ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި ވެރިކަން ކުރާ މައި ޕާޓީ، އެމްޑީޕީން ވާދަކުރާނެ ކެންޑިޑޭޓެއް ކަނޑައެޅުމަށް ބާއްވާ ޕްރައިމަރީގައި ވާދަކުރައްވަން ޖެހިވަޑައިގެންނެވީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙަށް ލިބިވަޑައިގަންނަވާނެ ވޯޓު މަދުވެދާނެ ކަން ސާފުވުމުން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

މިރޭ ސަލްޓަން ޕާކުގައި ކުރިއަށް ގެންދިޔަ ޖަލްސާގައި ވާހަކަދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ، އެމްޑީޕީގެ ރިޔާސީ ޓިކެޓް ރައީސް ޞާލިޙަށް ލިބިވަޑައިގެންފި ނަމަ ރިޔާސީ އިންތިޚާބުގައި 20 އިންސައްތަ ވޯޓުވެސް ރައީސް ޞާލިޙަށް ކާމިޔާބު ނުކުރެވޭނެ ކަމަށެވެ.

ރައީސް ނަޝީދު ވިދާޅުވީ، ވޭތުވެ ދިޔަ ހަތަރު އަހަރު ރައީސް ޞާލިޙް ކުރެއްވިހާވެސް މަސައްކަތަކީ އެމްޑީޕީން ރައީސް ނަޝީދާއި އެމަނިކުފާނަށް ތާއީދުކުރައްވާ މެމްބަރުން ޕާޓީން އެކަހެރި ކުރުން ކަމަށާއި، ޕްރައިމަރީއަށް ކުރިމަތި ލެއްވީ ޕާޓީގެ މެމްބަރުންނަށް އަލުން އެޕާޓީ ހޯދައި ދިނުމަށް ކަމަށެވެ. އަދި، އެއީ އެމްޑީޕީގެ އާންމު މެމްބަރުންގެ ޕާޓީއެއް ކަމަށާއި އެ ޕާޓީ މެމްބަރުންނާ ހަވާލުކޮށް ދެއްވާނެ ކަމަށް ވެސް ރައީސް ނަޝީދު ވިދާޅުވިއެވެ.

އަޅުގަނޑު ނުކުމެ މިހުރީ އެމްޑީޕީގެ ކެންޑިޑޭޓަކަށް ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙް ހޮވިއްޖެ ނަމަ، މި ޕާޓީ އަށް ލިބޭނެ ވޯޓު މަދުވާނެ ކަން އަޅުގަނޑަށް ވަރަށް ބޮޑަށް ފަހުމްވާތީ. އަޅުގަނޑު މި ޕްރައިމަރީއަށް މި ނުކުތީ ތިޔަ ރައްޔިތުންނަށް މި ޕާޓީ އަލުން އަނބުރާ ރައްދުކޮށްދޭނެ، އެމްޑީޕީގެ މިލްކުވެރި ފަރާތަކީ މި ޕާޓީގެ ތިޔަ އިއްޒަތްތެރި މެންބަރުން، މި ޕާޓީގެ ފިކުރު ގަބޫލުކުރާ، މި ޕާޓީގެ ސަޕޯޓަރުން.ރައީސް މުހައްމަދު ނަޝީދު

މީގެއިތުރުން، ހަމައެކަނި އެތެރޭގެ އިންތިޚާބެއް ކާމިޔާބު ކުރުމަށް ރައީސް ނަޝީދަށް ތާއީދުކުރައްވާ 39،000 މެމްބަރުން ރައީސް ޞާލިޙް އެޕާޓީން އެކަހެރި ކުރެއްވި ކަމަށާއި، އެމްޑީޕީގެ ވިސްނުމާ މިސަރުކާރު މާ ބޮޑަށް ދުރުވުމުން ސަޕޯޓަރުން މާޔޫސްވެއްޖެ ކަމަށް ވެސް ނަޝީދު ވިދާޅުވިއެވެ. އަދި، އެމްޑީޕީގެ ދަފުތަރުގައި އޮތް ނަމަވެސް އިލެކްޝަންސް ކޮމިޝަންގެ ދަފުތަރުގައި ނެތް މެންބަރުން ޕާޓީން ވަކިކުރުމަކީ އެމްޑީޕީގެ އާންމު މެންބަރުންގެ އަތުން ޕާޓީ ގެއްލުން ކަމުގައި އެމަނިކުފާނު ސިފަކުރެއްވިއެވެ.

ރައީސް ނަޝީދު މިމޭރުމުން ވާހަކަދެއްވި ނަމަވެސް، ޕްރައިމަރީ ކާމިޔާބު ކުރައްވާނެ ކަމުގެ ފުރިހަމަ ޔަގީންކަން އެބަ އޮތް ކަމުގައި ރައީސް ޞާލިޙް ވަނީ ވިދާޅުވެފައެވެ.

ރައީސް ޞާލިޙު މިއަދު ނޫސްވެރިންނާ ބައްދަލުކުރައްވައި ވިދާޅުވީ އެމްޑީޕީއަށް ރިޔާސީ އިންތިޚާބު ކާމިޔާބު ކުރެވޭނީ އެ މަނިކުފާނަށް ޓިކެޓް ލިބުމުން ކަމަށެވެ.

ހަމައެއާއެކު، ރައީސް ނަޝީދާ ދެމެދު އުފެދިފައިވާ ނުތަނަވަސް ކަމުގެ އަސްލަކީ ރައީސް ނަޝީދު ވެރިކަމަށް ވަޑައިގަންނަވަން ބޭނުންފުޅުވުން ކަމަށް ވެސް މިއަދު ރައީސް ވިދާޅުވިއެވެ.

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީ އަންނަ މަހުގެ 28ގައި ބާއްވަން ތައްޔާރުވަމުން އަންނަ އިރު، ރައީސް ނަޝީދާއި ރައީސް ޞާލިޙާ ދެމެދު ޚިޔާލު ތަފާތުވުން އުފެދި އެމްޑީޕީ ތެރޭގައި ރައީސް ނަޝީދަށް ތާއިދު ކުރާ ފެކްޝަނަކާއި ރައީސް ޞާލިޙަށް ތާއިދު ކުރާ ފެކްޝަނެއް ވަނީ އުފެދިފައެވެ.

އެ ދެ ބޭފުޅުންގެ މެދުގައި މިހާރު އެންމެ ބޮޑަށް ޚިޔާލު ތަފާތުވުން އުފެދިފައި ވަނީ ރާއްޖޭގައި އޮންނަން އެދޭ ވެރިކަމުގެ ނިޒާމަކާ ގުޅޭ ގޮތުންނެވެ. އެގޮތުން ބަރުލަމާނީ ނިޒާމުގެ ދަށުން، ދައުރުގެ މެދުން ބޮޑުވަޒީރުކަމަށް ވަޑައިގަތުމުގެ ޝައުގުވެރިކަން ނަޝީދުގެ ހުންނެވި ނަމަވެސް ރައީސް ޞާލިޙް ގެންދަވަނީ ފާޅުގައި ރިޔާސީ ނިޒާމަކަށް ތާއީދުކުރައްވަމުންނެވެ.