ކުރީގެ ރައީސް އަދި ޕީޕީއެމްގެ ރިޔާސީ ކެނޑިޑޭޓް ޢަބްދުﷲ ޔާމީނު ޖަލަށް ލުމަށް ހުކުމްކުރުމާ ގުޅިގެން، އިދިކޮޅު ޕީޕީއެމް ކޯލިޝަނުން ފަށާފައިވާ ސިލްސިލާ މުޒާހަރާގެ ތެރެއިން މިރޭ ކުރިއަށްގެންދިޔަ މުޒާހަރާގައި ބައިވެރިވި މީހުންގެ ތެރެއިން ދެ މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.

ސަން އާ ވާހަކަ ދައްކަވަމުން ޕީޕީއެމްގެ ތަރުޖަމާނު ހީނާ ވަލީދު ވިދާޅުވީ، ރައީސް ޔާމީނު މިނިވަން ކުރުމަށް ގޮވާލާ ޕީޕީއެމުން މިރޭ ކުރި މުޒާހަރާގެ ތެރެއިން ދެ މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާކަމަށެވެ. އެ މީހުން ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަ ސަބަބެއް އަދި މިހާތަނަށް އެނގިވަޑައި ނުގަންނަވާކަމަށް ހީނާ ވިދާޅުވިއެވެ. މިކަމާ ގުޅޭގޮތުން ފުލުހުންގެ ބަހެއް އަދި ނުލިބެއެވެ.

ޕީޕީއެމުން މިރޭ ކުރިއަށްގެންދިޔަ މުޒާހަރާގެ ތެރެއިން--- ފޮޓޯ/ޕީޕީއެމް

ރައީސް ޔާމީނު ދޫކޮށްލުމަށް ގޮވާލައި އިދިކޮޅު ޕީޕީއެމް ކޯލިޝަނުން މިރޭގެ މުޒާހަރާ ކުރިއަށްގެންގޮސްފައިވަނީ ސޯސަންމަގާ މަޖީދީމަގާ ގުޅޭ ހިސާބުންނެވެ. މުޒާހަރާގެ ބައިވެރިންގެ ތެރެއިން ބައެއް ބައިވެރިން ތިބީ "ފްރީ ޕްރެޒިޑެންޓް ޔާމީނު" މިހެން ޖަހާފައިވާ ކަޅުކުލައިގެ ޓީޝާޓު ލައިގެންނެވެ.

ޕީޕީއެމުން މިރޭ ކުރިއަށްގެންދިޔަ މުޒާހަރާގެ ތެރެއިން--- ފޮޓޯ/ޕީޕީއެމް

މިރޭގެ މުޒާހަރާގައި އިދިކޮޅު ކޯލިޝަނުގެ ލީޑަރޝިޕްގައި ހިމެނޭ މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފާ، މާވަށު ދާއިރާގެ މެމްބަރު މުހައްމަދު ސައީދާ، ގުރައިދޫ ދާއިރާގެ މެމްބަރު ޣައްސާން މައުމޫނާ، މާލެސިޓީ ކައުންސިލްގެ މޭޔަރު ޑރ މުހައްމަދު މުއިޒުގެ އިތުރުން ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބުދުﷲ ބައިވެރިވެ ވަޑައިގަންނަވައެވެ. މީގެ އިތުރުން ޕީޕީއެމްގެ ގިނަ އަދަދެއްގެ މެމްބަރުންވެސް މި މުޒާހަރާގައި ވަނީ ބައިވެރިވެފައެވެ.

ޕީޕީއެމުން މިރޭ ކުރިއަށްގެންދިޔަ މުޒާހަރާގެ ތެރެއިން--- ފޮޓޯ/ޕީޕީއެމް

އިދިކޮޅު ލީޑަރު ރައީސް ޢަބްދުﷲ ޔާމީން ޖަލަށް ލުމަށް ހުކުމް ކުރުމާ ގުޅިގެން އެމަނިކުފާނު މިނިވަން ކުރުމަށް ގޮވާލައި އިދިކޮޅު ޕީޕީއެމްއިން ކުރިއަށްގެންދާ ސިލްސިލާ މުޒާހަރާގެ ތެރެއިން ރޭ ކުރިއަށްގެންދިޔަ މުޒާހަރާގައި 21 މީހުން ހައްޔަރުކުރިނަމަވެސް ދެ މީހަކު ފިޔަވައި އެހެން އެންމެން ވަނީ ދޫކޮށްލާފައެވެ.

މިކަމާއި ގުޅޭގޮތުން ފުލުހުން މިއަދު ބުނެފައިވަނީ، ހައްޔަރުކުރި ދެ މީހުންގެ މައްޗަށް ތުހުމަތު ކުރަނީ ފުލުހަކާމެދު މާރާމާރީ ހިންގައި ހަމަލާ ދިން ކަމަށެވެ. އަދި އެ ދެ މީހުން ވެސް ހައްޔަރު ކޮށްފައިވަނީ މުޒާހަރާ ކޮށްގެން ނޫން ކަމަށް ފުލުހުން ވަނީ ބުނެފައެވެ.