11 Apr 2012, 10:05
ތައިލެންޑްގެ އައްސޭރިފަށުގައި ހިނގާ ފެންބޮޑުވުމުގެ ހާދިސާތަކުން ބަލިމީހުން ސަލާމަތް ކުރުމަށް 400 ދަނޑިފައި (ތަނބު) ގެ މަތީގައި ހޮސްޕިޓަލެއް ބިނާކުރާނެ ގޮތާއި ރާއްޖޭގައި ފެންމަތީގައި މިސްކިތަކާއި ގޮލްފް ކޯހެއް ހަދާނެ ގޮތް އާކިޓެކްޓުން ހޯދީ ކީއްވެގެން ހެއްޔެވެ؟ ފަހަރެއްގައި އެއީ މޫސުމަށް އަންނަ ބަދަލުތަކާއި ދުނިޔެ ހޫނުވުމުގެ ސަބަބުން ކަނޑުގެ ލޮނުގަނޑު އުފުލުމާއި ސިޔާސީ ލީޑަރުން ސިޔާސީ ބޭނުމަށް ދެއްކި ވާހަކައެއްގެ ގޮތުގައި އޮތް އެ މައްސަލައަށް މަސައްކަތް ތެރިން ވިސްނަން ފެށުމުން ނަތީޖާ ކަމަށް ވެދާނެ އެވެ.
މޫސުމީ ބަދަލުތަކާއި ގުޅޭ ގޮތަށް އިމާރާތްތަކާއި ތަންތަން ބިނާކުރާނެ ގޮތްތައް ހޯދުމުގެ ދަތުރުގެ ހުންގާނުގައި ތިބި ހޮލެންޑްގެ އާކިޓެކްޓުން މިހާރު ވަނީ އެކަމުގައި ކާމިޔާބީތަކެއް ހޯދާފަ އެވެ. އެމީހުން ވަނީ ކަނޑުމަތީގެ ގެއަކާއި ޖަލެއް އަދި ގަސް ހައްދާނެ ގްރީން ހައުސް ތަކެއް ފަރުމާކޮށްފައެވެ. ނަމަވެސް އެފަދަ މަސައްކަތްތައް ކާމިޔާބުކަމާ އެކު ކުރުމަށް އަދި ގިނަ މައުލޫމާތުތަކެއް ބޭނުންވާ ކަމަށް އާކިޓެކްޓުން ދަނީ ބުނަމުންނެވެ.
" ފެންމަތީ އޮންނަ ގޮތަށް އިމާރާތް ކުރުމަށް މިހާރު ކުރިއަށް ވުރެ ބޮޑަށް އަމާޒު ކުރެވޭ، މިހާރު އެއީ ހަމައެކަނި އާދަޔާ ހިލާފު އާކިޓެކްޓް މަސައްކަތަކަށް ވުރެ ބޮޑަށް އެއީ ދެމެހެއްޓެނިވި ފަސޭހަ ގޮތެއް ކަމަށް ބެލެވެނީ، " ހޮލެންޑްގެ އާކިޓެކްޓެއް ކަމަށްވާ ކޮއެން އެލްތުއިސް ބުނި ކަމަށް އޭޕީގައި ރިޕޯޓްކޮށްފައި ވެއެވެ. އޭނާ ބުނެފައި ވަނީ އެފަދަ ގޮތަކަށް އިމާރާތް ކުރުމުގެ ޝައުގުވެރިކަން ސަރުކާރުތަކުގެ ތާއީދު އިތުރުވަމުން އަންނަ ކަމަށެވެ. އަދި އޭޝިޔާގެ ބައެއް ގައުމުތަކާއި ރަޝިޔާގެ އަމިއްލަ އިންވެސްޓަރުންގެ ޝައުގުވެރިކަން ވެސް އެކަމަށް ބޮޑު ކަމަށެވެ.
ރާއްޖޭގައި އަންނަ އަހަރު ފެށުމަށް ހަމަޖެހިފައިވާ މަޝްރޫއުގައި ކޮންވެންޝަން ސެންޓަރުތަކާއި ހޮޓާތައް އަދި 18 ހޯލްގެ ގޮލްފް ކޯހެއް އެޅުމަށް ހަމަޖެހިފައިވެއެވެ. ދިވެހި ސަރުކާރާއި އަމިއްލަ ފަރާތްތަކުން ހަރަދުކުރާ ގޮތަށް ހިންގާ އެ މަޝްރޫއު ނިމޭނީ 2015 ވަނަ އަހަރު އެވެ.
އެލްތުއިސް ބުނާ ގޮތުގައި ވޯޓަ ސްޓޫޑިއޯއިން މިހާރު ވަނީ ފެނުގައި އަޅާ 600 ގެ ފަރުމާކޮށްފަ އެވެ. އެތެރެ ހުސްކޮށް އޮންނަ ތަނބުތަކެއްގެ މަތީގައި އިމާރާތްކުރާ ގެތަކަކީ ވެސް އެފަދަ މަސައްކަތެކެވެ. އެ ގެތަކަކީ ފެން ބޮޑުވެއްޖެ ހާލަތެއްގައި ބޯޓެއް ހެން ފެން މައްޗަށް އަރާނެ ގެތަކެކެވެ.
ނެދަލޭންޑްގެ އާކިޓެކްޓުން އުއްމީދުކުރާ ގޮތުގައި އެމީހުންގެ ފަރުމާ ތަކުގެ ސަބަބުން ހަމައެކަނި ހިކިފަސް ތަނުގައި ގެ އެޅުމުގެ ބަދަލުގައި ފެނުގައި ގެއެޅުމަށް މީހުން ޝައުގުވެރިވާން ފަށާނެ އެވެ. -- އޭޕީ