29 Dec 2022, 18:51
ނުރަސްމީ ދަތުރުފުޅެއްގައި ރައީސުލްޖުމްހޫރިއްޔާ އިބްރާޙީމް މުޙައްމަދު ޞާލިޙާއި އަނބިކަނބަލުން ފަޒްނާ އަޙުމަދު ސްރީލަންކާއަށް މިއަދު ވަޑައިގެންފިއެވެ.
ރައީސް ޞާލިޙް ލަންކާއަށް ފުރާވަޑައިގެންފައި މިވަނީ ކުރިއަށް އޮތް އެމްޑީޕީގެ ރިޔާސީ ޕްރައިމަރީއަށް ކުރިމަތިލައްވައި ކެމްޕެއިން ފެއްޓެވުމަށް ފަހުއެވެ. އިއްޔެ އެމަނިކުފާނު ވަނީ ގިނަ ދުވަސްތަކަކަށް ފަހު ނޫސްވެރިންނާ ބައްދަލުކުރައްވައި ނޫސްވެރިންގެ ގިނަ ސުވާލުތަކަށް ޖަވާބު ދެއްވާފައެވެ.
ރައީސްގެ މި ދަތުރުފުޅާ ބެހޭ އެއްވެސް ތަފްސީލެއް ހާމަކުރައްވާފައެއް ނުވެއެވެ. ވެރިކަމާ ހަވާލުވެވަޑައިގެންނެވި ފަހުން އެމަނިކުފާނު ވަނީ ސްރީލަންކާއަށް ގިނަ ނުރަސްމީ ދަތުރުފުޅުތަކެއް ކުރައްވާފައެވެ. ފަޒްނާގެ އާއިލާ މެމްބަރުން ލަންކާގައި ދިރިއުޅުއްވައެވެ.
އެގޮތުން ރައީސް އެންމެ ފުރަތަމަ ލަންކާއަށް ވަޑައިގެންނެވީ 2019 ވަނަ އަހަރުގެ ޖެނުއަރީ މަހުގެ 3 ވަނަ ދުވަހުއެވެ. އެއަށްފަހު އެއަހަރުގެ ޑިސެމްބަރު މަހުގެ 31 ވަނަ ދުވަހު އަދި ނިމިދިޔަ އަހަރުގެ ޖޫން މަހުވެސް ރައީސްގެ ދެކަނބަލުން ވަނީ ލަންކާއަށް ވަޑައިގެންފައެވެ.