ޑިޒްނީގެ މާވެލްގެ ބޮޑެތި ސުޕަހީރޯތައް އުފެއްދި ލެޖެންޑަރީ ކޮމިކް އާޓިސްޓް ސްޓޭން ލީގެ ޑޮކިއުމެންޓަރީއެއް ރިލީޒްކުރުމަށް ތައްޔާރުވެއްޖެއެވެ.

މާވެލް ކޮމިކް ވާހަކަތައް އުފެއްދުމުގައި އެންމެ ކުރިން ވެސް މަސައްކަތް ކުރި ސްޓޭންލީގެ 100 ވަނަ އުފަން ދުވަހާ ދިމާކޮށް އޭނާގެ މަރު ހަނދާން ކުރުމުގެ ގޮތުން ޑިޒްނީ އިން އޭނާގެ ޑޮކިއުމެންޓްރީ ނެރުމަށް އަންނަނީ މަސައްކަތް ކުރަމުންނެވެ.

ޑިޒްނީގެ ސްޓްރީމިން ސާވިސް ޑިޒްނީ ޕްލަސްއިން އަންނަ އަހަރު ނެރުމަށް ތައްޔާރުވާ ސްޓޭން ލީގެ ޑޮކިއުމެންޓްރީ އިއުލާނުކޮށްފައި ވަނީ މިދިޔަ ބުދަ ދުވަހުގައެވެ. ޑޮކިއުމެންޓްރީގައި ސްޓޭންގެ އަމިއްލަ ހަޔާތާއި ކޮމިކް ކެރެކްޓަރުންތައް އުފެއްދުމުގެ ފަހަތުގައި މަސައްކަތް ކުރިގޮތުގެ ވާހަކަ ކިޔައިދޭނެއެވެ.

ސްޕައިޑާ މޭން އާއި އެކްސްމޭން އިތުރުން އެތައް ސަތޭކަ ކެރެކްޓަރުންތަކެއް އުފެއްދުމުގައި މަސައްކަތް ކުރި ސްޓޭން އަކީ ޑިޒްނީގެ މާވެލް ބޮޑެތި ފިލްމުތަކުގައި ކެމިއޯ ރޯލުތަކުން ފެނިގެން ގޮސްފައި މީހެކެވެ.

ސްޓޭން ލީ އޭނާގެ ކޮމިކް ދުނިޔެއިން ކެރެކްޓަރުންތައް އުފައްދަން ފަށާފައިވަނީ 1943 ވަނަ އަހަރުގައެވެ.

އެއަށްފަހު އުފައްދާފައިވާ ކޮމިކްތަކާއެކު އެތައް ބަޔަކަށް ވަނީ ހަމަޖެހުމާއި ހިތްވަރު ލިބިގެން ގޮސްފައެވެ. މި ވާހަކަތަކަކީ އެތައް ޒަމާނަކަށް ދެމިދާނެ ވާހަކަތަކެކެވެ.

ސްޓޭން ލީގެ ޑޮކިއުމެންޓަރީ އެއް ނެރޭތީ އޭނާގެ ފޭނުން ތިބީ ވަރަށް ބޮޑަށް އުފަލުންނެވެ. އަދި އެ ޑޮކިއުމެންޓްރީއަށް ވަރަށް ބޮޑަށް އިންތިޒާރު ކުރާ ކަމަށް ފޭނުން ވަނީ ބުނެފައެވެ.

ސްޓޭން ލީ މަރުވެފައިވަނީ ހިތުގެ މައްސަލައަކާ ގުޅިގެން 2017 ވަނަ އަހަރުގައެވެ. އޭރު އޭނާގެ އުމުރުން 95 އަހަރެވެ.