29 Dec 2022, 11:25
އުތުރު ތިލަފަޅު (ޔޫޓީއެފް) ތަރައްޤީ ކުރުމަށް ރާއްޖެއިން އިންޑިއާކު ވެފައިވާ އެއްބަސްވުމުގެ ދަށުން އެ ތަން ތަރައްގީކުރުމުގެ މަސައްކަތް އިންޑިއާ ސަރުކާރުގެ ކުންފުންޏެއްކަމަށްވާ ރެއިލް ވިކާސް ނިގަމް ލިމިޓެޑާ ހަވާލުކޮށްފިއެވެ.
އިންޑިއާގެ ނޫސްތަކުން ރިޕޯޓުކޮށްފައިވާ ގޮތުގައި މި މަޝްރޫއު ހަވާލުކުރީ 186 މިލިއަން ޑޮލަރަށެވެ. އެއީ 2.9 ބިލިއަން ރުފިޔާއެވެ.
އެގޮތުން އިންޑިއާގެ ނޫހެއް ކަމަށްވާ "ބިޒްނަސް ޓުޑޭ"ގައިވާ ގޮތުން، މި މަޝްރޫއު އެ ކުންފުންޏާ ހަވާލުކުރީ އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓްރީންނެވެ. މި މަޝްރޫއު ހަވާލުކޮށްފައިވަނީ ދެ އަހަރުގެ މުއްދަތެއްގެ ތެރޭ ނިންމަންޖެހޭ ގޮތަށެވެ.
މީގެ އިތުރުން ބިޒްނަސް ޓުޑޭގައި ރިޕޯޓުކޮށްފައިވާ ގޮތުން މި މަޝްރޫއު ރެއިލް ވިކާސް ނިގަމް ލިމިޓެޑް ކުންފުންޏަށް އެވޯޑުކުރުމާއެކު އެ ކުންފުނީގެ ހިއްސާގެ އަގުވަނީ ފަސް ޕަސެންޓުން އިތުރުވެފައެވެ.
ދިވެހި ސަރުކާރުން އިންޑިއާ ސަރުކާރާއެކު އުތުރު ތިލަފަޅު ތަރައްގީކުރުމުގެ އެއްބަސްވުމުގައި ސޮއިކުރީ 2021ވަނަ އަހަރުގެ ފެބްރުއަރީ މަހުގައެވެ. އެއީ އެ ފަޅުގައި އެމްއެންޑީއެފް ކޯސްޓު ގާޑަށް ބަނދަރަކާއި ޑޮކްޔާޑެއް ތަރައްގީކުރުމަށެވެ.
އުތުރު ތިލަފަޅު ތަރައްގީކުރުމުގެ މަޝްވަރާތައް ފެށީ 2013ވަނަ އަހަރު ކުރީގެ ރައީސް ޑރ. މުހައްމަދު ވަހީދު ހަސަން މަނިކުގެ ވެރިކަމުގައެވެ. އެ މަޝްވަރާތައް 2016ވަނަ އަހަރު ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމުގެ ވެރިކަމުގައި ވެސް ވަނީ ކޮށްފައެވެ.
ނަމަވެސް މިހާރުގެ ސަރުކާރުން މި މަސައްކަތަށް އިންޑިއާއާއެކުގައި ސޮއިކުރުމުން އިދިކޮޅު ޕީޕީއެމުން ގިނަ ކަންބޮޑުވުންތަކެއްވަނީ ފާޅުކޮށްފައެވެ. އެގޮތުން އެ އެއްބަސްވުމުގައި އަސްކަރީ ގޮތް ނޭނގޭ ގިނަ ކަންތައްތަކެއް ހިމެނޭ ކަމަށް ބުންޏެވެ. އަދި އިންޑިއާ ސިފައިން ރާއްޖޭގައި ބައިތިއްބަން އެ އެއްބަސްވުމުގައިވާކަމަށް ބުނެ ތުހުމަތު ވެސް ވަނީ ކޮށްފައެވެ.
އުތުރު ތިިލަފަޅު އެއްބަސްވުން ހާމަކުރަން އިދިކޮޅު މެމްބަރުންނާއި، އެމްޑީޕީ މެމްބަރުން ވެސް ގޮވައިލިއެވެ.
އެ މައްސަލަ ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ޚިދުމަތްތަކާ ބެހޭ ކޮމިޓީ (241 ކޮމިޓީ)އަށް ވެސްވަނީ ހުށަހަޅައިފައެވެ. ކޮމިޓީން ނިންމީ އެ އެގްރީމަންޓުގައި ރާއްޖޭގެ ސަލަމާތަށް އެއްވެސް ނުރައްކަލެއް ނެތްކަމަށެވެ.
އެއާއެކު އިންޑިއާ އަސްކަރިއްޔާގެ ނުފޫޒު ރާއްޖޭގައި އޮތްކަމަށް ބުނެ "އިންޑިއާ އައުޓު"ގެ ނަމުގައި ކެމްޕެއިނެއް ވެސް އިދިކޮޅުން ފެށިއެވެ.
އެހެންނަމަވެސް މިހާރު އެ ކެމްޕެއިންވަނީ މަޑުޖައްސަައިލައިފައެވެ.