ގޫގުލްއިން އެކުލަވާލި މަސައްކަތުގެ ފެންވަރު ބަލާ ސިސްޓަމްގެ ސަބަބުން އެކުންފުނީގެ 10،000 މުވައްޒަފުންނަށް އަސަރުކުރާނެކަމަށް އޮންލައިން ރިޕޯޓްތައް ބުނެފިއެވެ.

ގޫގުލް އިން އެކުންފުނީގެ އާ "ޕާފޯމަންސް ރިވިއު ސިސްޓަމް" ތައާރަފްކޮށްފައިވާއިރު، ޓްވިޓާ، އެމެޒޯން އަދި މެޓާ ފަދަ ބިޔަ ކުންފުނިތަކުންވެސް މިއަހަރު ވަނީ ގިނަ އަދަދެއްގެ މުވައްޒަފުން ވަޒީފާއިން ވަކިކޮށްފައެވެ.

ޓެކް ކުންފުނިތަކުން މުވައްޒަފުން ވަޒީފާއިން ވަކިކުރުމާ މެދު ގޮތެއް ނިންމިއިރު، ނޮވެމްބަރު މަހުއެކަނިވެސް ޓެކް ވަޒީފާތަކުން ވަކިކުރި މީހުންގެ އަދަދު 45،000އަށް ވުރެ މައްޗަށް ގޮސްފައިވާ ކަމަށް ރިޕޯޓްތައް ބުނެއެވެ.

ޓެކް ކުންފުނިތަކުން މިހާ ގިނަ އަދަދަކަށް މީހުން ވަޒީފާއިން ވަކިކޮށްފައިވާއިރު، ގޫގުލް އިން ވެސް މި އަހަރު އެކުންފުނިން އަލަށް ނެރުނު ޕާފޯމަންސް ރިވިއު ސިސްޓަމްގެ ދަށުން މުވައްޒަފުންގެ މަސައްކަތުގެ ފެންވަރު ވަނީ ރިވިއުކޮށްފައެވެ.

އެ ނިޒާމުގެ ދަށުން ރިވިއުކުރި މުވައްޒަފުންގެ ތެރެއިން ގާތްގަނޑަކަށް 10،000 މުވައްޒަފުންގެ މަސައްކަތުގެ ފެންވަރު ދަށް ކަމަށް ގޫގުލްއިން ވަނީ ފާހަގަކޮށްފައެވެ.

ގިނަ އަދަދެއްގެ މުވައްޒަފުންގެ ވަޒީފާ ގެއްލިދާނެކަމުގެ ބިރު ހީވެފައިވާއިރު، މުވައްޒަފުންގެ ފެންވަރު ބަލާ މިންގަނޑުގައި ދީފައިވާ މާކްސް ނުވަތަ ކަނޑައެޅި ގްރޭޑުގައި ޕްރޮސީޖަރަލް އަދި ޓެކްނިކަލް މައްސަލަތަކެއް އުޅޭ ކަމުގެ ޝަކުވާ މުވައްޒަފުން އަންނަނީ ކުރަމުންނެވެ.

ގޫގުލްގެ މި އާ ރޭންކިން ސިސްޓަމްގެ ދަށުން ފުލްޓައިމް މުވައްޒަފުންގެ ތެރެއިން ގާތްގަނޑަކަށް 6 ޕަސެންޓް މުވައްޒަފުން ދެ ޕަސެންޓަށް ވުރެ ދަށު ދަރަޖައިގެ ކެޓަގަރީއަކަށް ވެއްޓޭނެ ކަމަށް ވަނީ އަންދާޒާ ކުރެވިފައެވެ.

އާ ރޭންކިން ސިސްޓަމްގައި މަތީ މާކްސް ހޯދަން އުނދަގޫވާނެއެވެ. މިގޮތުން، ގޫގުލްއިން މީގެ ކުރިން މުވައްޒަފުންގެ މަސައްކަތް ރިވިއުކޮށް މުވައްޒަފުންގެ ގާތްގަޑަކަށް 27 ޕަސެންޓް މީހުން އެންމެމަތީ ކެޓަރީއަށް ހޮވިފައިވީ ނަމަވެސް އަލަށް އެކުލާވާލި ނިޒާމުގެ ދަށުން އެއަދު ވަނީ ގާތްގަނޑަކަށް 22 ޕަސެންޓަށް ދަށް ވާނެ ކަމަށް ލަފާކޮށްފައެވެ.

ސީއެންބީސީން އެކުލާވާލި ދިރާސީ ރިޕޯޓެއްގައި ބުނެފައިވާގޮތުން ކުންފުނީގެ މުވައްޒަފުންނަށް އެމީހުންގެ މަސައްކަތުގެ ފެންވަރު ދަށްކަމަށް ބެލެވިފައިވާތީ ވަޒީފާ ގެއްލިދާނެކަމުގެ ނުރައްކާ އޮންނާނެއެވެ. އަދި މަތީ މާކްސް ކެޓަގަރީއަށް ދާނީ މަދު މުވައްޒަފަކު ކަމަށް އެ ރިޕޯޓުގައި ބުނެފައިވެއެވެ.

ރިޕޯޓްތައް ބުނާ ގޮތުން ޕާފޯމަންސް އިމްޕްރޫވްމަންޓް ޕްލޭނަށް އަމަލުކުރަން ފެށުމާ އެކު ސާޗް ޖަޔަންޓު ގޫގުލްއިން 10،000 މުވައްޒަފުން ވަކި ކުރާނެއެވެ. މިކަމުގެ ފަހަތުގައި މާކެޓުގެ ނުރަނގަޅު ހާލަތާއި، ޚަރަދުތައް ކުޑަކުރުމުގެ ބޭނުންތެރިކަން ފަދަ ކަންކަން ހިމެނޭކަމަށް ބައެއް މީޑިއާތަކުން ބުނެއެވެ.