ފުލުހުންގެ ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓާއި އިންޓެލިޖެންސް ގުޅިގެން ރޭ މާލޭގައި ހިންގި ދެ އޮޕަރޭޝަނެއްގައި ބަނގުރާ ފުޅިތަކެއް ހޯދައި ތިން މީހުން ހައްޔަރުކޮށްފިއެވެ.

ފުލުހުން މިއަދު ބުނީ އެ އޮޕަރޭޝަންތަކުގެ ތެރެއިން ރޭ 20:00 އެހައިކަންހާއިރު ހިންގި އޮޕަރޭޝަނަކީ މާލޭ ގެއެއްގައި ބަނގުރާ ކައްކާކަމަށް ލިބުނު މައުލޫމާތަކާ ގުޅިގެން ހިންގި އޮޕަރޭޝަނެއް ކަމަށެވެ.

އެގޮތުން ޑްރަގް އެންފޯސްމަންޓުން ހިންގި އެ އޮޕަރޭޝަނުގައި 32 އަހަރުގެ ބިދޭސީ ފިރިހެނަކު ހައްޔަރުކޮށް އޭނާ ދިރިއުޅޭ ގެ ބަލައިފާސްކޮށްފައިވެއެވެ.

އެ ގެ ބަލައިފާސްކުރިއިރު ބަނގުރާ ކެއްކުމަށް ބޭނުންކުރާކަމަށް ބެލެވޭ ތަކެއްޗާއި ބަނގުރާ ކަމަށް ބެލެވޭ އެއްޗެއްހުރި ފަސް ލީޓަރުގެ ތިން ފުޅިއާއި ބަނގުރާ ކަމަށް ބެލެވޭ އެއްޗެއްހުރި 500 އެމްއެލްގެ 52 ފުޅި ފެނިފައިވާ ކަމަށް ފުލުހުން ބުންޏެވެ.

އޭގެ އިތުރުން ރޭ ހިންގި ދެވަނަ އޮޕަރޭޝަނަކީ ރޭ 19:36 އެހައިކަންހާއިރު މާލޭގެ ގެއެއްގައި ބަނގުރާ ގެންގުޅޭކަމަށް ޑްރަގް އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން ހިންގި އޮޕަރޭޝަނެކެވެ.

ފުލުހުން ބުނި ގޮތުގައި އެ އޮޕަރޭޝަނުގައި 25 އަހަރުގެ މީހަކާއި 26 އަހަރުގެ މީހަކު ހައްޔަރުކޮށްފައިވެއެވެ. މި ދެ މީހުންނަކީ ވެސް ބިދޭސީ ފިރިހެނުންނެވެ. އެ އޮޕަރޭޝަންގައި ހައްޔަރުކުރި ދެ މީހުންނާ ގުޅުންހުރި މާލޭގެ ދެ ގެއެއް ބަލައިފާސްކުރިއިރު 192 ފުޅި ބަނގުރާ އަދި 111 ދަޅު ބިޔަރު ފެނިފައިވާ ކަމަށް ފުލުހުން ބުންޏެވެ.

މި ދެ މައްސަލަ ވެސް ޑްރަގް އެންފޯސްމަންޓުން ގެންދަނީ ތަހުގީގު ކުރަމުން ކަމަށް ފުލުހުން ބުންޏެވެ.

ދާދި ފަހުން ވެސް މާލޭގައި ހިންގި އޮޕަރޭޝަނެއްގައި ގިނަ އަދަދެއްގެ ބަނގުރާފުޅިތަކެއް ވަނީ ހޯދައިފައެވެ.