މޯލްޑިވްސް ޑިވެލޮޕްމަންޓް އެލައަންސް (އެމްޑީއޭ)ގެ ވެރިކަމެއްގައި ރާއްޖެއަށް ބޭނުންވާ ތަރުކާރީ އާއި މޭވާގެ ތިން ބައިކުޅަ އެއްބައި އުފައްދާނީ، ޒަމާނީ ޓެކްނޮލޮޖީގެ ވަސީލަތްތައް ބޭނުންކޮށްގެންކަމަށް، އެމްޑީއޭގެ ރައީސް އަދި ރައްޔިތުންގެެ މަޖިލީހުގެ ދ. މީދޫ ދާއިރާގެ މެމްބަރު އަހްމަދު ސިޔާމް މުހައްމަދު މިއަދު ވިދާޅުވެއްޖެއެވެ.

ސިޔާމް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ދަނޑުވެރިކަމަކީ، ނަފާވެރި، އަދި ދަނޑުވެރިންގެ ޖީބަށް ޑޮލަރު ވަންނަ މަސައްކަތަކަށް ހައްދަވައިދެއްވާނެ ކަމަށެވެ.

ރާއްޖެއަށް ބޭނުންވާ ގިނަ ކާބޯތަކެއްޗާއި މޭވާ އެތެރެ ކުރަނީ ރާއްޖެއިން ބޭރުގެ އެކި ގައުމުތަކުންނެވެ. ނަމަވެސް ޝިޔާމްގެ ތަސައްވުރުގައި، އެއީ ރާއްޖޭގެ ފުޑް ސެކިއުރިޓީއަށް ބަލާއިރު އެންމެ ފުރިހަމައަށް އޮންނަ ކަމެއް ނޫނެވެ. އަދި އެ ކަމަށް ފަހި ގޮތެއް ފެންނާނީ އަމިއްލަ ގައުމުގައި ކާބޯތަކެތި އުފައްދައިގެންކަމަށް ޝިޔާމް ދެކެވަޑައިގަންނަވައެެވެ.

އެގޮތުން ރާއްޖޭގެ ހަތަރު ސަރަހައްދަކަށް ބަހައިލައިގެން ބިން ހުރި ފަޅު ރަށްތަކެއް ނަގައި، ޓެކްނޮލޮޖީ ބޭނުންކޮށްގެން ދަނޑުވެރިކަން ކުރުމުން ރާއްޖެއަށް ބޭނުންވާ މޭވާއާއި ތަރުކާރީ ލިބޭނެ ކަމަށް ޝިޔާމް ދެކެވަޑައިގަންނަވައެވެ.

މީގެ އިތުރުން ގިނައިން އާޓިފިޝަލް ބޭސް ނުވަތަ ފާޓިލައިޒާ ނާޅާ އެ ކަން ކުރެވޭނެ މަގު ފަހި ކުރުމަކީ ވެސް ސިޔާމްގެ ތަސައްވަރެކެވެ.