އަންނަ މަހު 28ގައި ބާއްވަން ނިންމައިފައިވާ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވޯޓު ދިނުމުގެ ހައްގު ލިބިގެންވާ މީހުންގެ ލިސްޓު އިއްޔެ އާންމުކޮށްފިއެވެ.

އެޕާޓީން އިއްޔެ ކުރި އިއުލާނެއްގައި ވަނީ ރިޔާސީ ޕްރައިމަރީގައި ވޯޓު ދިނުމުގެ ހައްގު ލިބިގެންވާ މީހުންގެ ލިސްޓު އާންމުކޮށް، އެއަށް ޝަކުވާ ހުށަހެޅުމުގެ ފުރުސަތު ހުޅުވައިލައިފައެވެ. އަންނަ އާދިއްތަ ދުވަހުގެ ހަވީރު 4:00 އާ ހަމައަށް އެ ފުރުސަތު އޮންނާނެއެވެ.

އެޕާޓީގެ ވޯޓާސް ލިސްޓުގައި ވާގޮތުން ޖުމުލަ، 57،714 މީހުންނަށް އެޕާޓީގެ ޕްރައިމަރީގައި ވޯޓު ލެވޭނެއެވެ.

އެކަމަކު، މިދިޔަ މެއި މަހު ބޭއްވި އެމްޑީޕީގެ ޗެއާޕާސަން އިންތިޚާބާއި މިދިޔަ އަހަރު އެޕްރީލް މަހު ބޭއްވި ދާއިރާތަކުގެ އިންތިޚާބުގައި ވޯޓުލުމުގައި 93،000އަށް ވުރެ ގިނަ މެންބަރުންނަށް ވޯޓު ދިނުމުގެ ހައްގު ވަނީ ލިބިފައެވެ.

ޗެއާޕާސަންގެ އިންތިޚާބަށް ފަހު، އިލެކްޝަންސް ކޮމިޝަނުގެ ދަފުތަރާއި އެއްގޮތް ކުރުމަށް އެޕާޓީގެ ދަފުރަތުގައި ތިބި 39،000އަށް ވުރެ ގިނަ މެންބަރުން ވަނީ ވަކިކޮށްފައެވެ.

އެކަމާ ގުޅިގެން އެޕާޓީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ގެންދަވަނީ ބޮޑެތި ތުހުމަތުތަކެއް ކުރައްވަމުންނެވެ. މިގޮތުން އެއީ ޕްރައިމަރީ ގަޑުބަޑު ކުރުމަށް ކޮށްފައިވާ ކަމެއް ކަމަށް އެމަނިކުފާނު ގަބޫލުކުރައްވައެވެ.

އެކަމަކު، އެޕާޓީގެ ޗެއާޕާސަންގެ ނައިބު އިބްރާހިމް ވަހީދު (އިބުރޭ) ވަނީ އެކަން ދޮގުކުރައްވައިފައެވެ. އޭނާ ވިދާޅުވީ ޕާޓީން ވަކިކުރީ އެހެން ޕާޓީތަކުގައި ނަން އޮތް މެންބަރުން ކަމަށެވެ.

އެމްޑީޕީގެ ޕްރައިމަރީ ބާއްވަން އިއުލާނުކޮށްފައިވަނީ އެޕާޓީ ތެރޭ ވަރަށް ބޮޑަށް ބައިބައިވުން އުފެދި، ޕާޓީ ދެކަފިވެފައިވަނިކޮށެވެ.

ދެ ރައީސުންގެ މެދުގައި ނުތަނަވަސްކަން ބޮޑުވެފައިވަނީ ވެރިކަމުގައި ނިޒާމާއި ގުޅޭ ގޮތުންނެވެ. ދައުރުގެ މެދުން ބޮޑުވަޒީރުކަމަށް ވަޑައިގަތުމުގެ ޝައުގުވެރިކަން ނަޝީދުގެ ހުންނެވި ނަމަވެސް ރައީސް ޞާލިހް ގެންދަވަނީ ފާޅުގައި ރިޔާސީ ނިޒާމަކަށް ތާއީދުކުރައްވަމުންނެވެ. ދެ ރައީސުން ވެސް މިހާރު ގެންދަވަނީ ޕްރައިމަރީއަށް ކެމްޕޭން ކުރައްވަމުންނެވެ.