ރައީސުލްޖުމްހޫރިއްޔާ އިބްރާޙީމް މުޙައްމަދު ޞާލިޙަކީ ރިޔާސީ އިންތިޚާބު ކާމިޔާބު ކުރުމަށްޓަކައި ބޭނުންވާ ޙިކުމަތާއި ވިސްނުން ހުންނެވި ސިޔާސީ ލީޑަރެއް ކަމާމެދު ސުވާލު ނުއުފެދޭ ކަމަށް، ރާއްޖެއިން ސިންގަޕޫރަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު އަދި ޑީއާރްޕީގެ ކުރީގެ ލީޑަރު ތަސްމީން އަލީ މިރޭ ވިދާޅުވެއްޖެއެވެ.

ކުރިއަށް އޮތް އެމްޑީޕީގެ ރިޔާސީ ޕްރައިމަރީއަށް ރައީސް ޞާލިޙަށް ކެމްޕެއިން ކުރުމަށް މިހާރު ކުރިއަށްދާ ޖަލްސާގައި ވާހަކަދައްކަވަމުން ތަސްމީން ވިދާޅުވީ، ރައީސް ޞާލިޙަކީ ހެޔޮ ވެރިކަމެއް ކުރަން ބޭނުންވާ ހުރިހާ ސިފަތަކެއް ހުރި ބޭފުޅެއް ކަން ވޭތުވެ ދިޔަ ހަތަރު އަހަރުގެ ތެރޭގައި ދިވެހި ރައްޔިތުންނަށް ސާބިތު ކޮށްދީފައިވާ ކަމަށާއި، ކުރިއަށް އޮތް ރިޔާސީ އިންތިޚާބު ކާމިޔާބު ކުރުމަށްޓަކައި އެމަނިކުފާނު އިޚްތިޔާރު ކުރަން ޖެހޭ ކަމަށެވެ.

އަދި ކޮވިޑްގެ ބަލިމަޑު ކަމުގެ ތެރޭގައި ވެސް ދިވެހި ރައްޔިތުންނަށް ލިބެންޖެހޭ ޚިދުމަތްތަކަށް ބުރޫ ނާރައި، ލުއި ފަސޭހަ ކަމާއެކު އެ ޚިދުމަތްތައް ލިބޭނެ އިންތިޒާމް ހަމަޖައްސައި ދެއްވާފައިވާ ކަމީ އެކަމުގެ ހެއްކެއް ކަން، ތަސްމީން ފާހަގަކުރެއްވިއެވެ.

ކުރިއަށް އޮތް ރިޔާސީ އިންތިޚާބު ކާމިޔާބު ކުރުމަށްޓަކައި، އަދި އަންނަން އޮތް އިންތިޚާބުގައި މީގެކުރިން އަޅުގަނޑުމެންނަށް ފެނިގެން ދިޔަ ރައީސް ޔާމީންގެ އަނިޔާވެރި ޚުދުމުޚުތާރު ކޮރަޕްޓް ސިފަތައް އަލުން އަޅުގަނޑުމެންގެ ތެރޭގައި އިޔާދަ ވިޔަ ނުދިނުމަށްޓަކައި އަޅުގަނޑުމެން އިޚްތިޔާރު ކުރަން ޖެހޭ ކެންޑިޑޭޓަކީ އެއްވެސް ޝައްކެއް ނެތް ގޮތުގައި ރައީސް އިބްރާޙީމް މުޙައްމަދު ޞާލިޙް.ޑީއާރްޕީގެ ކުރީގެ ލީޑަރު ތަސްމީނު އަލީ

މީގެ އިތުރުން، އިދިކޮޅު ލީޑަރު ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި އެމްޑީޕީގެ އެކްޓިވިސްޓުންނާއި އެމީހުންގެ އާއިލާތަކުން ބޮޑެތި އަނިޔާތަކާ ކުރިމަތިލާން ޖެހުނު ކަން ފާހަގަކުރައްވައި ތަސްމީނު ވިދާޅުވީ، މިއަދު އެމްޑީޕީގެ ޕްރައިމަރީ އެއް ބާއްވަން ތައްޔާރުވަމުން އަންނައިރު ރައީސް ޔާމީންގެ ވެރިކަމުގައި ހުރި ބޭއިންސާފުގެ ސިފަތައް އަލުން އިއާދަވެ ނުދިނުމަށް އޮތް މަގު އިޚްތިޔާރު ކުރުމަށް ހަނދާން ކުރުން މުހިންމު ކަމަށެވެ.

އަދި އެކަން ކާމިޔާބު ކުރެވެން އޮތީ އަންނަން އޮތް އިންތިޚާބުގައި ރައީސް ޞާލިޙަށް ވޯޓު ދީގެން ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީއަށް ރައީސް މުޙައްމަދު ނަޝީދާއި ރައީސް ޞާލިޙް ކުރިމަތިލައްވާފައިވާއިރު، ދެ ބޭފުޅުންގެ ކެމްޕެއިން ވެސް ކުރިއަށް ދަނީ ވަރަށް ވާދަވެރި ކަމާއެކުއެވެ.