މާލެ ސިޓީން ކުނި ނެގުމަކީ ކިހާވަރެއްގެ ބުރަ މަސައްކަތެއްކަން މިހާރު މާލެސިޓީގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒަށް، ވަރަށް ރަނގަޅަށް އެނގިވަޑައިގަންނަވާނޭ ކަމަށާއި، މިހާރު މަގުތަކަށް ނެރޭ ކުނި އުކާލުމަކީ ވެމްކޯގެ ޒިއްމާއެއް ނޫންކަމަށް ވެމްކޯގެ މެނޭޖިންގ ޑިރެކްޓަރު ޔޫސުފް ސިރާޖު މިއަދު ވިދާޅުވެއްޖެއެވެ.

މާލެ ސިޓީން ކުނި ނެގުމުގެ މައްސަލައިގައި މާލެސިޓީ ކައުންސިލާއި، ވެމްކޯއާ ދެމެދު އުފެދިފައިވާ ދެބަސްވުންތަކާ ގުޅޭގޮތުން މިއަދު ވެމްކޯގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ޔޫސުފް ސިރާޖް ވިދާޅުވީ، ވިލިމާލެއާއި، މާލެސިޓީގެ މަގުތަކާއި، ހުސްބިންތަކާއި، އަދި ޕާކުތަކާ، އެ ނޫންވެސް އާއްމު ތަންތަނުން ކުނި ނެގުމަށް މާލެސިޓީ ކައުންސިލާއެކު 2019 ވަނަ އަހަރު ހަދާފައިވާ އެއްބަސްވުމުގެ މުއްދަތު މިހިނގާ ޑިސެމްބަރު މަހުގެ 26 ވަނަ ދުވަހު ހަމަވެފައިވާ ކަމަށެވެ.

ސިރާޖު ވިދާޅުވީ ވެމްކޯއިން ސިޓީ ކައުންސިލާއެކު އެއްބަސްވުން ހަދައި ކުނިނެގުމުގެ މަސައްކަތް ފެށި ހިސާބުން ވެސް އެ ކުންފުންޏަށް އެކަން ނުކުރެވޭކަން ދެއްކުމަށް ސިޓީކައުންސިލުން އެކިފަހަރުމަތިން ހަޖޫޖަހަމުން ގެންގޮސްފައިވާ ކަމަށެވެ.

ކުނި ނެގުމަށް ވެފައިވާ އެއްބަސްވުން މިދިޔަ ހޯމަދުވަހަށް ހަމަވުމާ ހިސާބަށް 24 ގަޑިއިރު މާލެސިޓީން ކުނި ނެގުމުގެ މަސައްކަތް ކުރިއަށްގެންދިޔައިރު، ރަޖިސްޓްރީ ނުކުރާ ގޭގެއިން މާލޭގެ މަގުތަކަށް އަޅާ ކުނިވެސް އެކުންފުނިން ނަގަމުން ގެންގޮސްފައި ވާނޭ ކަމަށް ސިރާޖު ވިދާޅުވިއެވެ.

"މާލެސިޓީ ކައުންސިލަށް ހަމަ ރަނގަޅަށް އެނގޭނެ ރަޖިސްޓްރީ ނުކުރާ ކޮންކޮން ގޭގޭ ތަކަކުންކަން މަގުތަކަށް ކުނިއަޅަނީ. މިކަން މާލެސިޓީ ކައުންސިލްގެ ސަމާލުކަމަށް އެކިފަހަރުމަތިން ގެނެސްފައިވާނެ،" ސިރާޖު ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ މާލެސިޓީގައި 60،000 ހާސް ގޭބިސީ ހުންނައިރު، ކުނި އުކުމަށް ވެމްކޯގައި ރަޖިސްޓްރީކޮށްފައިވަނީ 25،000 ހާސް ގޭބިސީން ކަމަށެވެ. ރަޖިސްޓްރީ ނުކުރާ ގޭގެއިން މަގުތަކަށް އަޅަމުންދާ ކުނި ކޮތަޅުތައް ވެސް މި ވީތަނަށް ވެމްކޯއިން ގެންދިޔައީ އުކާލަމުންކަމަށް ސިރާޖު ވިދާޅުވިއެވެ.

ސިރާޖު ވިދާޅުވީ އެއްބަސްވުމުގެ މުއްދަތު ހަމަވިފަހުން އެގޮތަށް މަގުތަކަށް އަޅަމުންދާ ކުނިތައް ނެގުމަކީ ވެމްކޯއިން ކުރަންޖެހޭ ކަމެއް ނޫން ކަމަށެވެ. ވެމްކޯއިން ނަގާނީ ކުނިނެގުމަށް އެކުންފުނީގައި ރަޖިސްޓްރީކޮށްފައި ހުރި ގޭބިސީތަކުން އުކާލާ ކުނިކަމަށް ވެސް ސިރާޖު ވިދާޅުވިއެވެ.

"ވެމްކޯއިން ކުނި ނަގާނީ ދެ ގޮތަކަށް. އެއީ ގޭގެއަށް ގޮސް ގެންނާއި މުޅި އިމާރާތުން އުކާލާ ކުނި. މުޅި އިމާރާތުން އުކާލާ ކުނި އަޅުގަނޑުމެން ނަގާނީ އިމާރާތުގެ އެންމެ ތިރިން. ސިޓީ ކައުންސިލަށް ކުނި ނުނެގެންޏާ ވެމްކޯއާ އެކަން ހަވާލުކުރައްވާ" ސިރާޖު ވިދާޅުވިއެވެ.

މަގުމައްޗަށް ކުނިތައް ނެރެފައި ހުންނަ މައްސަލާގައި ވެމްކޯ އާއި މާލެސިޓީ އާ ދެމެދު ދެބަސްވުން އުފެދިފައިވާއިރު، މާލެ ސިޓީ ކައުންސިލުން ބުނެފައިވަނީ، ގޭބިސީން ކުނި އުކާލުމުގައި ވެމްކޯއިން އަދާކުރަންޖެހޭ ޒިންމާ އަދާކުރަމުން ނުދާ ކަމަށެވެ.