29 Dec 2022, 13:43
ރާއްޖޭގައި ހިމަޔާތްކޮށްފައިވާ މަޑީގެ ބާވަތްތަކަށް ގޯނާވެދާނެ އެއްވެސް ކަމެއް ނުކުރުމަށް އެންވަޔަރަމަންޓް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ)އިން ހަނދާން ކޮށްދީފިއެވެ.
ރާއްޖޭގެ ފަތުރުވެރިކަމުގެ ޕީކް ސީޒަން ފެށިފައިވާއިރު، ފަތުރުވެރިންނާ ގުޅުންހުރި މޫދު ކުޅިވަރުތަކާއި އެކި ހަރަކާތްތައް ރަށްރަށުގައާއި ރިސޯޓުތަކުގައި އަންނަނީ ހިންގަމުންނެވެ.
އެގޮތުން، ސްނޯކްލިންއާއި، ޑައިވިންއާއި ކްރޫޒިންއާއި މޫދަށް އެރި އުޅުން ފަދަ ކަންކަމުގައި، ބައެއް ފަހަރު މަޑީގެ ބާވަތްތަކަށް ގޯނާވާ ފަދަ އަމަލުތައް ކުރެވޭކަމަށް އީޕީއޭއިން ބުންޏެވެ. އެހެންވެ، އެތަކެއްޗަށް ގޯނާ ނުވާނެ ގޮތަށް ކަންކަން އިންތިޒާމު ކުރުމަށް ވަނީ އެދިފައެވެ.
އީޕީއޭއިން ބުނީ ގުދުރަތީ ގޮތުގައި ނުވަތަ ތަބިއީ ގޮތުގައި ހިމާޔަތްކޮށް ރައްކާތެރިކުރާ ދިރޭ ތަކެއްޗާ ބެހޭ ގަވައިދުގެ ދަށުން ރާއްޖޭގެ ކަނޑުފަޅުތަކުގައި އުޅޭ ހުރިހާ ބާވަތެއްގެ މަޑިއަކީ ހިމާޔަތްކުރެވިފައިވާ އެއްޗެހި ކަމަށެވެ.
އެހެންވެ، މަޑީގެ ހަރަކާތްތައް ބަލާ، ކަނޑުގައި އެ ތަކެތި އުޅޭ ސަރަހައްދުގައި ދުވާއިރު އެ ތަކެއްޗާ އުޅަނދާ ދެމެދު ތިން މީޓަރުގެ ދުރުމިނެއް ބެހެއްޓުމަށް އީޕީއޭއިން ވަނީ އެދިފައިވެއެވެ. އަދި ބައެއް ބާވަތުގެ މަޑިއަކީ ކާނާ ހޯދަން ކަނޑުގެ ލޮނުގަނޑުން މައްޗަށް އަރާ ބާވަތުގެ މަޑިއަށްވާތީ، އެ ކަމަށް ސަމާލުވެ، މަޑުން އުޅަނދު ދުއްވަން ވެސް ވަނީ ނަސޭހަތްތެރިވެފައިވެއެވެ.
އެގޮތުން އެންމަޑިއާއި، ވައިފިޔަމަޑިއާއި މި ނޫނަސް މަޑީގެ ގިނަ ބާވަތްތަކަކީ، ބައިނަލްއަގްވާމީ އެކި މުއާހަދާތަކުން ނެތިދާނެކަމުގެ ބިރު ފާޅުކޮށްފައިވާ ތަކެެތިކަމަށް އީޕީއޭއިން ބުންޏެވެ. އެންމެ ބިރު ބޮޑީ، ރީފް މަންތާރޭއާއި ޖަޔަންޓް އޯޝަނިކް މަންތާރޭ ނެތިދާނެތީއެވެ.
"މީގެ އިތުރުން މި ދިރުންތަކަކީ މި ސަރަހައްދުގެ އެހެން ގައުމުތަކުން ވަރަށް ފުޅާ ދާއިރާއެއްގައި، ބާނަމުންދާ ދިރުންތަކަކަށްވެފައި، އަދި ވިހާ އަލާވުމަށް ދިގު މުއްދަތެއް ނަގާ ދިރުންތަކަކަށްވާތީ، އޭގެ އާބާދީތައް ދެމެހެއްޓުމުގައި ދިވެހިރާއްޖޭގެ އަމާން ކަނޑުފަޅުގެ ސަރަހައްދުތައް ވަރަށް މުހިންމު ދައުރެއް އަދާކުރަން ޖެހެއެވެ،" އީޕީއޭ އިން މިއަދު ނެރުނު އިއުލާނެއްގައިވެއެވެ.
މީގެ އިތުރުން އެފަދަ ދިރުމަކަށް ގެއްލުން ލިބިދާނެ އެއްވެސް ކަމެއް ކުރުމަކީ މަނާކަމެއް ކަމަށާއި އެ ކަން ކުރާނަމަ އޭގެ އަދަބު ލިބޭނެކަމަށް ވެސް އީޕީއޭއިން އިންޒާރުދިނެވެ.

މަންތާއެއްގެ ހަރަކާތްތައް ބަލަނީ -- ފޮޓޯ: އަނަންތަރާ ކިހަވައް މޯލްޑިވްސް
މިކަމާ ގުޅޭ ގޮތުން އިތުރަށް ވާހަކަދައްކަވަމުން އީޕީއޭގެ ޑިރެކްޓަ ޖެނެރަލް އިބްރާހީމް ނައީމް މިއަދު "ސަން"އަށް ވިދާޅުވީ، ރިސޯޓުތަކުގައާއި މަޑި އެއްވާ ސަރަހައްދުތަކުގައި އެންމެ އާންމީ، މަޑިތަކަށް ކާންދިނުން ކަމަށެވެ.
ނަމަވެސް އެއީ އޭގެ ސަބަބުން ނޭދެވޭ ގިނަ އަސަރުތައް މަޑިތަކުގެ ސިއްހަތަށާއި، ދިރުމާއި އޭގެ އުޅުމަށް ކުރާނެ ކަމެއްކަމަށް ނައީމް ވިދާޅުވިއެވެ.
"އޭގައި އަތްލައި، އޭގައި އަތް އުނގުޅައި، އެހެން ގޮސް އިންސާނުންގެ ބަލިތައް އެއަށް އަރައި، އޭގެ ޑައިޖެސްޓިވް ސިސްޓަމަށް މައްސަަލަ ޖެހި، ލޭގައާއި ހަށިގަނޑުގައި ހުންނަން ޖެހޭ މައިކްރޯ ނިއުޓްރިޝަންތަކަށް ބަދަލު އައިސް، ދިފާއީ ނިޒާމަށް ބަދަލު އައިސް، ހަންޓިން ބިހޭވިއާ އަށް ބަދަލު އައިސް، މި ކަހަލަ ގިނަ ކަންކަމާ ގުޅިފައި މި އޮންނަނީ ކާން ދިނުން. އެހެންވެ ތަރުހީބު ނުދޭ ކަމެއް އެއީ،" ނައީމް ވިދާޅުވިއެވެ.
މީގެ އިތުރުން އޭނާ ވިދާޅުވީ މަޑީގެ ހަރަކާތް ބަލާއިރު، އޭގެ ގުދުރަތީ މާހައުލުގައި ބެލުމަކީ ވެސް ކުރެވިދާނެ ކަމެއް ކަމަށެވެ.
އަދި އެއްވެސް ދިރުމަކަށް ގެއްލުން ނުވާނެހެން އިންސާނުންގެ އަމަލުތައް ބަހައްޓަން ވެސް އޭނާ އެދިލެއްވިއެވެެ.