ރައީސުލްޖުމްހޫރިއްޔާ އިބްރާޙީމް މުޙައްމަދު ޞާލިޙަށް އަމާޒުކޮށް ރައީސް މުޙައްމަދު ނަޝީދު ދެއްކެވި ވާހަކަތަކަށް ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ މިރޭ ރައްދު ދެއްވައިފިއެވެ.

ރައީސް ނަޝީދުގެ ކެމްޕެއިން އިފްތިތާހު ކުރުމަށް ރޭ ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުން ރައީސް ނަޝީދު ވަނީ ރައީސް ޞާލިޙްއަށް ބަހުގެ ހަމަލާ އަމާޒުކުރައްވާފައެވެ. އެގޮތުން، ރައީސް ޞާލިޙް އަށް އެއްވެސް ކަމެއް ނުކުރެއްވުނު ކަމަށާއި، "ރިއެކްޓެއް ނުކުރެއްވި" ކަމަށާއި، ރައްޔިތުން ވޯޓު ދިނީ އެމްޑީޕީގެ މެނިފެސްޓޯއަށް ކަމަށާއި އެތައް ވައުދެއް ވެގެން ވެރިކަމަށް ވަޑައިގެން އެކަންކަން ފުއްދަވައިދެއްވުމަށް އެއްވެސް މަސައްކަތެއް ކުރައްވާފައި ނުވާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސް ޞާލިޙްގެ ކެމްޕެއިން ޖަލްސާގައި މިރޭ ވާހަކަދައްކަވަމުން މިނިސްޓަރު މާރިޔާ ވިދާޅުވީ، ރިއެކްޓު ނުކުރައްވާ ކަމަށް ވިދާޅުވުމުން ހައިރާންވެ ވަޑައިގަންނަވާ ކަމަށާއި، އެމްޑީޕީއަކީ އަބަދުވެސް ހަ ކުޅި ކުރިއަށް ކުޅޭ ޕާޓީއެއް ކަމަށެވެ.

ހަގީގަތުގައި މި ޕާޓީއަކީ އެއްވެސް އިރެއްގައި ރިއެކްޓް ކުރާ ޕާޓީއެއް ނޫން ކަމަށް އަޅުގަނޑަށް އެނގިފަ އޮތީ. އަޅުގަނޑުމެންނަކީ ޕްރޯއެކްޓު ކުރާ ޕާޓީއެއް. އަޅުގަނޑުމެން އަބަދުވެސް ދައްކަނީ ހަ ކުޅި ކުރިއަށް ކުޅޭ ވާހަކަ. ތިބޭފުޅުން ހަނދާން ހުންނާނެ އަޅުގަނޑުމެންނަކީ ބައެއްގެ ފަހަތުން ބަޔަކު ކުރާ ކަމަކަށް ބަލަމުންދާ ޕާޓީއެއް ނޫން. ހަކުޅި ކުރިއަށް ކުޅޭ ވާހަކަ ދައްކަމުން މި ހިސާބަށް އައިސްފައި، ކުއްލި އަކަށް ރިއެކްޓް ގެ ވާހަކަ ދެއްކީމާ އަޅުގަނޑު ވަރަށް ދެރަވޭ.ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ

މާރިޔާ ވިދާޅުވީ ރިއެކްޓު ކުރުމުގެ ވިސްނުމަކީ އެމްޑީޕީގެ ފިކުރާ ވަރަށް ބީރައްޓެހި ވިސްނުމެއް ކަމަށެވެ. އަދި، އެމްޑީޕީ ފެށުނީއްސުރެ ވެސް ދައްކަމުން އައިސްފައި ވަނީ މީހުން ތަރައްގީ ކުރާ ވާހަކަ ކަމަށާއި، ކުދި ބޮޑު ރަށެއް ނުބަލައި މީހުން ތަރައްގީކުރުމަށް ކުރަން ޖެހޭ ހުރިހާ މަސައްކަތެއް ވެސް އެމްޑީޕީން ކުރާނެ ކަމަށް އެކަމަނާ ވިދާޅުވިއެވެ.

ރައީސް ޞާލިޙްގެ ދިފާއުގައި މާރިޔާ ގިނަ ވާހަކަތަކެއް ދައްކަވާފައި ވާއިރު، މިދިޔަ ހަތަރު އަހަރު ދުވަހުގެ ތެރޭ އަދުގެ ސަރުކާރުން ޕާޓީގެ ވައުދު ފުއްދެވުމަށްޓަކައި އެމަނިކުފާނު ކުރެއްވި މަސައްކަތްތަކުގެ މައްޗަށް އަލިއަޅުވާލައި ވާހަކަދައްކަވާފައިވެއެވެ. މާރިޔާ ވިދާޅުވީ، މިއަދު ނުކުމެ ނަޝީދު ސަރުކާރުގެ ސިޔާސަތަށް ފާޑު ވިދާޅުވި ކަމުގައި ވީނަމަވެސް އެ ފަލްސަފާއަކީ 2018 ވަނަ އަހަރު އެމްޑީޕީން ވެރިކަމަށް އައުމަށް ރައްޔިތުންނަށް ވިއްކި ފަލްސަފާ ކަމަށެވެ.

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީ ފެށެން އެއް މަސް ދުވަހަށް ވެފައިވާއިރު، ރައީސް ނަޝީދަށް ތާއީދު ކުރައްވާ މެމްބަރުންނާއި ރައީސް ޞާލިޙްއަށް ތާއީދު ކުރައްވާ މެމްބަރުންގެ މެދުގައި ބަހުގެ ހަމަލާތައް ބަދަލުކުރުން ވަނީ އިތުރުވެގެން ގޮސްފައެވެ.