނެވެ. ދެން ފެނުނީ ޖީލަންގެ ކޮމެންޓެއްކަމާއިމެދު ހުވާކޮށްލަންވެސް ކެރިދާނެއެވެ.
"ދުންތަރިއެއް ދުނިޔޭގައި ޖެހިއްޖެއްޔާ ކޮސްމިކް ކަޓެކްލިޒްމްއަކަށްވާނީ. ދުނިޔެއާއި ދުންތަރިއެއް މުޑިއަރައިފިއްޔާ ވަރުގަދަ ފަނާކުރުވަނިވި ގޮވުމެއް ގޮވާ ދުނިޔެ އެއްކޮށް ހުޅުހިފާނެ. ބޮޑެތި ގަނޑުފެނާއި ހިލަތައް ވައިގެ ތެރެއަށް އަރާ ޒަލްޒަލާތައް އައިސް ބިރުވެރިކަމުން ފުރިފައިވާ އިވެންޓަކަށްވާނެ....."
ކާއިނާތު ހިނިގަނޑެއް ޖަހާލާފައި އެ ކޮމެންޓްވެސް ޝާއިއުކުރިއެވެ. ޖީލަންއަށް ނީދެވިގެން ތެދުވެގެން އައެވެ.
"ކާއިނާތު. އެ ކުށް ރަގަޅުކޮށްލަންވީނު. ސައްބީސް މިލިއަން މޭލުގެ ދުރުމިނުގައޭ ޖަހަންވީމަ ސައްބީސް މޭލު ޖަހާފައި އިނީ...."
"ހެހެ. އެހެންވެ ވަރަށް ކޮމެންޓު އެބައާދޭ. އައިމް އެންޖޯއިން އިޓް. ދެން ކުރަފީގެ ސިކުނޑިއެއް ހުރި މީހެއް ނޫނީ އެއީ ކުށެއްކަން ދެނެގަންނާނެ. އިންސާނުން ކުށް ލިޔާނެ. ކުށްކުރާނެ. އެއީ ނޯމަލް ކަމެއް...ޑިއަރ ޖީލަން. ތޭންކްސް ފޯ ޔޯ ކޮންސާން....."ކާއިނާތު އެސްފިޔަތައް ލަސްލަހުން ޖަހައިލިއެވެ. "ޖީލަންއަށްވެސް ކޮމެންޓްނުކޮށް ނީދެވޭނެ ދޯ................."
"ކުޑަވަރެއްގެ ގިޔާމަތެއް އަންނާނީ. ޒަލްޒަލާތަކާއި ގޮވުންތަކާއި ސުނާމީ އަދި އިރުގެ އަލި ބަންދުވުމާއި އެތައް މިލިއަން ބަޔަކު މަރުވެގެން ހިގައިދާނެ. އައި ވަންޑަރ މިކަހަލަ ފަނާކުރުވަނިވި އިވެންޓަކަށްފަހު މަ އެކަނި ދުނިޔޭގައި ހުންނަންވެއްޖެއްޔާ ވާނީ ކިހިނެއްބާވައޭ......" ކާއިނާތު އަމިއްލައަށް ކޮމެންޓެއް ކޮށްލުމުން ޖީލަން ބޮލުގައި އަތް އެޅިއެވެ.
"ސީރިޔަސްލީ......"
"ޖީލަންވެސް ކޮމެންޓް ސެކްޝަން ފަޅުފިލުވާލަބަލަ. ޖޭ ނުވެ. އަހަރެންގެ އަމިއްލަ ލިޔުން އަމިއްލައަށް ޕްރޮމޯޓްނުކުރަންޏާ ކާކުކުރާނީ؟"
"ކާއީ. ތިޔަ ބުނާ ކޮމެޓް ފަންސާސްހާސް އަހަރު ކުރިން ދުނިޔެއަށް އައި ފަހަރުވެސް ދެކުނިން. އޭރު މަ ވަރަށް ކުޑަ...."އެކަކު ކިޔައިލުމުން ކާއިނާތު ކަޅި އަޅައިގަތެވެ. ދޮގުހެދުމުގެ މާހިރެއްކަމަށް ބުނުމުން އެކުއްޖާ އަނގަޔަށް ގޮތެއް ހަދައިލިއެވެ. ކާއިނާތުއަށް އެ ބަހުރުވައިގެ މާނަ އެނގުނަސް އިތުރު އެއްޗެއް ނުބުނެ ސްވިސް ޗޮކްލެޓް ނިއުޅައިލިއެވެ.
"ކާއީ ހެޔޮނުވާނެ..."މިސްބާހުގެ ލޯ ހުއްޓުނީ ޗޮކްލެޓަށެވެ.
"ނޯ...އޯލްރެޑީ ޗަބީވާން ފަށައިފި...ޖިމަށްދާން ފެށި ދުވަހަކުން އެތިކޮޅެއް ލިބިދާނެ...." ކާއިނާތު މޫނު ހަދައިލިއެވެ. "އެކަމަކު ދެން ޕަޕީ އައިސް....ތިގޮތަށް ބަލަންޏާ މީހަކު ހަމްދަރުދީވެގެންވެސް ނުދީ ކާކަށް ނުކެރޭނެ..."
ކާއިނާތު ޗޮކްލެޓް ގަނޑެއް ދިއްކޮށްލިތަނާ އައި ނައި ދިމާލެއްނޭގި އަރާހަމަވި ބިލާލް އެ ހިފާ އަނގައިގާ ޖެހިއެވެ. ސަކަރާތުގައި ތިއްބާ އަސަލް އަންނަތަން ފެނުމުން ހުރިހާ ކުދިން ބަސްއަހައިގެން މަަސައްކަތަށް ކުރިމަތިލިއެވެ. މިފަހަކަށް އައިސް އަސަލް ސީރިޔަސްކަމުން އޭނަގެ ހާޟިރުގައި އެކަކަށްވެސް ސަކަރާތްޖަހާ ކުރިންހެން އުޅޭކަށް ނުކެރެއެވެ.
ކާއިނާތުވެސް އޭނަ އަލަށް ލިޔަންފެށި އާޓިކަލްއަށް ސަމާލުކަން ދިނެވެ.އެޑިޓްނުކޮށް ފޮނުވުުމުން ބައެއްފަހަރު ކުށްތައް ލޮލުގައި އަޅައިގަންނަނީ ކޮމެންޓުތަކުން ކިޔުންތެރިން ފާހަގަކުރީމައެވެ. ނަސީބަކުން ކޮމެންޓްތައް ޕަބްލިޝްކުރުމަކީ އޭނަގެވެސް މަސައްކަތުގެ ބަޔެއްކަމުން އޭނަ އެފަދަ ކޮމެންޓުތައް ވުޖޫދުންވެސް ފޮހެލަނީ ހިނިތުންވެފައި އިނދެއެވެ.
***
އަސަލްއާއި އާޔާގެ ކައިވެނީގެ ވަލީމާއޮތް ދުވަހު ކާއިނާތު ހުރީ ކުޑަކޮށް ހިތް ނުތަނަވަސްވެ ބިރުގެންފައެވެ. އަސަލް އަރަބި ސްޓައިލަށް ހެދުން އަޅާފައި ހުރިއިރު ޝަޚުސިއްޔަތު ވަރުގަދަވެފައި މާތްކަމުން އަރަބި ރަސްދަރިކަލެއްފަދައެވެ. އަލި މޫނެކެވެ. ޖުއްބާއަކާއި ބޮލުގައި ޝެމާގް ސްކާފެއް އަޅާފައި ހުރިއިރު ދިވެއްސަކާއި ވައްތަރެއް ނޫނެވެ. އާޔާވެސް ހުރީ ރަންކުލައިން ޖަރީކޮށްފައިވާ ހުދު ހެދުމަކާއިއެކު ބުރުގާއެއް އަޅައިގެންނެވެ. ކައިވެނީގެ މަޖިލިސް ކުރިއަށް ދިޔައިރު އާއިލާގެ މީހުންނާއި ގާތްއެކުވެރިން އެތަނުގައި ތިއްބެވެ. ކާއިނާތުއަށް އާޔާގެ ބައްޕަ ނާޒިމްއާއި މަންމަވެސް އެދުވަހު ފުރަތަމަ ފަހަރަށް ފެނުނެވެ. އާޔާއަކީ އެންމެ ގާތް އެކުވެރިޔާއަށް ވީއިރުވެސް އެގެއަށް ދާން ލިބުނު ދައުވަތަށް އޮތީ ވަގުތެއް ނުދެވިފައެވެ. އާޔާގެ ބޭބެ އަދްރިއަންވެސް އަރަބި ޖުއްބާއެއްލައިގެން ހުރިއިރު ފާހަގަކުރެވެއެވެ. އެއާއިލާގެ އެންމެންގެ ގާތްކަމާއި އެމީހުންގެ އަމަލުތަކާއި އުފާވެރިކަމުން ހާމަކޮށްދިނެވެ. ޒުހަލް ހުރީ ޖިންސަކާއި ޓީޝާޓެއްލައިގެން ތަންކޮޅެއް ނުރަސްމީކޮށެވެ. ކާއިނާތު އެމީހުންގެ ކުރިމައްޗަށްވާ ގޮތަށް އަތުރާފައި ހުރި ގޮނޑިބަރީގެ ފުރަގަހުގައި ހުއްޓިލައިގެން ހުރިއިރު އަސަލްއާއި އާޔާގެ މޫނަށް ބެލެމުން ދިޔައެވެ. އޭނައަށް އަސަލް ދޫކޮށްލުމުން އެކުރެވުނީ ރަގަޅުކަމެއްހެއްޔެވެ؟
ކާއިނާތު އަސަލްއަށް މެސެޖެއްކޮށްލިއެވެ. "އަސަލް. މަޖުބޫރުވެފައި ހެން ހީވޭ. އަމިއްލައަށް ފެނިގެން ކުރަންޏާ ކުރާތި. އަސަލް ގިލްޓީވެފައި ހުރެދާނެތީ ބިރުގަނޭ...."
ގާޒީ ކައިވެނިކޮށްދޭން ފަށައިފިއެވެ.
ކާއިނާތު ގަދަކަމުން ހިނިތުންވެލިއެވެ. އޭނަގެ ހިތުން އެވަގުތު ލޭ ތިއްކެއް ފައިބައިގެން ދިޔަސް ބޭރުފުށުން އެ ޒަޚަމްގެ އެއްވެސް ކުލަވަރެއް ދެއްކުމަކީ އަސަލްއާއި އާޔާއަށްވެސް ދެވޭ އަނިޔާއެކެވެ. އެއީ އޭނަގެ ގާތް އެކުވެރިންނެވެ. އެދެމަފިރިންނަށްޓަކާ އޭނަ އުފާވާންޖެހޭނެެެވެ. އެންމެފަހުން އެ ކައިވެނިވެސް ކުރެވުނީއެވެ. އަސަލްއާއި އާޔާ ގާނޫނީ އަދި ދީނީގޮތުން ދެމަފިރިންނަށްވެގެން ދިޔައީ އެމީހުންނަށްޓަކާ އުފާކުރާނެ ބަޔަކު އުފާކޮށް ރޯނެ ބަޔަކު ރޯން ޖައްސާފައެވެ. ކާއިނާތު އަޖައިބުވީ އަސަލްގެ ބީރައްޓެހިކަން ފެނިފައެވެ. އޭނައާއި ދިމާލަށް އެންމެ ފަހަރަކުވެސް ނަޒަރު ހުއްޓާނުލިއެވެ. މެސެޖަށް ޖަވާބެއްވެސް ނުލިބުނެވެ.
ކައިވެންޏަށްފަހު ފިރިހެންވެރިން ސައި ހަމަޖައްސާފައިވާ ދިމާލަށް ފިރިހެނުންނާއިއެކު އަސަލްއާއި އަދްރިއަން އަދި އެހެންމިހުން ހިނގައިގަތްއިރު ކާއިނާތުމެން ސައިބޯން ޖެހުނީ އަންހެންވެރިންނާއެކުގައެވެ. އާޔާ އޭނަގެ މަންމައަށްވެސް ކާއިނާތު ތައާރަފުކޮށްދިނެވެ. އާޔާގެ މަންމަ ހުރީ ތަންކޮޅެއް ބިޔަކޮށެވެ. ބާމަތި ފުޅާވެފައި މޫނުވެސް ފުދޭވަރަކަށް ބޮޑުކޮށް ހުރިއިރު ކޮންމެވެސް ވަރަކަށް މޭކަޕްކޮށްލާފައި އަނދުންވެސް ގަދަޔަށް އަޅާފައެވެ. ރީތިކަމާއި ޒީނަތްތެރިކަމަށް ލޯބިކުރާ ފަރާތެކެެވެ. އަތުގައިވާ އަގުބޮޑު ރަންގަޑިއާއި ޖަވާހިރު އަނގޮޓީތަކާއި ކެވެލިކޮޅުންވެސް އެކަ ން ދައްކުވާދެއެވެ. އަސަލްގެ މަންމަ ކުބްރާއާއި އާޔާގެ މަންމަ ނާޒްނީން ހީވަނީ އެތައް ޒަމާނެއްވާންދެން އެކީގައި އުޅެފައިވާ ދެމިތުރުންހެންނެވެ.
"ކާއިނާތުއަކީ ވަރަށް މޮޅު ނޫސްވެރިއެކޭ ކިޔާފައި އާޔާ ވަރަށް ތައުރީފުކުރޭ. މަޖާ ލާނެތް އެހާ ހިތްހެޔޮ ރީތި ކުއްޖެއްގެ ގޮތުގައި ސިފަކުރީ. ފެނުމުން އެއީ ތެދެއްކަން ޔަގީންވެއްޖެ..." ނާޒްނީން ހީލިއެވެ.
"މަގޭ ދަރި އަސަލްއާއިއެކު އޮފީހުގައި އުޅުނީ. ކާއިނާތުއާއި އަސަލްއަކީ ކުޑައިރުއްސުރެ ގާތް އެކުވެރިން. ކައިވެންޏަށްވެސް އެހި. އެގެއަށް ގެންނާންވެސް އުޅުނު. ކުއްލިއަކަށް ޖެހުނު މައްސަލައެއްވެސް ނޭގުނު. އާޔާއާއި ކައިވެނިކުރާ ވާހަކަ ބުނުމުން އަޅުގަނޑުވެސް ހުރީ ހަމަ ބުނާނެ އެއްޗެއް ނޭގިފައި..."
ކާއިނާތު ކައިރީ އަސަލް އެއް އިރެއްގައި މަންމަ ކާއިނާތުއާއި ނުރުހުނީ ކާއިނާތުއަކީ ރަށްމެދަށް ވިހާފައި ހުރި ކުއްޖަކަށްވީތީކަމުގައި ބުންޏެވެ. ފަހުން އަސަލްގެ މަންމަ ގަބޫލުވީއިރު ކާއިނާތުވަނީ އަސަލްގެ ހަޔާތާއި މާދުރަށް ގޮސްފައެވެ. ކޮންމެހެން ކުބްރާ އޭނައާއި ގަބޫލުނުވީތީއެއް ނޫނެވެ.
"އަސަލްއާއި ދިމާވުމުން އަޅުގަނޑަށް ވަގުތުން އެ ދަރިފުޅުދެކެ ލޯބިވެވިއްޖެ. ދެ ފިރިހެން ދަރިން ދެއްވައިފި. އިރާދަކުރެއްވިއްޔާ އަދްރިއަންއާއި އަސަލްއެކޭ ތަފާތެއް ނުކުރާނަން... އާޔާވެސް މިހާ އުފަލުން ހުއްޓާ ދުވަހަކު ނުފެނޭ. އަންހެންކުއްޖެއްގެ ހަޔާތުގައި އަންނަ އެންމެ އުފާވެރި ދުވަހަކީ ކައިވެނީގެ ދުވަސް. އެކަން މިއަދު އާޔާގެ މޫނުމަތިންވެސް ދައްކުވާދީފި..........."
"މަންމާ....."އާޔާ ލަދުން މަރުވާވަރުވިއެވެ.
"އާޔާގެ މޫނުކޮޅު އެއްކޮށް ބްލަޝްވެއްޖެ..."ކާއިނާތު ހީގަތެވެ.
"ބްލަޝް ޖައްސާފައި ވިއްޔާ ކާއީ ހުރީ. ދެން އަބަދު ބްލަޝްވެ ދިއްލިފައެއްނު އިންނާނީ............" އާޔާގެ ތުންފަތުގައި ފަނޑު ހިނިތުންވުމެއްގެ އަސަރުވިއެވެ.
"ޔޫ ލުކް ސޯ ޕްރިޓީ ޑާލިން..... ނޫންތަ ލައި؟" ލައިކާ ދެވަނަފަހަރަށް އެއްޗެހި އަޅައިގެން އައިސް ގޮނޑީގައި ޖައްސައިލުމުން ކާއިނާތު އެހިއެވެ.
"ތެންކިއު...." ލައިކާގެ މޫނު ބީޓްރޫޓްކުލަ އެރިއެވެ. ލައިކާ ހީކުރީ އެންމެންވެގެން އޭނަގެ ރީތިކަމށް ތައުރީފުކުރަނީކަމުގައެވެ.
"ކޮންތަނަކަށް ހަނީމޫނަށް ދަނީ؟"
"ދެ އާއިލާ އެންމެން އުމްރާއަކަށް ދާގޮތަށް އަސަލް ބޭނުންވީ. އަސަލްގެ މަންމައާއި ކޮއްކޮ ގޮވައިގެން އުމްރާއަށް ދާން ކުރިންވެސް ޕްލޭންކޮށްފައި ފައިސާވެސް އެއްކޮށްފައި ހުރީމަ ދާން ބޭނުންވީ. މަންމަމެންވެސް ޖޮއިން ކުރަން ބޭނުންވީމަ ދެން އެންމެން އެކީ ދާގޮތަށް ނިންމީ. އުމްރާއަށް ދިޔުމަކީ އެންމެ ބޮޑު ހެޕިނެސް...." އާޔާ އޭނަގެ ދެއެކުވެރިންގާތު ބުނެލީ ވަރަށް ބޮޑަށް ހެވިފައި އިނދެއެވެ.
"އަޅެ. މަވެސް ގެންދެބަލަ..." ލައިކާ ހީވީ ރޮއިގަންނާނެހެންނެވެ."އެތާ ކެއުންވެސް ވަރަށް ތަފާތުވާނެކަން ނޭގޭ...."
"ސާބަހޭ ލައި. އުމްރާއަށް ދަނީ ކާންތަ؟" ކާއިނާތު ލޯ އަޅައިލިއެވެ. "ލައި. އަދި މަށަށްވެސް ވަން ޕްލޭޓް ގެނެސްދީ ސްވީޓްހާޓެއްނު..."
"އޯކޭ އޯކޭ..."
"އުމްރާއަށް ދާންވާނީ ނިޔަތް ރަގަޅުކޮށްގެން ހުރިހާ ޝިރުކުން ދުރުވުމަށްފަހުގައި ކަމަށް އަހަރެންވެސް ގަބޫލުކުރަނީ. އެންމެން ދާތީ ނޫނީ ވިޔަފާރިކުރަން ނޫނީ އެތަން ބަލަން ދަންޏާ އެއީ އަޅުކަމުގެ ނިޔަތަށްވުރެ އެހެން ބޭނުމެއްގައި ދެވޭކަމަށްވަނީ. ލައިވެސް ކާންވެގެން ދާން ބޭނުންވީ. އަހަރެންވެސް އުމްރާއަށް ދާނީ އީމާންތެރިކަން ރަގަޅުވީމަ. މިހާރު އުޅެނީ ސަތޭކައަކުން ސާޅީހުގައި..."
"މަގޭ އީމާންކަން އުޅެނީ ވިހީގައި..." ލައިކާ ދެރަވިއެވެ. " މި ރެޑްކުލައިގާ މިއީ ކޯނޗެއް. ހާދަ މީރޭ. ވައްތަރުތައް ގިނަކަމުން ކައިފާ ނުކާނެ އެއްޗެއް ނެގޭ. އަދި މާދަން ރޭ ޕާޓީއަށް ބަނޑުހުސްކުރަން ޖެހޭނެ ދޯ......."
އެންމެން ސަަޔަށްފަހު މަގަށް ނުކުތްތަނާ ނާޒިމްއާއި ދިމާވެގެން އާޔާ އޭނަގެ އެކުވެރިން ބައްޕައަށް ތައާރަފުކޮށްދިނެވެ. ކާއިނާތުގެ މޫނު ފެނުމުން ދަންނަ މީހެއް ތަސައްވަރު ކުރެވުނުހެން ހީވެގެން ދެވަނަފަހަރަށްވެސް ބަލައިލަން މަޖުބޫރުވިއެވެ.
"ކާއިނާތު ވޯކްކުރަނީ ކައުނު ނޫހުގައި. ވަރަށް ޕޮޕިއުލަ ލިޔުންތެރިއެއް. ޚާއްސަކޮށް އޭނަގެ ފަލަކުގެ ޚަބަރުތައް ގެނެސްދޭލެއް ކަމުދާތީ ރީޑަސް ވަރަށް ލައިކްވޭ......"
"އޯހ.. އެހެންތަ؟" ނާޒިމް ހައިރާންވިއެވެ.
"އަދި އެންމެފަހުން ލިޔުނު ދުންތަރީގެ ޚަބަރަށް ބައިވަރު ކޮމެންޓްސްތަކާއި ވިއުސް ލިބުނު ދޯ....."
"ކާއިނާތުވެސް ތަރިތަކުގެ އިލްމަށް ޝައުގުހުރޭ ދޯ...އަހަރެމެންގެ ޓެރެސްގައި ހުންނާނެ ދުރުމިއެއް. ކުޑަވަރެއްގެ އޮބްޒާވެޓަރީއެކޭ ބުނެވިދާނެ. ސަބަބަކީ އަހަންނަކީވެސް އެ އިލްމަށް ލޯބިކުރާ މީހަކަށްވީތީ...ކާއިނާތު ބޭނުން ކޮންމެ ވަގުތަކު އެ ބޭނުންކުރެވޭނެ. މިފަހަރު ދުންތަރި ރީއްޗަށް ފެންނާނީ ދުރުމީއިން ބަލައިގެން..."ނާޒިމް ކާއިނާތުއައި ވާހަކަދައްކަމުން ކާރާއި ދިމާލަށް ހިނގައިގަތެވެ." އާޔާމެން ހަނީމޫނަށް ފުރން ދިޔުމުގެ ކުރިން ގެއަށް ގޮސްލަންވާނެ ދޯ............."
"އޯ އާޔާ ނުވެސް ބުނޭ..."
"އެއީ ހަމަ ތްރީ ޑޭސްއަށް ސަޕްރައިޒް ދަތުރެއް...ސްވިސް ޓްރިޕެއް...."
ވާއު.." ލައިކާއަށް ބުނެވުނެވެ.
"ޕްރައިވެޓް ޖެޓެއް އެރެންޖް ކޮށްދިނީ ސްވިސް ބިޒިނަސްމޭންއެއް...ސޯ ރަގަޅު ހަނީމޫނަކަށްވާނެ......"
ކާރަށް އަރާފައި ނާޒިމްގެ ވާހަކަ އަނެއްކާ ދިޔައީ ތަންކޮޅެއް ކުރީ ޒަމާނުގެ ހަނދާންތަކަށެވެ. ނާޒިމް ބުނީ 1986 ވަނަ އަހަރު އެގޮތަށް ދުނިޔެއަށް ޒިޔާރަތްކުރި ދުންތަރިއަކީ ހޭލީޒް ކޮމެޓްކަމަށާއި 1997 ގައި ހޭލްބޮޕް ތަރި އެއަށްވުރެ ރީއްޗަށް ފެނުނުކަމުގައެވެ. އޭރު ހަމަލޮލަށް ކިތަންމެ ރެއަކު އެ ދުންތަރި އުޑުމަތިން ފެންނަން ހުރިކަމަށެވެ. އާޝޯޚުވެ ހައިރާންކަމާއި އެކު އެއަށް ބަލަން އުމުރަށް ހުރެވިދާނެކަމަށާއި ކޮންމެ ރެއަކު ކޮމެޓަށް ބެލުމަކީ އޭނަގެ އުފާވެރިކަން ކަމުގައި ބުންޏެވެ. އޭނަގެ ޝައުގު އެއަށްވުރެވެސް ބޮޑަށް ނުޖޫމީ އިލްމަށް ގެންދިޔައީ "ހޯސް ނެބިއުލާ" ފެނުމުންނެވެ.
"ފަހަރެއްގައި ކާއިނާތު މެންނަށް އެ ދުންތަރި 2061 ވަނަ އަހަރު ހަމަލޮލަށް ފެނުމުގެ ނަސީބު ލިބިދާނެ. ހެއިލީސް ކޮމެޓް ދެވަނަފަހަރަށް ފެނިލުމުގެ ނަސީބު ހުރި އިންސާނެއް ވިއްޔާ އުމުރުގައި ތަން ހުރެގެން ދެވަނަފަހަރަށް ފެނިދާނެ........."
"މިހާރު އެދުންތަރި ކޮބައިތޯ؟ އެއްފަހަރު ފެނިފައި ގެއްލެނީ ކީއްވެ؟" ލައިކާ އެސްފިޔަ ޖަހައިލިއެވެ. "75 އަހަރުން އެއްފަހަރު ފެންނަންވީ ސަބަބެއް ނުވިސްނޭ...."
ކާރު ދުއްވައިލަން އުޅެނިކޮށް ފޯނު ދިއްލެން ފެށުމުން ކާއިނާތު އަވަހަށް ދޮރު ހުޅުވައިލިގޮތުން ނުވެއްޓުނީވެސް ކިރިޔާއެވެ.
ނުނިމޭ