29 Dec 2022, 15:14
ނ. ވެލިދު އާއި އެ އަތޮޅު ޅޮހީގެ ބަނދަރު މަރާމާތުކުރަން އެމްޓީސީސީއާ ހަވާލުކޮށްފިއެވެ.
ޕްލޭނިން މިނިސްޓްރީގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި މިކަމާ ގުޅޭ އެއްބަސްވުމުގައި މިނިސްޓްރީގެ ފަރާތުން ސޮއި ކުރެއްވީ އެ މިނިސްޓްރީގެ ޑިރެކްޓަ ޖެނެރަލް ފާތިމަތު ޝާނާ ފާރޫޤެވެ. އަދި އެމްޓީސީސީގެ ފަރާތުން ސޮއި ކުރެއްވީ އެ ކުންފުނީގެ ޖެނެރަލް މެނޭޖަރު ޝިފާއު އަލީއެވެ.
ވެލިދޫ ބަނދަރު މަރާމާތު ކުރަން އެމްޓީސީސީއާ ހަވާލުކުރީ 500 ދުވަހުގެ ތެރޭގައި އެ މަސައްކަތް ނިންމާ ގޮތަށެވެ. ދައުލަތުގެ ބަޖެޓުން 50 މިލިއަނަށް ވުރެ ގިނަ ރުފިޔާ ހޭދަވާ މި މަޝްރޫއުގެ ދަށުން 67،000 ކިއުބިކް މީޓަރުގެ ބަނދަރު ފުން ކުރުމާއި، 19،513 ކިއުބިކް މީޓާރުގެ އާ ބަނދަރު ފުން ކުރުމާއި އަދި 2،414 ކިއުބިކް މީޓަރުގެ ނެރު ފުން ކުރާނެއެވެ.

ޕްލޭނިން މިނިސްޓްރީ އާ އެމްޓީސީއާ އެކު ސޮއި ކުރުމުގެ ތެރެއިން --- ފޮޓޯ/ ޕްލޭނިން މިނިސްޓްރީ
ޅޮހީ ބަނދަރުން 66،701 ކިއުބިކް މީޓަރު ފުން ކުރުމާއި، 2،205 ކިއުބިކް މީޓަރުގެ ނެރު ފުން ކުރުމުގެ އިތުރުން އިތުރު މަސައްކަތްތައް ވެސް ކުރުމަށް ހަމަޖެހިފައިވެއެވެ. މި މަސައްކަތް 640 ދުވަހުގެ ތެރޭގައި ނިންމާ ޕްލޭނިން މިނިސްޓްރީ އާ ހަވާލުކުރަން ޖެހެއެވެ. މި މަޝްރޫއަށް 68 މިލިއަނަށް ވުރެ ގިނަ ރުފިޔާ ހޭދަ ވާނެއެވެ.
މީގެ އިތުރުން ގއ. ދެއްވަދޫ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަސައްކަތް ވެސް މިއަދު ވަނީ އެމްޓީސީސީއާ ހަވާލުކޮށްފައެވެ.
އެ މަސައްކަތް އެ ކުންފުންޏާ ހަވާލު ކުރީ 210 ދުވަހުގެ ތެރޭގައި ނިންމާ ގޮތަށެވެ. މި މަސައްކަތުގެ ދަށުން އެރަށުގެ އުތުރު، އިރުމަތި އަދި ދެކުނު ފަރާތު ގިރާ ސަރަހައްދު ހިމާޔަތް ކުރުމުގެ ގޮތުން 120 މީޓަރުގެ ބޮޑު ހިލައިގެ ރިވެޓްމެންޓް ޖެހާނެއެވެ. އަދި ބޮޑު ހިލައިގެ 11 ވައި-ގްރޮއިންގެ 440 މީޓަރު ގާއިމް ކުރުމުގެ އިތުރުން ގޮނޑުދޮށް ވެލިން މުއްސަނދި ކުރާނެއެވެ.
މި މަސައްކަތަށް ދައުލަތުގެ ބަޖެޓުން 24 މިލިއަނަށް ވުރެ ގިނަ ރުފިޔާ ހޭދަވާނެއެވެ.