އިނގިރޭސި ޕްރިމިއާ ލީގުގައި އެންމެފަހުގެ ޗެމްޕިއަން މެންޗަސްޓާ ސިޓީއިން ލީޑްސް ޔުނައިޓެޑުގެ މައްޗަށް ކުރިހޯދައި ޕޮއިންޓު ތާވަލުގެ އެއްވަނައިގައި އޮތް އާސެނަލްއާ ދެމެދު ފަރަގު ކުޑަކުރިއިރު، އެ ޓީމުގެ އާލިންގް ހާލަންޑު ލަނޑު ޖެހުމުގެ ރެކޯޑެއް މުގުރާލައިފިއެވެ.

ލީޑްސްގެ ދަނޑުގައި ކުޅުނު މި މެޗުން ސިޓީ މޮޅުވީ 1-3 ގެ ނަތީޖާއަކުންނެވެ.

މުޅި މެޗުހެން ކޮންޓްރޯލް ކޮށްގެން މޮޅަށް ކުޅެމުންދިޔަ ސިޓީގެ ކުޅުންތެރިން ވަނީ ގިނަވަގުތު ބޯޅަ ހިފަހައްޓައި، ގިނަ ހަމަލާތަކެއް އުފައްދާފައެވެ. އެގޮތުން މެޗުގައި އެ ޓީމުން 26 ހަމަލާއެއް އުފެއްދިއިރު ގޯލާއި އަމާޒުވާ ގޮތަށް ފޮނުވާލެވުނީ އޭގެތެރެއިން ނުވަ ހަމަލާއެކެވެ.

ސިޓީން މެޗުގައި ފުރަތަމަ ލަނޑުޖަހައި ލީޑުނެގީ ފުރަތަމަ ހާފުގެ 45 މިނެޓުގެ ކުޅުންހަމަވެ ދެއްކި އިތުރުވަގުތުގެ ތެރޭގައެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބު ކޮށްދިނީ އެ ޓީމުގެ ސްޕެއިން މިޑްފީލްޑަރު ރޮޑްރީ އެވެ. މިއީ ރިޔާދް މަހްރޭޒް ފޮނުވާލި ހަމަލާއެއް ލީޑްސްގެ ކީޕަރު ދިފާއުކުރުމުން ރިބައުންްސް ވެގެން އައި ބޯޅަ ގޯލުގެ ތެރެއަށް ވައްދާލައިގެން ރޮޑްރީ ކާމިޔާބުކުރި ލަނޑެކެވެ.

ފުރަތަމަ ހާފުގެ އެންމެފަހު ވަގުތުކޮޅުގެ ތެރޭގައި ޖެހި ލަނޑާއެކު ލީޑުގައި އޮވެ ސިޓީން ދެވަނަ ހާފުވެސް ފެށީ ވަރުގަދަކޮށެވެ.

މި ހާފުގެ ވަރަށް ކުރީކޮޅުގައި ސިޓީން ވަނީ އިތުރު ލަނޑެއްޖަހައި ލީޑު ފުޅާކޮށްފައެވެ. މިއީ ދެވަނަ ހާފުގެ ހަވަނަ މިނެޓުގައި ލީޑްސްގެ ޑިފެންޑަރު ކޫޕާ ހެދި ގޯހެއްގެ ފައިދާ ނަގައިގެން ޖެކް ގްރީލިޝް ތަނަވަސްކޮށްދިން ފުރުސަތެއްގައި ހާލަންޑު ކާމިޔާބުކުރި ލަނޑެކެވެ.

މި ލަނޑާއެކު ހާލަންޑު ވަނީ އޭނާގެ ބައްޕަ، އަލްފީ ހާލަންޑު ޕްރިމިއާ ލީގުގައި ޖެހި ލަނޑުގެ އަދަދަށްވުރެ ގިނައިން ލަނޑު ޖަހައިފައެވެ. އަލްފީ ވަނީ ޕްރިމިއާ ލީގުގައި ކުޅުނު 181 މެޗުން 18 ލަނޑު ޖަހާފައެވެ.

ސިޓީގެ ތިންވަނަ ލަނޑު ވެސް ކާމިޔާބު ކޮށްދިނީ ގްރީލިޝްގެ ޕާހަކުން ހާލަންޑު އެވެ. މިއީ އޭނާ ވަނީ ޕްރިމިއާ ލީގުގައި ކުޅުނު 14 މެޗުން ޖެހި 20 ވަނަ ލަނޑެވެ. މިއާއެކު ހާލަންޑަކީ ޕްރިމިއާ ލީގުގެ ދިގު ތާރީޚުގައި ވެސް، އެންމެ މަދު މެޗު ކުޅެގެން 20 ލަނޑު ހަމަކޮށް، ރެކޯޑު ގާއިމްކުރި ކުޅުންތެރިޔާއެވެ. މީގެކުރިން އެންމެ މަދު މެޗު ކުޅެ 20 ލަނޑު ހަމަކުރި ކުޅުންތެރިންނަކީ ލިވަޕޫލަށް މީގެކުރިން ކުޅެ މިހާރު ބްރެޒިލްގެ ކުލަބަކަށް ކުޅެމުން އަންނަ އިތުބާރު ފޯވާޑް ލުއިސް ސުއަރޭޒްއާއި ކުރިން މެންޗަސްޓާ ޔުނައިޓެޑަށް ކުޅުނު އެންޑީ ކޯލް އެވެ. އެ ދެ ކުޅުންތެރިން 20 ލަނޑު ހަމަކުރީ 15 މެޗު ކުޅެގެންނެވެ.

ސިޓީއާއި ލީޑްސް ބައްދަލުކުރި މެޗުގެ ތެރެއިން --ފޮޓޯ/ގެޓީ އިމޭޖަސް

ހާލަންޑުގެ ރެކޯޑު ލަނޑާއެކު ބައިކޮޅަށް ލަނޑެއް ވައްދާނުލައި މެޗު ނިންމާލުމުގެ އުންމީދުގައި ސިޓީން ކުޅެމުންދަނިކޮށް، ލީޑްސް ޔުނައިޓެޑުން ވަނީ މެޗުގައި "ސުން" ކަޓުވާފައެވެ. 73 ވަނަ މިނެޓުގައި ގްރީންވުޑްގެ އެހީއާއެކު މި ލަނޑު އެ ޓީމަށް ކާމިޔާބު ކޮށްދިނީ ޕާސްކަލް ސްޓަރްއުކްއެވެ.

މި ނަތީޖާއާއެކު ސިޓީން ވަނީ ލީގު ތާވަލުގެ ދެވަނައަށް ކުރިއަށް ޖެހިލައި، އެއްވަނައިގައި އޮތް އާސެނަލްއާ ދެމެދު ފަސް ޕޮއިންޓަށް ފަރަގު ކުޑަކޮށްފައެވެ. ސިޓީއާ އާސެނަލް ވެސް ލީގުގައި މިހާތަނަށް 15 މެޗު ކުޅެފައިވާއިރު ސިޓީ ދެވަނައިގައި އޮތީ 35 ޕޮއިންޓާއެކުއެވެ. އެއްވަނައިގައި އާސެނަލް އޮތީ 40 ޕޮއިންޓު ހޯދައިގެންނެވެ. މެޗުން ބަލިވި ލީޑްސް އަށް 15 މެޗުން 15 ޕޮއިންޓާއެކު ލިބެނީ ތާވަލުގެ 15 ވަނައެވެ.