މިއަހަރުގެ ދައުލަތުގެ ބަޖެޓްގައި މަސްވެރިންނަށް ސަބްސިޑީގެ ގޮތުގައި ދިނުމަށް ކަނޑައަޅާފައިވާ 100 މިލިއަން ރުފިޔާގެ ތެރެއިން އެއް މިލިއަން ރުފިޔާ ފިޝަރީޒް މިނިސްޓްރީގެ އިދާރީ ހިންގުމަށް ބޭނުންވާ ކަމަށް ބުނުމުން، އިދާރީ ހިންގުމަށް އެ ފައިސާ ދޫކުރަން މާލިއްޔަތު ކޮމެޓީން ދެކޮޅު ހަދައިފި އެވެ.

މަސްވެރިންނަށް ސަބްސިޑީ ފައިސާ ދޭނެ އުސޫލުތައް ބަޔާންކޮށް މާލިއްޔަތު ކޮމެޓީއަށް ފިޝަރީޒުން ހުށަހެޅި ލިޔެކިޔުންތަކުގައި ބުނެފައި ވަނީ މަސްވެރިން މަހަށް ފުރިކަން ޔަގީން ކުރުމަށް ދޯނިތަކުގައި ހަރުކުރާ ވެސަލް ލޮކޭޓިން ޑިވައިސް (ވީއެލްޑީ)ގެ ޓެކްނިކަލް މަސައްކަތް ކުރަން ހަ މުވައްޒަފުން ބޭނުންވާ ކަމަށެވެ. އަދި އިދާރީ ބައެއް ކަންތައް ކުރުމަށް ވެސް ފައިސާ ބޭނުންވާ ކަމަށެވެ.

މާލިއްޔަތު ކޮމެޓިއަށް އެ މައްސަލަ ހުށަހެޅުމުން ކޮމެޓީގެ ހުރިހާ މެންބަރުން ވަނީ އިދާރީ ހިންގުމަށް ފައިސާ ދޫކޮށްގެންނުވާނެ ކަމަށް ބުނެފަ އެވެ. އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ މެންބަރު އިލްޔާސް ލަބީބު ވިދާޅުވީ މަސްވެރިކަމުގެ ސިޔާސަތު ކުރިއެރުވުމަށްޓަކައި ދައުލަތުގެ ބަޖެޓުން މަސް ވެރިންނަށް ދޭން ކަނޑައަޅާފައިވާ ސަބްސިޑީ ރައްދުވާން ޖެހޭނީ މަސްވެރިންނަށް ކަމަށެވެ. އަދި ވިދާޅުވީ އެ ފައިސާ ފިޝަރީޒްގެ އިދާރީ ހިންގުމަށް ދޫކޮށްގެން ނުވާނެ ކަމަށާއި ފިޝަރީޒް މިނިސްޓްރީގައި ތިބި ސިވިލް ސާވަންޓުން ލައްވައި ވީއެލްޑީގެ މަސައްކަތް ކުރެވޭނެ ކަމަށެވެ. އަދި އިދާރީ ބޭނުމަކަށް ފައިސާ ހަރަދު ކުރަންޖެހޭނީ ފިޝަރީޒް މިނިސްޓްރީގެ ބަޖެޓުން ކަމަށް ވެސް އިލްޔާސް ލަބީބު ވިދާޅުވި އެވެ.
"ސިވިލް ސާވިސް މުވައްޒަފުން މިނިސްޓްރީގައި ތިއްބަވާނެ އެބޭފުޅުން މެދުވެރިކޮށް މިކަން ކުރެވޭނެ. މިނިސްޓްރީގެ ކެޕޭސިޓީ އިތުރު ކުރަންޏާ ޖެހޭނީ މިނިސްޓްރީގެ ބަޖެޓުން އެ ފައިސާ ހަރަދުކުރަން. ސަބަބަކީ ދަނޑުވެރިކަމާއި މަސްވެރިކަމާ ބެހޭ މިނިސްޓްރީއަކީ ފިޝަރީޒް މިނިސްޓްރީ ކަމަށްވާތީ، އިދާރީ ހިންގުމަށް ސަބްސިޑީގެ ފައިސާ ހަރުދުކޮށްގެން ނުވާނެ،"

ޕީޕީއެމްގެ ޕާލަމެންޓްރީ ގްރޫޕްގެ މެންބަރު އަބްދުﷲ މަސީހު މުހައްމަދު ވިދާޅުވީ ސަބްސިޑީ ދިނުމުގައި ރަށްރަށުގެ ކައުންސިލް އިދާރާތަކުން ވެސް އިދާރީ ބޮޑެތި މަސައްކަތްތަކެއް ކުރާނެ ކަމަށާއި އިތުރު މުވައްޒަފުން ބޭނުން ނުވާ ކަމަށެވެ.

މަސްވެރިންނަށް ސަބްސިޑީ ދޭނެ އުސޫލުތައް ބަޔާންކޮށް ފިޝަރީޒުން ބުނެފައި ވަނީ ރާއްޖޭގައި މަސްވެރިކަން ކުރުމަށް ރަޖިސްޓްރީކޮށްފައިވާ 1058 ދޯންޏަށް ތެލުގެ ސަބްސިޑީގެ ގޮތުގައި 76.5 މިލިއަން ރުފިޔާ ދޭންޖެހޭއިރު، އައިސްގެ ގޮތުގައި ސަބްސިޑީ ދިނުމަށް 12.721 މިލިއަން ރުފިޔާ ދޭން ބޭނުންވާ ކަމަށެވެ. އަދި ދޯނިތަކުގައި ވީއެލްޑީ ހަރުކުރުމަށް 7.1 މިލިއަން ރުފިޔާ ދިނުމަށް ވެސް ފިޝަރީޒުން މާލިއްޔަތު ކޮމެޓީގެ ލަފަޔަކަށް އެދިފައިވެ އެވެ.