ޗެލްސީއަށް ކުޅޭ އިނގިރޭސި ފުލްބެކް، ރީސް ޖޭމްސް އަނިޔާއިން ރަނގަޅުވެ ކުޅުނު ފުރަތަމަ މެޗުގައި އަނެއްކާ ވެސް އޭނާއަށް އަނިޔާވެއްޖެއެވެ.

އޭނާއަށް ފުރަތަމަ އަނިޔާވީ ގަތަރުގައި މިދިޔަ މަހުގެ 18 ވަނަ ދުވަހުން މިމަހުގެ 20 ވަނަ ދުވަހަށް ކުރިއަށް ގެންދިޔަ ފީފާ ވޯލްޑްކަޕް ފެށެން މަހަކަށް ވެފައިވަނިކޮށް ޗެމްޕިއަންސް ލީގުގައި އޭސީ މިލާން ބަލިކުރި މެޗުގައެވެ.

އަނިޔާގެ ސަބަބުން އަށް މަސް ދުވަހު ނުކުޅެ ހުރުމަށް ފަހު، މުޅިން ރަނގަޅުވެގެން ޕްރިމިއާ ލީގުގައި ރޭ ބޯންމައުތާ ދެކޮޅަށް ޗެލްސީން ކުޅުނު މެޗުގެ ފުރަތަމަ 11 ގައި އޭނާ ވަނީ ހިމަނައިފައެވެ.

އެކަމަކު، މެޗުގެ 53 ވަނަ މިނެޓުގައި ޖޭމްސްގެ ކަކުލަށް އަނިޔާވެ އޭނާ ވަނީ ބަދަލުކޮށްފައެވެ.

މެޗަށް ފަހުގައި ނޫސްވެރިންނާ ވާހަކަ ދައްކަމުން ޗެލްސީގެ ކޯޗު ގްރަހަމް ޕޮޓާ ބުނީ ޖޭމްސްގެ އަނިޔާއަކީ މާ ބޮޑު އަނިޔާއަކަށް ނުވާނެކަމަށް އުންމީދުކުރާކަމަށާއި އޭނާ ވަރަށް އަވަހަށް އަނިޔާއިން ރަނގަޅުވެގެން ކުޅުމުގައި ބައިވެރިވާނެކަމަށް އުންމީދު ކުރާ ކަމަށެވެ.

ނަމަވެސް ޖޭމްސްއަށް ދެން ކުޅުމުގައި ބައިވެރިވެވޭނީ ހަތަރު ހަފުތާ ފަހުން ކަމަށް ރިޕޯޓުތައް ބުނެއެވެ.