ސެންޓްރަލް އޭޝިއަން ވޮލީބޯލް އެސޯސިއޭޝަންގެ ބީޗް ވޮލީބޯލް ޓުއާގެ, ރަން މެޑަލް ރާއްޖޭގެ, އިސްމާއިލް ސާޖިދު (ކުޑަކާއްޓެ) އާއި އާދަމް ނަސީމް (އެޑަމް)ގެ ޕެއާއިން ހޯދައިފިއެވެ.

މިއީ ސަރަހައްދީ މުބާރާތަކުން ރާއްޖެ އަށް ވޮލީބޯޅައިގައި ލިބުނު ފުރަތަމަ ރަން މެޑަލެވެ.

ބަންގްލަދޭޝްގެ ކޮކްސް ބާޒާރު ބީޗް ވޮލީ ކޯޓުގައި މިއަދު ކުޅުނު ފައިނަލް މެޗުގައި ރާއްޖޭން ނުކުތީ ނޭޕާލްގެ އެއް ވަނަ ޕެއާ، މަން ބަހާދުރު ޝްރެސްތާ އާއި ދިލް ބާހާދުރު ސުނާރުއާ ދެކޮޅަށެވެ. އެޑަމް އާއި ކުޑަކާއްޓެގެ ޕެއާއިން އެ މެޗުގެ ސެޓުތައް ގެންދިޔައީ، 21-13، 21-19 އިންނެވެ.

ސެންޓްރަލް ޒޯން ބީޗް މުބާރާތުގެ ފައިނަލަށް ރާއްޖޭގެ ކުޑަ ކާއްޓޭއާއި އެޑަމްގެ ޕެއާއިން ދަތުރުކުރީ ސެމީ ފައިބަލުގައި މުބާރާތް ބާއްވާ ގައުމު ބަންގްލަދޭޝް ބަލިކޮށްގެންނެވެ.

މީގެ އިތުރުން އެ މުބާރާތުގެ ސެމީ ފައިނަލުން ކުޑަ ކާއްޓޭއާއި އެޑަމްގެ ޕެއާއިން ޖާގަ ހޯދީ އެ މުބާރާތުގައި ރާއްޖޭން ކުޅުނު ދެ މެޗު ކާމިޔާބުކޮށްގެންނެވެ.

މުބާރާތުގައި ކުޅުނު ފުރަތަމަ މެޗުގައި ކުޑަކާއްޓޭއާއި އެޑަމް ވާދަކުރީ ކިރްގިސްތާންގެ މެޑެޓްބެކް އޫލޫއާއި ޒީންބެކް އޫލޫއާ ދެކޮޅަށެވެ. މި މެޗު ރާއްޖޭގެ ކުޅުންތެރިން ކާމިޔާބު ކުރީ 12-21 އިން ދެ ސެޓު ވެސް ކާމިޔާބު ކޮށްގެންނެވެ.

ދެވަނަ މެޗުގައި ކުޑަކާއްޓޭއާއި އެޑަމް ކުޅެން ޖެހުނީ ބޫޓާންގެ ޑޯޖީ އާއި ޖިގްމޭގެ ޕެއާއާ ދެކޮޅަށެވެ. މި މެޗު ވެސް ފަސޭހަކަމާއެކު ރާއްޖޭގެ ޕެއާ ކާމިޔާބުކުރިއިރު، މި މެޗުގެ ސެޓުތައް ގެންދިޔައީ 21-09، 21-09 އިންނެވެ.

ސެންޓްރަލް ޒޯން ބީޗް މުބާރާތުގައި ރާއްޖޭގެ ޝަމާއިލް ހުސެއިންއާއި އަހުމަދު މުހައްމަދު (ކޯކޭ)ގެ ޕެއާ ވެސް ވަނީ ބައިވެރިވެފައެވެ. މި ޕެއާއިން ކުޅުނު ފުރަތަމަ މެޗުން ބަންގްލަދޭޝްގެ ނޫރު ނަބީއާއި ޝައިފުއްދީންގެ ޕެއާ އަތުން މޮޅުވިއިރު، ދެވަނަ މެޗުގައި ނޭޕާލްގެ ސުނަރުއާއި މަން ބަހާދުރު ޝްރެސްތާގެ ޕެއާއާ ކުޅެގެން ވަނީ ބަލިވެފައެވެ.