މާލޭގެ ގޭބީސީތަކުން މަގުތަކުގައި ބަހައްޓާ ކުނި ވެމްކޯއިން ނުނެގުމުން، ސިޓީ ކައުންސިލުން އެ މަސައްކަތްކޮށް، މިހާތަނަށް 10 ޓަނުގެ ކުނި ނަގައިފިއެވެ.

މާލޭގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވީ، ވެމްކޯއިން ރޭ ކުނި ނުގެންދާ ކަމަށެވެ. އެހެންނަމަވެސް އެއީ ވެމްކޯގެ ޒިންމާއެއްކަމަށް މުއިއްޒު ވިދާޅުވިއެވެ. ނަމަވެސް ވެމްކޯއިން ތަކުރާރުކޮށް ޖެއްސުން ކުރަމުން އަންނަކަމުގެ ތުހުމަތުކުރެއްވިއެވެ.

"އެ ކުނީގެ 10 ޓަނުގެ ކުނި، މިހާތަނަށް ކައުންސިލުން ނަގައިފިން. އަދި އެ ކުނި ގެންގޮސް ވެމްކޯއަށް ވެއްދޭނީ ވެސް ވެމްކޯގެ ގޭޓު ފައިސާ ދައްކައިފައި،" މުއިއްޒު ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ، މާލެ ތެރޭ ސާފުކޮށް ބެލެހެއްޓުމަށް ޓަކައި ކުރަން ޖެހުނު ކޮންމެ ކަމެއް ކުރާނެކަމަށެވެ. އަދި މާލޭގެ އާންމު ތަންތަނާއި މަގުތައް ސާފުކޮށް ބެހެއްޓުމަށް ޓަކައި މަސައްކަތް ކުރާއިރު، އެ ކަމުގައި އާންމުންގެ އެއްބާރުލުން ދިނުމަށް ވެސް މުއިއްޒު އިލްތިމާސް ކުރިއެވެ.

ވެމްކޯއާއި ސިޓީ ކައުންސިލާ ދެމެދު ގިނަ މައްސަލަތަކެއްވަނީ ޖެހިފައެވެ. އެއަށްފަހު މާލެ ތެރެ ސާފުކޮށް ބެލެހެއްޓުމުގެ މަސައްކަތް ކުރަން ސިޓީ ކައުންސިލުންވަނީ ނިންމައިފައެވެ. އަދި ކައުންސިލުގައި އެ މަސައްކަތަށް ޚާއްސަ ސެކްޝަނެއް އުފައްދަން ނިންމިއެވެ.

އެއާއެކު މިހާރު އެ ކައުންސިލުންވަނީ މާލޭ އެތެރެ ކުނިކަހަން މުވައްޒަފުން ހޯދަަން އަލުން އިއުލާނު ވެސް ކޮށްފައެވެ.