11 Apr 2012, 10:19
ދުބާއި (އެޕްރިލް 11) : ސޫރިޔާގެ ސުލްޙައިގެ ޕްލޭން ތަންފީޒުކުރަން ފެށުމުގެ ސުންގަޑި ފާއިތުވެގެން ދިޔައިރުވެސް އެޕްލޭން ތަންފީޒުވަމުން ނުދާކަމަށް ޚަބަރުލިބިއްޖެވެ.
ސޫރިޔާގެ އިދިކޮޅު ފަރާތްތަކާއި ސަރުކާރުންވެސްވަނީ މިކަން ކަށަވަރުކޮށްދީފައެވެ. އިދިކޮޅު ފަރާތްތަކުންބުނީ ހަމަނުޖެހުން ހިނގާ ސަރަޙައްދުތަކުން ސޫރިޔާ ސަރުކާރުގެ ސިފައިންނާއި ހަތިޔާރު ބާލާފައިނުވާ ކަމަށާއި ޙަމަލާތައް ހުއްޓާލުމުގެ ސުންގަޑިފާއިތުވުމަށްފަހުވެސް ސަރުކާރު ސިފައިންގެ ޙަމަލާތަކުގައި 31 މީހަކު މަރުވެފައިވާ ކަމުގައެވެ.
ސޫރިޔާގެ ޚާރިޖީ ވަޒީރު ވަލީދުލްމުޢައްލިމް ވިދާޅުވީ ޙަމަލާތައް ހުއްޓާލުމުގެ ސުންގަޑި ޖެހުމުގެ ކުރިން ވަރަށް ގިނަ ވެލެޖްތަކުންނާއި ރައްތަކުން ސަރުކާރު ސިފައިން ބާލަމުންގެންދިޔަ ކަމަށާ ނަމަވެސް އިދިކޮޅު ހަނގުރާމަވެރިން ތަކުރާރުކޮށް ޙަމަލާތައް ދެމުން ގެންދިޔުމުގެ ސަބަބުން ސިފައިން ބޭލުން ހުއްޓާލެވިފައިވާ ކަމުގައެވެ. ސުންގަޑި ޖެހުމަށްފަހު އިދިކޮޅުހަނގުރާމަވެރިން ދިން ޙަމަލާތަކުގައި ސިފައިންގެ 6 މީހަކު މަރުވެފައިވާ ކަމަށްވެސް މުޢައްލިމް ވިދާޅުވިއެވެ.
އދ. އާއި ޢަރަބި ލީގުގެ މަންދޫބު ކޯފީ އަނާންވަނީ ސޫރިޔާގެ ސުލްޙައިގެ ޕްލޭން ތަންފީޒު ނުކުރެވޭ މައްސަލާގައި އިދިކޮޅު ފަރާތްތަކުގެ ބަދަލުގައި ސޫރިޔާ ސަރުކާރަށް ފާޑުވިދާޅުވެފައެވެ. އދ. ގެ ސަލާމަތީ މަޖިލީހަށް ފޮނުއްވި ސިޓީއެއްގައި އަނާން ވިދާޅުވީ ސުލްޙައިގެ އިޝާރާތްތައް ދިނުމުގައި ސޫރިޔާ ސަރުކާރު ފޭލްވެފައިވާ ކަމުގައެވެ. އޭނާ ވިދާޅުވީ ޙަމަލާތައް ހުއްޓާލުމުގެ ސުންގަޑި ފާއިތުވުމަށްފަހުވެސް ސޫރިޔާ ސިފައިން ޢާންމުންގެ ގެދޮރަށާއި ޢާންމުންނާ ދެކޮޅަށް ބަރުހަތިޔާރުން ޙަމަލާތައް ދެމުން ގެންގޮސްފައިވާ ކަމުގައެވެ. ޙަމަލާތައް ހުއްޓާލުމުގެ ސުންގަޑި ކަމަށް ބަލާފައިވަނީ އިއްޔެރޭގެ މެންދަމު 12 އެވެ.
ނަމަވެސް ސޫރިޔާ ސަރުކާރުން އަނާންގެ ވާހަކަތައް ދޮގުކުރެއެވެ. ސޫރިޔާގެ ސުލްޙައިގެ ޕްލޭން ތަންފީޒުކުރަން ފެށުމަށް އަލުން ސޫރިޔާ ސަރުކާރަށް ބާރުއެޅުމުގެ ގޮތުން ކަމަށް ވިދާޅުވެ ކޯފީ އަނާންވަނީ އީރާނުގެ މަސްއޫލުވެރިންނާ ބައްދަލުކުރެއްވުމަށްޓަކައި ތެހެރާނަށް ވަޑައިގެންފައެވެ.
ސޫރިޔާގެ ސުލްހައިގެ ޕްލޭން އަދި ތަންފީޒު ކުރެވެމުން ނުދިޔަ ނަމަވެސް އެޕްލޭން ފޭލްވެއްޖެކަމަށް އަދި ޤަބޫލުނުކުރައްވާ ކަމަށް އަނާން ވިދާޅުވިއެވެ. 13 މަސްވީ ސޫރިޔާގެ ދާޚިލީ ހަމަނުޖެހުންތަކުގައި 10 ހާހަށްވުރެ ގިނަމީހުން މަރުވެފައިވާ ކަމަށް ރިޕޯޓްތައް ބުނެއެވެ. -- އަލްޖަޒީރާ